ތުއްތު ކުދީން އެއް ކުއްޖަކު އަނެއް ކުއްޖަކާއި ރީތިކޮށް ދިވެހި ބަހުން ވާހަކަ ދެއްކުމުގެ ފުރުސަތު ހުޅުވާލަދިނުމުގެ ފުރިހަމަ އާރާއި ބާރު އޮތީ އެ ކުދިންގެ ބެލެނިވެރީންގެ އަތުގައި ކަމަށް ދިވެހި ބަހުގެ އެކެޑެމީގެ ރައީސް އަޝްރަފް އަލީ ވިދާޅުވެއްޖެއެވެ.

ދިވެހި ބަހުގެ އެކެޑެމީގެ ފަރާތުން ޕްރީ ސްކޫލް ކުދިންނަށް އަމާޒުކޮށްގެން މިއަދު ކުރިއަށްގެންދިޔަ "ތުއްތުކުދިންގެ ވާހަކަ ދެއްކުމުގެ މަހާސަމާ 2018" ފެށުމަށް ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން އަޝްރަފު ވިދާޅުވީ މިއީ ވަރަށް އުފާވެރި ފެށުމެއް ކަމަށާއި ދުރު މުސްތަޤުބަލަށްޓަކައި ދިވެހި ބަހުގެ މުޅީން އައު ދަނޑެއްގައި އައު މުޑުވަތްތަކެއް އިންދޭ ހަރަކާތެއް ކަމުގައެވެ.

އިނގިރޭސިބަހާއި ދިވެހިބަހާއި އެއްކޮށްގެން ވާހަކަދެއްކުމުގެ ނަތީޖާއެއްގެ ގޮތުން ރަނގަޅަށް އިނގިރޭސި ބަހުންވެސް އަދި ރަނގަޅަށް ދިވެހި ބަހުންވެސް ވާހަކަދެއްކުމަށް ދަރިވަރުންނަށް ނޭނގޭނެ ކަމަށްވެސް އަޝްރަފް ވިދާޅުވިއެވެ.

"ބައެއް ބެލެނިވެރިންނަށް ހީވެފައި އޮންނަނީ ކުއްޖާއާއި އިނގިރޭސި ބަހުން ވާހަކަ ދެއްކީމައި ނޫނީ ކުއްޖާ މޮޅެއް ނުވާނެއޭ. އެކަމަކު އެއީ ވަރަށް ބޮޑު ކުށްހީ އެއް. އަދި މުސްތަޤުބަލަށް ދެވިގެންދާ ވަރަށް ބޮޑު އަނިޔާއެއް އެއީ. އޭގެ ބަދަލުގައި އެންމެ ތުއްތުއިރުއްސުރެ ކުއްޖާއާއި ދިވެހިބަހުން ވާހަކަދެއްކުމުގެ ނަތީޖާއެއްގެ ގޮތުން ކުއްޖާއާއި މައިމީހާއާއި އޮންނަ ލޯބި އިތުރަށް ބަދަހިވެގެންދާނެ" ޖަލްސާގައި ވާހަކަދައްކަވަމުން އަޝްރަފު ވިދާޅުވިއެވެ.

"އިރާދަ ކުރެއްވިއްޔާ މި މަހާސަމާއަކީ މީގެ ވާހަކަ ދައްކާ، މި މަހާސަމާގެ ވާހަކަ ކިޔާ، ދޫ ފަރިތަ ކަމާއިއެކު ބަސްމޮށުންތެރިކަމުގެ ކުޅަދާނަ ދަރިންތަކެއް ބިނާކުރެވިގެންދާނެ ކާމިޔާބު ހަރަކާތަކަށް ވާނެ ކަމަށް އުންމީދުކުރަން" މަހާސަމާއާއި ގުޅިގެން އަޝްރަފް ވިދާޅުވިއެވެ.

ލަދެއްނެތި ދަރިވަރުންނާއި ގިނަގިނައިން ދިވެހިބަހުން ވާހަކަދެއްކެވުމަށް އަޝްރަފްވަނީ ހުރިހާ ބެލެނިވެރިންނަށްވެސް އިލްތިމާސްކުރައްވާފައެވެ. އަދި ޕްރީސްކޫލް ޓީޗަރުންވެސް ފިލާވަޅުތައް ތައްޔާރުކުރުމުގަ އާއި ކިޔަވައިދޭ ގަޑީގައިވެސް މިހާރަށްވުރެ ބޮޑަށް ދިވެހިބަހުން ވާހަކަ ދެއްކުމަށް އިސްކަންދިނުމަށް އަޝްރަފް ވަނީ ގޮވާލައިފައެވެ.

ދިވެހިބަހުގެ ދުވަހާއި ގުޅިގެން މަހާސަމާގެ ހަރަކާތުގެ އިތުރުންވެސް ތަފާތު ހަރަކާތްތައް ރާވާފައިވާކަމަށް ބަހުގެ އެކެޑެމީއިން މައުލޫމާތު ދެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ހެހެހެހެ

    ދެލޯފުޅާ ތިޔަކަމަކަށް އަހުލުވެރި ކުރެވެން އޮތީ އިސްކޫލް މަދަރުސާތަކުގައި ދިވެހިބަހުން ކިޔަވައިދޭ މާއްދާތައް އިތުރުކޮށްގެން.

  2. ވައްލަވައްލަ

    ދިވެހިބަހުން ކިޔަވައިދޭ މާއްދާތައް އިތުރުކުރަން ފެނޭ.

  3. ވައްލަވައްލަ

    ދެލޯފުޅާ ތިޔަކަމަކަށް އަހުލުވެރި ކުރެވެން އޮތީ އިސްކޫލު މަދަރުސާތަކުގައި ދިވެހިބަހުން ކިޔަވައިދޭ މާއްދާތައް އިތުރުކޮށްގެން.