ސިއްހީ ބޮޑު މައްސަލައެއް ހުރުމުން ވިސާ އިތުރުކޮށް ނުދީ އޮސްޓްރޭލިއާ އިން ޑީޕޯޓް ކޮށްލަން އުޅޭ ތިން އަހަރުގެ ދިވެހި ފިރިހެން ކުއްޖާއަށް ވިސާ ހަމަޖައްސައިދީފިއެވެ.

ފޮރިން މިނިސްޓަރ އަބްދުﷲ ޝާޙިދު ވަނީ، ކައިބާން އަށް ވިސާ ހަމަޖައްސާދިން ކަމަށްޓަކައި އޮސްޓްރޭލިއާގެ ފޮރިން މިނިސްޓަރ މަރިސް ޕޭންއަށް ޝޫކުރު ދަންނަވާފައެވެ.

ޝާހިދު ވިދާޅުވީ، އޮސްޓްރޭލިއާގައި ކައިބާންއަށް ބޭނުންވާ ސަޕޯޓާއި، އަޅާލުން ލިބޭނެ ކަމަށް އުއްމީދު ކުރާ ކަމަށެވެ.

އާއިލާ އާއި އެކު އޮސްޓްރޭލިއާގައި ދިރިއުޅެމުން އަންނަ ކައިބާން ޖަމްޝާދަކީ ހީމޯފީލިއާގެ ސަބަބުން ލޭ ގަނޑުވުމުގެ މައްސަލަތަކަކާއި ވިހެއުމުގައި ވެސް ސިކުނޑިއަށް ގެއްލުންތަކެއް ލިބިފައިވާ ކުއްޖެކެވެ.

އޮސްޓްރޭލިއާއަށް އުފަން ކައިބާންއަށް ވިސާ ނުދީ ޑިޕޯޓް ކުރަނީ އޮސްޓްރޭލިއާގެ ސަރުކާރުގެ ޚަރަދުގައި ކައިބާންއަށް ބޭސްފަރުވާ ކުރާނަމަ ބޮޑު ޚަރަދެއް އެ ގައުމުން ކުރަން ޖެހޭ ކަމެއް ބުނެއެވެ. ނަމަވެސް އޭނާގެ އާއިލާ އިން ބުނާ ގޮތުގައި ކައިބާން އަށް މިހާތަނަށް ވެސް ހުރިހާ ޚަރަދެއް ކުރަމުން އައީ އާއިލާ އިންނެވެ.

ކައިބާން ޖަމްޝީދަށް ވިސާ ދިނުމަށް އެދި ރައީސް އިބްރާހިމް މުހައްމަދު ޞާލިހު އާއި ފޮރިން މިނިސްޓަރވެސް ވަނީ މަސައްކަތް ކުރައްވާފައެވެ.