ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ ހުރިހާ މައްސަލައެއް އަންނަ މާރިޗު މަހުގެ ނިޔަލަށް ނިންމުމަށް ހައިކޯޓުން ޓާގެޓެއް ކަނޑައަޅައިފިއެވެ.

ހައިކޯޓުން މިރޭ ވިދާޅުވީ ހައިކޯޓުގައި އިސްތިއުނާފުކުރެވިފައިވާ ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ ހުރިހާ މައްސަލައެއް އަންނަ މާރިޗު މަހުގެ ނިޔަލަށް ނިންމުމަށް ހައިކޯޓުން ޓާގެޓެއް ކަނޑައަޅާފައިވާ ކަމަށާއި ހައިކޯޓުގައި، ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ 40 މައްސަލަ އިސްތިއުނާފުކުރެވިފައި އެބައޮތް ކަމަށެވެ.

މީގެ ތެރެއިން އަށް މައްސަލައަކީ ހައިކޯޓުގެ ދެކުނު ގޮފީގައި އިސްތިއުނާފު ކުރެވިފައިވާ އަށް މައްސަލައެވެ. ހައިކޯޓުގައި އިސްތިއުނާފުކޮށްފައިވާ ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ 40 މައްސަލައިގެ ތެރެއިން 27 މައްސަލައަކީ ދައުލަތުން އިސްތިއުނާފުކޮށްފައިވާ މައްސަލަތަކެވެ.

"40 މައްސަލަ، އަންނަ މާރިޗު މަހުގެ ނިޔަލަށް ހުކުމްކޮށް ނިންމުމަށް ޓާގެޓެއް ކަނޑައަޅައި، އެ ޓާގެޓަށް މަސައްކަތް ކުރަން ހައިކޯޓުންވަނީ ފަށާފައި" ހައިކޯޓުން ވިދާޅުވިއެވެ.

ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ މައްސަލަތައް ކޯޓަށް ހުށަހަޅާ ދުވަހުން ފެށިގެން ހަ މަސް ތެރޭގައި ނިންމަން ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން ކޯޓުތަކަށް މިއަދު ވަނީ އަންގަވާފައެވެ.

ޑީޖޭއޭ އިން މިއަދު ނެރުނު ސާކިއުލާއެއްގައި ވަނީ ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ މައްސަލައެއް ކޯޓަށް ހުށަހަޅާ ވަގުތުން ފެށިގެން 24 ގަޑިއިރުގެ ތެރޭގައި އެ މައްސަލަ އަށް އިސްކަން ދީގެން، އިދާރީ އިންތިޒާމުތައް ހަމަޖައްސަން ޖެހޭނެ އެވެ. އަދި އެފަދަ މައްސަލަތަކުގައި ގާނޫނުތަކުން ލާޒިމްކުރާ މުއްދަތުތައް ދިނުމަށް ފަހު، ޝަރީއަތުގެ މަރުހަލާ ފަށައި، ކޮންމެ ދެ އަޑުއެހުމެއް ދެމެދުގައި 48 ގަޑިއިރަށް ވުރެ ދިގު މުއްދަތެއް ހޭދަ ނުވާނޭހެން އަޑުއެހުންތައް ދުރާލާ ތާވަލްކޮށް އަދި އެކަން ދެ ފަރާތަށް ވެސް އަންގަން ޖެހޭނެ ކަމަށް ސާކިއުލާގައިވެ އެވެ.