ޖަލުތަކުގެ ހާލަތު ރަނގަޅު ކުރުމަށް ހާއްސަ ކޮމެޓީއެއް އުފައްދައިގެން ކުރިއަށް ގެންދިޔަ އޮޑިޓަރަށް ފަހު ނެރުނު ރިޕޯޓްގައި ހުރި ހުރިހާ ކަންކަމަކީ ކުރެވޭނެ ކަމެއް ނޫންކަމަށް ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ވިދާޅުވި ކަމަށް ކަރެކްޝަނަލް ސާވިސްގެ އިސް ވެރިޔާގެ މަގާމުން މިދިޔަ ހަފްތާގައި ދުރުކުރި އަބްދުﷲ މުނާޒް ވިދާޅުވެއްޖެއެވެ.

މުނާޒް މިހެން ވިދާޅުވީ މިއަދު ހެނދުނު ކުރެއްވި ޓްވީޓެއްގައެވެ.

"ޖަލު އޮޑިޓް ރިޕޯޓްގައިވާ ހުރިހާ ކަމަކީ ކުރެވޭނެ ކަމެއް ނޫންކަމަށް މިނިސްޓަރ އިމްރާން ވިދާޅުވެ އެކަންކަން ބެލުމަށް އެކުލަވާލި ކޮމެޓީ 2019 ވަނަ އަހަރު ބަދަލުކުރި ދެ ފަހަރު. ޖަލު އޮޑިޓްގައިވާ ކަންކަން ހާސިލް ކުރުމަށް ކަރެކްޝަނަލް ސާވިސް (އެމްސީއެލް) އަށް ބަޖެޓް ދެއްވިންތޯ؟" މުނާޒް ވިދާޅުވިއެވެ.

މުނާޒްގެ ޓްވީޓްގައި އިމްރާންގެ އިތުރުން ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރްސީއެމް) ވެސް ޓެގް ކޮށްފައި ވެއެވެ.

މުނާޒް މިދިޔަ ހަފްތާގައި މަގާމުން ދުރުކުރިއިރު އޭނާގެ މައްޗަށް އެންމެ ބޮޑަށް ކުރި ތުހުމަތަކީ ޖަލުތަކުގެ އޮޑިޓް ރިޕޯޓްގައި ފާހަގަ ކޮށްފައި ހުރިކަންތައްތައް ރަނގަޅު ކުރަން އެކަށީގެންވާ މަސައްކަތެއް ކޮށްފައި ނުވާކަމުގެ ތުހުމަތެވެ.

ނަމަވެސް މިނިސްޓަރ އިމްރާންގެ ދަށުން ހިނގަމުން އަންނަ ޖަލުތައް ރަނގަޅު ކުރުމަށް މިނިސްޓަރ އިމްރާން މިހާތަނަށް ކުރެއްވި ކަމެއް ވެސް ނެތް ކަމަށް ބުނެ ބައެއް ފަރާތްތަކުން އަންނަނީ މީސް މީޑިއާގައި މިނިސްޓަރ އިމްރާނަށް ވެސް ފާޑުކިޔަމުންނެވެ.

މުނާޒަށް ކަރެކްޝަނަލް ސާވިސްގެ އިސް ވެރިޔާގެ މަގާމު ދިނީ ޤާނޫނަށް ބަދަލު ގެނެސް، އޭނާގެ ޝަރުތުތައް ޤާނޫނުގައި ހިމަނައިގެންނެވެ. ކުރީގެ ރައީސް މުހައްމަދު ނަޝީދު ރައީސް ކަން ކުރެއްވި ދުވަސްވަރު ވެސް މުނާޒް ވަނީ ކަރެކްޝަންގެ އިސްވެރިޔާގެ މަގާމު އަދާކޮށްފައެވެ.

މުނާޒް މަގާމުން ދުރުކުރުމަށް ފަހު އިމްރާން ވިދާޅުވެފައި ވަނީ ދެން ޖަލު އޮޑިޓް ރިޕޯޓްގައި ހުރި ކަންކަން ފަސޭހައިން ފުރިހަމަ ކުރެވޭނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ސަންތިމަރިޔަބު

    މަގާމުގާ ހުންނެވިއިރު ތިވާހަކަތައްހާމަ ނުކުރެއްވީ ކީއްވެބާ؟ މަގާމު ގެއްލިދާނެކަމުގެ ބިރަށްބާ؟
    ހަމަހިނިއަންނަނީ

    20
  2. ބޭޗާރާ

    ތި އޮޑިޓް ރިޕޯޓުގައި ހުރި ހުރިހާ ކަމެއް ކީއްކުރަން އެއްވެސް ކަމެއް ކުރާނެ ކަމެއްވެސް ނެތް. ކުރާކަށް ނުވެސް ޖެހޭނެ. ކުށްވެރިންނަކީ އުފަލާއި އަރާމުގައި މަޖަލާއި ހުނުމުގައި ސަކަރާތްޖެހުމުގައި ގެންގުޅެންޖެހޭނެ ބައެއް ނޫން. މީރު ސަޔާއި ކިރުސަރުބަތާއި ދޮންކޭލައި ކުކުޅާއި ބަޓަރާއި ޖޭމް ކާންދީގެން ގެންގުޅެންޖެހޭނެ ބައެއްވެސް ނޫން. ޚާއްޞަކޮށް ތަކުރާރުކޮށް ކުށްކުރާ މީހުންނަށް ޖަލުން ލިބެން ހުންނަ ޚިދްމަތްތައް ކުށްކުރާ ކޮންމެ ފަހަރަކަށް މަދުކުރަންޖެހޭނެ ގަވާއިދެއްވެ އޮންނަންޖެހޭނެ. 5 ފަހަރަށްވުރެ ގިނައިން ޖަލަށްލާ މީހުންނަށް ހަމައެކަނި ދޭންވާނީ އަސާސީ ޚިދުމަތުގެ ނަމުގައި އޮންނަ ކިރިކިރިޔާ އުޅެވޭވަރުގެ ޚިދުމަތެއް. މިހެން ޖަލު ބަދަލުކުރީމާ ކުށްވެރިން މަދުވާން ފަށާނެ. ޖަލަށް ދާ ހިތަކުން ބަޔަކު ނުވެސް އުޅޭނެ. ޖަލަށް މިހާރު ގޮސްފައި އައުމަކީ ރިޒޯޓަކަށް ގޮސްލާފައި އައުން ވައްތަރު ކަމަކަށް މިއޮތީ ވެފައި. މިކަން ނިމުމަކަށް ގެންނަންޖެހޭ.

    11
    1
  3. މުނާޒު

    ކަންކަން އިސްލާޙް ކުރުމަށްޓަކައި ޤާނޫނާއި ޤަވާއިދު ހަދަން، ދިވެހިންނަކީ ފިސަހަރި މޮޅުބައެކެވެ. އެއްދުވަހު ޤަވާއިދުގަ އިންނާނެ ، މިއަދުންފެށިގެން ހިގަން ޖެހޭނީ އެކޮޅުކޮޅުންނޭ. އެކަމަކު އަތްވާން(ފައިވާން ބަދަލުގައި) ނުހުންނާނެ ބާޒާރުގަ ވިއްކާކަށް. އަދި ރާއްޖެ އެތެރެކުރަންވެސް ހިތަކަށް އަދި ނާރުވާނެ.. ބުނަން މިއުޅެނީ ޤާނޫނު ޤަވައިދަށް އަމަލުކުރަން އަންގަާއިރު އެފަދަ މާހައުލެއް ޤާއިމް ކޮށްދީފައެއް ނުއޮވޭ. ވެރިރަށް މާލޭގެ މަގުތަކަށް ނަޒަރު ހިންގާލީމަ މިކަން ވަރަށް ރަނގަޅަށް އެނގޭނެ.. ވިލިގިއްޔަށް ދާމީހާވެސް ސަިކަލް ޕާކު ކުރަން ޖެހޭނީ ހުޅުމާލޭގަ. ކިރިޔާ ރޮނގުން ބޭރުވާއިރަށް ސްޓިކާ ޖަހާނެ..ވިލިގިޔަށް ގޮއްސަ އަންނައިރު ސައިކަލު އިންނާނީ ޓޯ ކޮށްފަ......ކަންކަން ރަނގަޅު ކުރެވޭނީ އެފަދަ މާހައުލެއް ޤާއިމް ކޮށްދީގެން....ކޮންމެހެން އަމިއްލަ މީހާ ދަންޖެހޭކަށް ނުޖެހޭ.