ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ރިޔާސީ އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު ދިނުމަށް އދ ގެ އިންސާނީ ހައްގުތަކާ ބެހޭ ކޮމެޓީ އިން ނިންމި ނިންމުމަށް އެމްޑީޕީ އިން މަރުޙަބާ ކިޔައިފިއެވެ.

އެމްޑީޕީއިން މިއަދު ނެރުނު ބަޔާނެއްގައި ވަނީ އެ ނިންމެވުމުގައިވާ ގޮތުގެ މަތީން ޢަމަލުކުރުމަށާއި ނަޝީދުގެ ސިޔާސީ ޙައްޤުތަކަށް ހުރަސް ނޭޅުއްވުމަށް ދިވެހި ސަރުކާރަށް ގޮވާލާފައެވެ.

އެމްޑީޕީގެ ބަޔާނުގައި ވަނީ 2015 ވަނަ އަހަރު ރައީސް ނަޝީދު ޤާނޫނާ ޚިލާފަށް ހައްޔަރުކުރުމަށްފަހު އެމަނިކުފާނަށް ލިބިވަޑައިގަންނަވާ އެތައް އަސާސީ ޙައްޤުތަކަކުން މަޙްރޫމްކުރުމަށްފަހު، ކުރި ތުހުމަތާ އެކަށީގެންނުވާ ދަޢުވާއެއްކޮށް، ބޭއިންސާފުން ސިޔާސީ ކުލަވަރު ޖެހިފައިވާ ޝަރީޢަތެއް ހިންގުމަށްފަހު، 13 އަހަރަށް ޖަލަށްލުމަށް ޙުކުމްކޮށްފައިވަނީ އެމަނިކުފާނަށް 2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ކުރިމަތިލެއްވުމުގެ ފުރުޞަތުން މަޙްރޫމް ކުރުމަށް ކަމަށެވެ.

އެމްޑީޕީގެ ބަޔާނުގައި ވަނީ އދ. ގެ މި ނިންމެވުމާ ގުޅިގެން އަވަސް އަރުވާލައިގެން ދިވެހި ސަރުކާރުން ދެއްވި ރައްދުގައި ރައީސް މުޙައްމަދު ނަޝީދަށް ރިޔާސީ އިންތިޚާބުގައި ބައިވެރިވެވަޑައި ގެންނެވޭނެކަމަށް ނިންމަވާނީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ކަމުގައި ބަޔާންކޮށްފައިވާއިރު، 1 ފެބްރުއަރީގައި ސުޕްރީމް ކޯޓުގެ 5 ފަނޑިޔާރުންް ސޮއިކުރައްވައި ޙުކުމުގައިވަނީ ރައީސް މުޙައްމަދު ނަޝީދުގެ މައްޗަށް ހިންގި ޝަރީޢަތަކީ ސިޔާސީ ބޭނުމަށް ޤާނޫނު އަސާސީއާއި، ދިވެހިރާއްޖެ ބައިވެރިވެފައިވާ ބައިނަލްއަޤްވާމީ މުޢާޙަދާތަކާ ކަނޑައެޅިގެން ޚިލާފަށް، ފަނޑިޔާރުންނަށް ނުފޫޒުފޯރުވައިގެން ޤާނޫނީ އިޖްރާޢަތްތަކާ ޚިލާފަށްކޮށްފައިވާ ޙުކުމެއް ކަމުގައެވެ.

" ދިވެހިރާއްޖޭގެ ޢަދުލު އިންސާފު ހިންގުމުގެ އެންމެ މަތީ ބާރު، ސުޕްރީމް ކޯޓުގެ ޙުކުމުގައިވާގޮތަށް , އދ ގެ ހިއުމަން ރައިޓްސް ކޮމިޓީގެ ނިންމެވުމުގައިވާ ގޮތުގެ މަތީން ރައީސް ނަޝީދުގެ ސިިޔާސީ އަދި މަދަނީ ޙައްޤުތައް އޭގެ އެންމެ ފުރިހަަމަގޮތުގައި ކަށަވަރުކޮށްދިނުމަށް ސަރުކާރުގެ ހުރިހާ ފަރާތްތަކަށް ގޮވާލަން " އެމްޑީޕީގެ ބަޔާނުގައި ވެއެވެ.

އދ. ގެ ހިއުމަން ރައިޓްސް ކޮމިޓީގެ އެ ނިންމެވުމުގައި، ރައީސް މުޙައްމަދު ނަޝީދުގެ މައްޗަށް ކޮށްފައިވާ ޓެރަރިޒަމްގެ ދައުވާއާއި، އެދައުވާގެ ޝަރީޢަތް ހިންގާފައިވާ އިޖުރާޢަތުތަކާއި، އެޝަރީޢަތުން ކޮށްފައިވާ ޙުކުމް އަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއާއި ދިވެހިރާއްޖެ ބައިވެރިވެފައިވާ މުއާހަދާތަކާ ޚިލާފަށް ހިންގާފައިވާ ކަންކަން ކަމަށްވަނީ ބަޔާންކޮށްފައި ކަމަށާއި މީގެ އިތުރުން، ރައީސް މުޙައްމަދު ނަޝީދު ހިއުމަން ރައިޓްސް ކޮމިޓީއަށް ހުށަހެޅުއްވި ކަންކަމަށް ދިވެހި ސަރުކާރުން ރައްދު ދެއްވާފައިނުވާކަންވެސް އެ ނިންމެވުމުގައި ފާހަގަ ކުރައްވާފައިވާ ކަމަށް އެމްޑީޕީގެ ބަޔާނުގައި ވެއެވެ.

"އދ. ގެ ޗާޓާގައިވާ ކަންކަމަށާއި އދ. ގެ ނިންމުންތަކަށް ފުރިހަމަ ގޮތުގައި ބޯލެނބުމަށް ޤާނޫނު އަސާސީން ދިވެހިދައުލަތުގެ މައްޗަށް ލާޒިމްކުރެއެވެ. ދިވެހިރާއްޖެއިން އދ. ގެ ޗާޓާއާ ތަކުރާރުކޮށް ޚިލާފްވަމުން އަންނާތީ އިންޑިޔާ އާއި އދ. ގެ މެންބަރު ޤައުމުތަކުން އެކަންކަން ފާހަގަކޮށް އދ. ގެ ނިންމުންތައް ދިވެހި ސަރުކާރުން ތަނފީޒުކުރުމަށް ބާރު އަޅުއްވައިދެއްވުމަށް މެންބަރު އެހެން ޤައުމުތަކަށާއި އިންޑިޔާއަށް ގޮވާލަން " އެ ޕާޓީގެ ބަޔާބުނުގައި ވެއެވެ.

މި ބަޔާނުގައި އިތުރަށް ވަނީ ޤާނޫނު އަސާސީއާ އެއްގޮތަށް ޢަމަލުކޮށް ރައްޔިތުންނަށް ލިބިދީފައިވާ ޙައްޤުތަކާއި މިނިވަންކަން ޙިމާޔަތްކޮށް ކުރިއެރުވުމަކީ ދައުލަތުގެ ވާޖިބެއްކަމަށާއި ދިވެހިރައްޔިތުންގެ މައްޗަށް ރައީސުލްޖުމްހޫރިއްޔާ ވެރިކަން ހިންގާންވާނީ ޤާނޫނު އަސާސީއާއި ޤާނޫނުގައިވާ ގޮތުގެމަތީން ކަމަށް ޤާނޫނު އަސާސީގައި ބަޔާންކޮށްފައިވީހިނދު އދ. ގެ ނިންމެވުމާ އެއްގޮތަށް ޢަމަލުކުރުމަށް ދައުލަތުގެ މުވައްސަސާތަކަށާއި، ފުލުހުންނާއި ސިފައިން އަދި ސަރުކާރުގެ ވެރިންނަށް ގޮވާލާފައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. Anonymous

    ސިޔާސީ ކަންތައް ކުރަން ވިލާތުގަ ނުހުރެ ރާއްޖެ އާދެބަލަ. އަމިއްލައައް އަރުވާލެވިގެން އުޅޭ ފިނޑި ގޮލައެއް

  2. Anonymous

    2015 ވަނަ އަހަރު ނަސީދު ހައްޔަރު ކުރީ ގާނޫނާ ހިލާފައް. ދެން މުޅި ދުނިޔޭގެ އެންމެން ގަދަ.ނިދީގަ ނިދާފަ ތިއްބަ ކައެ އަބްދުﷲ ގާޒީ ވަގައް ނަގައި ކިހިލި ޖަހައިގެން ގެންދިޔައީ ގަނޫނާ ހިލާފައް ކަމައް ވަނީ އަމިއްލައައް އިއުތިރާފުވެފަ. ދެން ހިސާނު އަންނިއައް ރަންކިޔާފަ ބާރައް އަތްޖަހާ

  3. Diega

    ރައީސް ނަސީދުގެ ސިޔާސީ ހަގު
    އާހަމަޔަށްދެވޭނީ ރައީސް ނަސީދު 13 އަހަރު ޖަލު ހުކުމް ތަންފީޒު ކުރުމައްފަހު ރައީސް ނަސީދުގެ ސިޔާސީ ހައްގެއް އޮންނާނީ އެކަން އެމް ޑީ ޕީ އަށް ނޭގެނީބަ؟

  4. ޝާހިދު

    ދީނަށް ފުރައްސާރަކޮށް ދިވެހި ރައްޔިތުންގެ އެތަށް މުދަލެއް ހުޅުޖަހައި، ވިޔަފާރި ވެރިންގެ ވިޔަފާރިވިޔަ ނުދިނުމަށް ހުރަސްއަޅާ، ފިހާރަތަކަށް މީހުންނަށް ނުވަދެވޭނެހެން ބްލޮކްކޮށް، ރައްޔިތުންގެ އެތަށް ޙައްޤެއް ފުޑާލާފަ ތިބިބަޔަކު ކޮން ޙައްޤެކޭތިކިޔަނީ، ކޮބާ ކަލޭމެންގެ ލަދުހަޔާތް