މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ އިނާމަށް ނަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.

މި އިނާމަކީ ހިތްވަރާއި ހުނަރާއި އިލްމީ ގޮތުން ހޯދާ ކާމިޔާބީތަކަށް ގައުމީ ފެންވަރުގައި ރައީސުލްޖުމްހޫރިއްޔާ ދެއްވާ އިނާމެކެވެ. ޚާއްޞަ އިނާމާ ބެހޭ ކޮމިޓީން މިއަދު މި އިނާމަށް ކުރިމަތި ލުމަށް ހުޅުވާލިއިރު، މިފަހަރު މި އިނާމް ދިނުމަށް ހަަމަޖެހިފައި ވަނީ ހަތަރު ގިންތި އަކުންނެވެ. އެއީ:

ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ އެންމެމަތީ ލެވެލްގެ ސަނަދެއް (ޕީއެޗްޑީ) ހާސިލުކުރުމުގައި ފާހަގަކުރެވޭ ކާމިޔާބީއެއް ހާސިލުކޮށްފައިވުން.

މަތީ ތަޢުލީމާއި ތަމްރީނު ކޯހަކުން އެންމެ މަތީ ވަނަ ހޯދުން.

ބައިނަލްއަގުވާމީ މަޢުރަޒަކުން ނުވަތަ މުބާރާތަކުން ނުވަތަ މިނޫންވެސް ބައިނަލްއަގުވާމީ މިންކުރުމަކުން އެންމެމަތީ ވަނަ ނުވަތަ ޝަރަފު ހޯދުން.

ރާއްޖެއަށް ދިމާވެފައިވާ މުހިންމު މައްސަލައަކަށް ޙައްލެއް ހޯދުމުގެ ގޮތުން، އައު އީޖާދެއް ނުވަތަ އުފެއްދުމެއް އުފައްދައިގެން، ނުވަތަ ޢިލްމީ ދިރާސާއެއްކޮށްގެން، ފާހަގަކޮށްލެވޭ ކާމިޔާބީއެއް ހާސިލުކޮށްފައިވުން

ޚާއްޞަ އިނާމަށް ނަން ހުށަހަޅުއްވައި ފޯމު ފޮނުވުމުގެ އެންމެފަހު ތާރީޚަކީ، އަންނަ މޭ މަހުގެ 31 ވާ ބުރާސްފަތި ދުވަހެވެ. އަދި އެކަމުގެ ފޯމު ފޮނުއްވަންޖެހެނީ، ޚާއްޞަ އިނާމާބެހޭ ކޮމިޓީއަށް އެޑްރެސް ކުރައްވައި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށެވެ.

ކިޔުންތެރިންގެ ހިޔާލު