މާލެ އަތޮޅު މާފުށި އަދި ގުރައިދޫއަށް ކުޑަ ދެ ރަށް ހިއްކައިދޭނެ ކަމަށް ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

ރައީސް މިގޮތަށް ވިދާޅުވެފައިވަނީ ކ.ގުރައިދޫގެ އެމްޑީޕީ ހަރުގޭގައި ބޭއްވި ހާއްސަ ޖަލްސާގައި އެރަށުގެ ރައްޔިތުންނާއި ބައްދަލު ކުރައްވައި ދެއްކެވި ވާހަކަފުޅުގެ ތެރެއިންނެވެ.

ރައީސް ވިދާޅުވީ، ގުރައިދޫގެ ރައްޔިތުންގެ ޝަކުވާތައް އެމަނިކުފާނު ރިޔާސީ އިންތިހާބުގެ ކެމްޕޭނަށް އެރަށް ދިއުމުން އިވިގެން ދިޔަ ކަމަށެވެ. އެގޮތުން ބިމުގެ ދަތިކަމާއި ބޯހިޔާވަހިކަމަށް ވެފައިއޮތް ދަތި ކަމުގެ ވާހަކަ އިވިގެންދިޔަ ކަމަށާއި، މިއަހަރުގެ ބަޖެޓުގައި އެރަށުގެ ބިން ހިއްކުމުގެ ފައިސާ ހަމަޖެހިފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.

"މިއަހަރު މިރަށުގެ ބިންހިއްކުމަށް ބަޖެޓްކޮށް އެކަން ކުރުމަށް ތައްޔާރުވެފައި. ބިން ހިކިގެން ދާއިރު މިރަށުގެ ސަހަރާއަށް ގަބުރުސްތާނަށް ދިމާވެފައިއޮތް ދަތި އަޅުގަނޑުމެން ހައްލުކޮށްދޭނަން. ރަނގަޅު ބީޗެއްވެސް އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ހަދައިދޭނަން" ރައީސް ވިދާޅުވިއެވެ.

ގުރައިދޫގެ ބިން ހިއްކާއިރު، ރައްޔިތުން އެދިފައިވާ ގޮތަށް ކުޑަ ރަށެއް ހިއްކައިދޭނެ ކަމަށް އެރަށުގެ ރައްޔިތުންނާއި ވާހަކަދައްކައި ވިދާޅުވިއެވެ.

"ރައްޔިތުން ތިއެދިވަޑައިގަންނަވާ ގޮތަށް މިހާރު ބިން ހިއްކާ ސަރަހައްދަގެ ބޭރުން، ތިބޭފުޅުން ތިއެދިވަޑައިގަންނަވާ ކަހަލަ ކުޑަ ރަށެއް އިރާދަ ކުރެއްވިއްޔާ އަޅުގަނޑުމެން ހިއްކަ ދޭނަން" ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން އެ ދާއިރާގެ މާފުށިން ބިން ހިއްކުމުގެ މަސައްކަތް މިހާރު ފަށާފައިވާކަން ރައީސް ފާހަގަކޮށްފައިވެއެވެ. އަދި އެރަށުގެ ބިން ހިއްކައި ނިމޭއިރު އެރަށުގެ ރައްޔިތުންގެ އެދުމުގެ މަތިން ސުނާމީގައި ހަލާކުވެގެން ދިޔަ 'ވަށްމާފުށި' އަލުން ހިއްކައިދޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.

"އެބޭފުޅުންގެ އެދުމެއް އެބައޮތް. ސުނާމީގެ ކުރިން އޮތް ކުޑަ 'ވަށްމާފުށި' އަލުން ހިއްކައިދިނުމަށް އަޅުގަނޑުމެންނަށް އެދިފައި އެބަ އޮތް. އިރާދަކުރެއްވިއްޔާ އެރަށުގެ ބިން ހިއްކިގެންދާއިރުގައި 'ވަށްމާފުށި' ތި ބޭފުޅުން އެދިވަޑައިގެންފައިވާ ގޮތަށް އަޅުގަނޑުމެން ހިއްކަދޭނަން." ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން ގުރައިދޫގެ ބޭންކުގެ ހިދުމަތް މިއަހަރު ފެށިގެން ދާނެ ކަމަށާއި ސްކޫލްގެ 8 ކްލާސް ރޫމްގެ އިމާރާތް ކުރުމުގެ މަސައްކަތް ފެށުމުގެ އިތުރުން، ސިއްހީ މަރުކަޒު ރަނގަޅަށް ތަރައްގީ ކުރެވިގެން ހިދުމަތް ދެވޭނެ ގޮތް ހަދައިދޭނެ ކަމަށްވެސް ރައީސް ވަނީ ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. އިނގޭތަ

    ހަނދައް ދެވޭނެގޮތެއް ނެއްތަ އެރަށުމީހުންގޮވައިގެން.!؟!!

    11
    1
  2. މޫސަ

    ވޯޓް ހޯދަން ރައްޔިތުން ގުނބޯ ހައްދަނީ. އެއްކަމެއް ވެސް ނުވާނެ. ސަ ރުކާ ރުގަ ދުވެއްޔެއްނެތް. ސަ ރުކާ ރު އޮތޯ ހުއްޓިފަ

    10
    1
  3. ޑައެލޯގް

    ހިއްކަނީ ރައީސް ޔާމީން ހޯދާދެއްވި މަހާޖައްރާފުން އަމިއްލައަށް އެއްޗެއްހޯދާކަށްނޭގޭ ދެންފެށީ އެކިޓެކްސް ނަގައިގެން ރައްޔިތުން ފެލައިގެން ޕާޓިކުދިންނަށް ބަހަން