2015 ވަނަ އަހަރުގެ ޖޫން މަހުގެ 9 ވަނަ ދުވަހުގެ ރޭ، 22:00 އެހާކަން ހާއިރު ލ. ގަން ރަންދާނުގެ ފެންޑާގައި، ބަންގުލަދޭޝް ރައްޔިތެއް ކަމަށްވާ، ބާދު ޝާހުމިޔާ ނިދާފައި އޮއްވާ ދިގުމިނުގައި ތިން ފޫޓު، ހަ އިންޗި ހުންނަ ދިގު ލަކުޑި ފަތިބުރިއަކުން ބާންދު ޝާހުމިޔާގެ މޫނުތަމީގައި ޖަހާ މަރާލި މައްސަލައިގައި ދަޢުލަތުން ދައުވާ ކޮށްފައިވާ، ލ. ގަން ރެޑްފިޝް، އަލީ ހަމްޒާގެ މައްޗަށް އެ މައްސަލަ ސާބިތު ކުރުމަށް ގިނަ ހެކިތަކެއް ހުށަހަޅައިފިއެވެ.

މި މައްސަލަ އާއި ގުޅިގެން، ހަމްޒާގެ މައްޗަށް ކުރަނީ، ނުރައްކާތެރި ހަތިޔާރެއް ބޭނުން ކޮށްގެން ޤަސްތުގައި މީހަކު މެރުމުގެ ކުށުގެ ދަޢުވާ އެވެ.

ކްރިމިނަލް ކޯޓުގައި މިއަދު ބޭއްވި ޝަރީޢަތުގެ މަޖިލީހުގައި ކުރިއަށް ދިޔައީ، މި މައްސަލަ އާއި ގުޅިގެން، ދަޢުލަތުގެ ފަރާތުން ހުށަހަޅައި ކިތާބީ ހެކިތައް ހުށަހެޅުމެވެ. އެގޮތުން، މި މައްސަލަ ހަމްޒާގެ މައްޗަށް ސާބިތު ކުރުމަށް 5 ކިތާބީ ހެއްކެއް ވަނީ ހުށަހަޅާފައެވެ. އެގޮތުން، އެ މައްސަލައިގެ ތަޙުޤީޤަށް ސިއްރު ހެކިވެރިޔާ 2، ދީފައިވާ ބަޔާނުގައި ފާހަގަކޮށްފައިވާ ގޮތުގެ މަތިން، ބާދު ޝާހުމިޔާ ގެންގުޅު ފޯނު ނަގައިގެންގޮސް، ހަމްޒާ އެ ފޯނު އެހެން މީހަކަށް ވިއްކާލާފައިވާ ކަމާއި، އަދި އެ ފޯނަކީ، ދެ ސިމް ލެއްވޭ، އަދި ދެ ޖީބީގެ އެސްޑީ ކާޑެއް ލައްވާފައިވާ ފޯނެއް ކަމަށް އެ މީހާ ކައިރި ބުނެފައިވާކަން ސާބިތު ކުރުމުގެ ގޮތުން ހުށަހަޅާ ކިތާބީ ހެއްކެއް ދަޢުލަތުން ވަނީ ހުށަހަޅާފައެވެ.

މީގެ އިތުރުން، މި މައްސަލައާއި ގުޅިގެން ހެކިބަސް ދީފައިވާ ސިއްރު ހެކިވެރިޔާ 3، ބުނެފައިވާ ގޮތުން، އެ ފޯނު ވިއްކުމަށް ދިޔަ ހަމްޒާ އަކީ، ބާދު ޝާހުމިޔާ މަރާލި މައްސަލައިގައި ދަޢުލަތުން ދަޢުވާ ކޮށްފައިވާ، ލ. ގަން ރެޑްފިޝް، އަލީ ހަމްޒާ ކަމާއި، އަދި އެ މައްސަލައިގެ ތަޙުޤީޤުގައި ނަގާފައިވާ ފޮޓޯ ތަކުން އެއީ ހަމްޒާކަން ޔަޤީން ކުރެވޭ ކަމަށްވެސް މިއަދުގެ ޝަރީޢަތުގައި ދަޢުލަތުގެ ވަކީލް ވަނީ ވިދާޅުވެފައެވެ.

ހަމައެހެން، މި މައްސަލައާއި ގުޅިގެން، 22 ޖޫން 2015 ގައި، ލ.ގަން މެޖިސްޓްރޭޓް ކޯޓަށް، ޢަލީ ހަމްޒާ އިޢުތިރާފީ ބަޔާނެއް ދީފައިވާ ކަމަށާއި، އެ ބަޔާނުގައި އެކަން ކުރީ އޭނާ ކަމަށް އެއްބަސްވެފައިވާ ކަމަށް ބުނެ، އެ ބަޔާންވެސް މިއަދުގެ ޝަރީޢަތުގައި ކިތާބީ ހެއްކެއްގެ ގޮތުގައި ވަނީ ހުށަހަޅާފައެވެ. މީގެ އިތުރުން، ރަންދާނުގޭގެ ފެންޑާގައި، ބާދު ޝާހުމިޔާ މަރާލާފައި އޮތް އިރު، އެ ތަނުގެ ސީން އޮފް ކްރައިމް ރިޕޯޓުވެސް ވަނީ ކިތާބީ ހެއްކެއްގެ ގޮތުގައި ހުށަހަޅާފައެވެ. މި ރިޕޯޓުން އެނގެން އޮންނަ ގޮތުގައި، ބާދުޝާހުމިޔާ މަރާލާފައިވަނީ، ލަކުޑި ފަތި ބުރިއަކުން އޭނާގެ މޫނުގައި ޖަހާ، އޭގެ ފަހުގައި އޭނާގެ މޫނުގައި ބާލީހެއް އަޅައިގެން ކަމާއި، މޫނު މަތީގައި ގިނަ އަދަދެއްގެ ލޭ ހޭކިފައި ހުރި ކަމާއި، އަދި އޭނާ ގައިގައި ޖަހަން ބޭނުން ކުރި ލަކުޑި ގަނޑުގައިވެސް ލޭ ހުރިކަން އެނގޭ ކަމަށްވެސް ދަޢުލަތުގެ ވަކީލް ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން، ރަންދާނުގޭގެ ސަރަހައްދު ހިމެނޭ ގޮތުން، ނަގާފައިވާ ސޯކޯ ރިޕޯޓުގައި ފާހަގަ ކޮށްފައިވާ ޑަންލޮޕް ދަޅާއި، ލަކުޑި ފަތިބުރިއަކީ، ރަންދާނުގެ ހިމެނޭ ސަރަހައްދުން ފެނިފައިވާ އެއްޗެހި ކަމާއި، އޭނާ އެކަން ކުރީ މަސްތުގެ ޙާލަތުގައި ހުރެކަން، ގަމު ކޯޓަށް ދީފައިވާ ބަޔާނުގައި އޭނާ ބުނެފައިވާ ކަމަށްވެސް ދަޢުލަތުގެ ވަކީލް ވަނީ ވިދާޅުވެފައެވެ. ހަމައެހެންމެ، މަރު ސާބިތު ކުރި ލިޔުމާއި، އެންމެ ފަހުން ބާދު ޝާހްމިޔާ ގެންގުޅުނު ފޯނުން، ނަގާފައިވާ ކޯލް ރިކޯޑު ތަކެއްވެސް ކިތާބީ ހެކީގެ ގޮތުގައި ދަޢުލަތުން ވަނީ ހުށަހަޅާފައެވެ.

ދަޢުލަތުން ހުށަހެޅި މި ހެކިތަކާއި ގުޅިގެން، ހަމްޒާގެ ދިފާޢީ ވަކީލް ވިދާޅުވީ، ލ.ގަން މެޖިސްޓްރޭޓް ކޯޓަށް ހަމްޒާ ދީފައިވާ ބަޔާނަކީ، ނުފޫޒު އެކުލެވިގެން ދީފައިވާ ބަޔާނެއް ކަމަށާއި، އެހެންކަމުން، އެއީ ޝަރީޢަތަކަށް ބަލައިގަނެވިދާނެ ބަޔާނެއް ކަމަށް ޤަބޫލުނުކުރާ ކަމަށެވެ.

"އިއްޒަތްތެރި ފަނޑިޔާރު. މި މައްސަލަ އަކީ، ޖިނާއަތުގެ އެންމެ މަތީ ދަރަޖައިގެ މައްސަލަ އެއް. އެހެންކަމުން މި މައްސަލަ ސާބިތު ކުރަންވާނީ، ޝައްކެއް ނެތް މިންވަރަށް މި ކަމުގެ ހެކި ލިބިގެން. އަލީ ހަމްޒާ، ލ.ގަން ކޯޓަށް ދީފައިވާ ބަޔާނަކީ ޞައްޙަ ބަޔާނެއް ކަމަށް އަޅުގަނޑު ޤަބޫލެއް ނުކުރަން. އަދި އެ ބަޔާނަށް ބަލާފަ ފުލުހުންވެސް އެބަވޭ ތަޙުޤީޤުގައި ނަގާފައިވާ ބަޔާން ތަކަކަށް ބަދަލު ގެނެސްފަ. އެހެން ކަމުން، އެ އިޢުތިރާފަށް އެކަނި ބެލުމަށް ފަހު މި މައްސަލައިގައި ގޮތެއް ނިންމޭނެ ކަމަކަށް އަޅުގަނޑު ޤަބޫލެއް ނުކުރަން." ހަމްޒާގެ ދިފާޢީ ވަކީލް ވިދާޅުވިއެވެ.

މީގެ އިތުރުން ދިފާޢީ ވަކީލް ވިދާޅުވީ، މި މައްސަލައިގައި ހަމްޒާގެ އެއްބަނޑު އެއްބަފާ ދައްތަ ހައްޔަރު ކުރި ކަމަށާއި، އޭނާ އާއި ސުވާލުކޮށްފައިވަނީ، ހަމްޒާ އާއި އެއް ހާޟިރެއްގައި ކަމަށެވެ.

"ހަމްޒާގެ ދައްތަވެސް މި މައްސަލައިގަ ހައްޔަރުކުރި. އޭނާ އާއި ސުވާލުވެސް ކުރީ ހަމްޒާ ކުރިމަތީގަ ބަހައްޓައިގެން. މިކަމުގައި ވަރަށް ގިނަ ނުފޫޒު ތަކެއް ހަމްޒާ އަށް ވަނީ ފޯރާފަ. އަދި ވަކި ގޮތަކަށް ބަޔާން ދިނުމުން ދައްތަ ދޫކޮށްލާނެ ކަމަށްވެސް ބުނެފަވޭ. އެހެންކަމުން، ބަންދުގެ މުއްދަތު އެންމެ ފުރަތަމަ ޖެހުމަށް ކޯޓަށް ގެންދިޔަ ދުވަހު ހަމްޒާ ދިން ބަޔާނަކީ މި ދެންނެވި ނުފޫޒުތަކާއި އެކު ދީފައިވާ ބަޔާނެއް. އަދި އެއްކަމެއް އަޅުގަނޑު ފާހަގަ ކޮށްލަން. އެ ދުވަހު ހަމްޒާ ދިޔައީ، އޭނާގެ ހައްޤުތައް ކަށަވަރު ކޮށްދޭނެ ވަކީލެއްވެސް ނެތި. އެހެންކަމުން މި ކަންތައްތަކަށް ރިޢާޔަތްކޮށްދެއްވުން އަޅުގަނޑު ވަރަށް ބޮޑަށް އެދެން." ހަމްޒާގެ ދިފާޢީ ވަކީލް ވިދާޅުވިއެވެ.

މި މައްސަލައިގެ ދެން އޮންނާނީ ހުލާސާ ބަޔާން ހުށަހެޅުމެވެ. ހުލާސާ ބަޔާން ހުށަހެޅުމަށް ތާވަލްކޮށްފައިވަނީ، 10 ފެބްރުއަރީ އަށެވެ. މި މައްސަލައިގެ ހުކުމް ކުރުން އޮންނާނީ، މާރޗް މަހުގެ 3 ވަނަ ދުވަހުއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ާސުރެން ސުރެން

    ވަކީލުންނަކީ ހަޤީޤަތް އެނގިތިބެ މީހުންގެދިފާޢުގައި ވާހަކަދައްކާ ބަޔަަކަށް ވެގެންނުވާނެ. ތެދުބަހުން އިޢުތިރާފެ ވެއްޖެ ހިދެއްގައި އެމައްސަލަޔަކީ ހިންގާފައިވާ ޤަތުލެއްނަމަ ވަކީލުން މައްސަލަތަކުން ދުރަށް ޖެހުމަކީ އަދުލުވެރި ޙާކިމަށް ތެދުވެރިކަމާއެކު ހުކުމްކުރުމަށް ދެވޭނެ އެންމެބޮޑު ހިރްވަރު. ވަކީލުންނަށް ޓަކައި ރަސޫލާދެއްވި އިރުޝަދަކީވެސް މިއީ ކަމަށް ބުނާތީއަހަން.

    10
  2. ޙަސަން ޤާސިމް

    ދިފާއީ ވަކީލުންނެކޭ ކިޔައިގެން އުޅެނީ ވެސް ބީތާއިން. މީހަކު މަރާލީމާ ވެސް އެމީހަކު ސަލާމަތްކުރަން ބޮޑެތި އަދަދުން ލާރި ނަގައިގެން ކޮން ބޮޑު ބަލާއެއް. ރ.އަތޮޅު ރަށެއްގެ ކޯޓުގައި ހިނގި މައްސަލައަކަށް ދިފާޢީ ވަކީލެއްގެ ގޮތުގައި އައި ރ.ރަސްގެތީމު ސޮރަކުވެސް ކިޔާނެ ނުކިޔާނެ އެއްޗެއް ނޭނގިގެން ދައުވާކުރި ފަރާތުގައި ބުނެފައިވަނީ "ބޭބޭ މިއީ އަކީ ކޯޓަށް ޙާޟިރުވާ ވަރުގެ ކަމެއް ނޫނޭ. ކޯޓުން ބޭރުގައިވެސް ނިންމާލެވިދާނެއޭ" މި މޮޔަ އަކަށް ނޭގުނު ސުވާލުކޮށްލާކަށް ކޯޓުން ބޭރުގައި ހައްލުކުރަން މަސައްކަތް ކުރިންތޯ ވެސް. އެންމެ ފަހުން ހެދި ގޮތަކީ ބައްޔޭ ކިޔައިގެން ފަހުން ނުވެސް އައީ. .

  3. ދުނާމަ

    ޤާތިލުންކަން ކަނޑައެޅިގެން އެނގޭއިރުވެސް ޤާޠިލުންގެ ދިފާޢުގައި ވަކާލާތުކުރާ ވަކީލުންނަށް ހަލާކު ހުއްޓވެ.