ދުނިޔޭގެ އެކި ގައުމުތަކުގައި މިހާތަނަށް 4000 އެއްހާ މީހުންނަށް ކޮރޯނާ ވައިރަސް ޖެހިފައި ހުރެދާނެ ކަމަށް ސައިންސްވެރިން ބުނެފިއެވެ.

ޗައިނާގެ ވުހާން ސްޓޭޓުން ފެތުރެން ފެށި ކޮރޯނާ ވައިރަސް ޖެހިފައިވާ ކަމަށް ޗައިނާ އިން ބުނާ އަދަދު އަދި އަރަނީ 500 އަށެވެ. މިހާތަނަށް މިބަލީގައި 17 މީހަކު ވަނީ މަރުވެފައެވެ. ޗައިނާގެ އިތުރުން އިތުރު ހަ ގައުމަކުން މިހާތަނަށް މި ވައިރަސް ހުރި މީހުން ފެނިފައި ވެއެވެ.

ނަމަވެސް އިނގިރޭސިވިލާތުގެ އިމްޕެރިއަލް ކޮލެޖް ލަންޑަންގެ ތަޖުރިބާކާރުން ވިދާޅުވާ ގޮތުގައި ކޮރޯނާވައިރަސް ޖެހިފައިވާ މީހުންގެ އަދަދު 4000 އަށް އަރާފައިވުން ގާތެވެ. އަދި ފަހަރެއްގައި އެއަދަދު 9700 އަށް ވެސް އަރާފައި ވެދާނެ ކަމަށް ލަންޑަންގެ ސައިންސްވެރިން ލަފާކުރެވެއެވެ.

މެތަމެޓިކަލް ބައިލޮޖީގެ ތަޖުރިބާކާރެއް ކަމަށްވާ ޕްރޮފެސަރ ނެއިލް ފާގަލަން ވިދާޅުވީ ކުރިއަށް އޮތްތަނުގައި އަދިވެސް ކޮރޯނާވައިރަސްގެ އަސަރު އިތުރު ބަޔަކަށް ކުރުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ.

ސައިންސްވެރިން ލަފާކުރާ ގޮތުގައި އިނގިރޭސިވިލާތާއި ޔޫރަޕްގެ ގިނަ ގައުމުުތަކަކަށް ވެސް މިހާރު ވައިރަސްގެ އަސަރު ކޮށްފައި ވުން ވަރަށް ގާތެވެ.

ކޮރޯނާވައިރަސްގެ ނުރައްކާ ބޮޑުވެފައި ވާއިރު ޗައިނާގެ އާއަހަރާއި ދިމާކޮށް ދުނިޔޭގެ ގިނަ ގައުމުތަކަކަށް މި ވައިރަސް ފެތުރިގެން ހިނގައިދާނެ ކަމުގެ ކަންބޮޑުވުން ތަޖުރިބާކާރުން ގެންދަނީ ފާޅުކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު