މިދިޔަ މާޗު މަހު ޖެންޑާ މިނިސްޓްރީއަށް ހުށަހަޅާފައިވާ މައްސަލަތަކުގެ ތެރޭގައި އެންމެ ގިނައީ ކުޑަކުދިންނަށް އަނިޔާކޮށްފައިވާ މައްސަލަ ކަމަށް އެ މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

ޖެންޑާ މިނިސްޓްރީން ކޮންމެ މަހަކު އާންމު ކުރާ ތަފާސް ހިސާބުތަކުގެ ތެރެއިން މިއަދު އާންމުކުރި މިދިޔަ މަހުގެ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި ކުޑަކުދިންނަށް އަނިޔާކުރި 125 މައްސަލަ އެ މިނިސްޓްރީއަށް ރިޕޯޓުކޮށްފައިވެ އެވެ. މިއީ މިދިޔަ މަހު ރިޕޯޓުކޮށްފައިވާ ޖުމުލަ މައްސަލަތަކުގެ 58 އިންސައްތައެވެ.

އެފަދަ މައްސަލަތަކުގެ ތެރެއިން އެންމެ ގިނައިން ރިޕޯޓުކޮށްފައިވަނީ ޖިސްމާނީ ހާނީއްކައިގެ މައްސަލަތަކާއި އިހުމާލުވުމުގެ މައްސަލައެވެ. އެގޮތުން ޖިންސީ ހާނީއްކައިގެ 27 މައްސަލައެއް އަދި އިހުމާލުވުމުގެ 27 މައްސަލަ އެއް ވަނީ ރިޕޯޓުކޮށްފައެވެ.

މި ބާވަތުގެ މައްސަލަތަކުގެ އިތުރުން ޖިންސީ ހާނީއްކައިގެ 23 މައްސަލަ އާއި ނަފްސާނީ ހާނީއްކައިގެ 22 މައްސަލަ އާއި އެހެން ކުދިންގެ ފަރާތުން އިންޓަރނެޓް މެދުވެރިކޮށް ގަނާލިބުމުގެ ނުވަތަ ސައިބަރ ބުލީންގގެ ޝިކާރައަކަށްވުމުގެ އެއް މައްސަލަ އާއި އެހެން ކުދިންގެ ފަރާތުން ގަނާލިބުމުގެ އަދި ފުރައްސާރައިގެ ޝިކާރައަކަށްވުމުގެ 15 މައްސަލަ އާއި ކުދިން ދޫކޮށްލައިފައި ދިޔުމުގެ 3 މައްސަލަ އަދި ގެވެށި އަނިޔާ ކުރާތަން ދެއްކުން ނުވަތަ ފެނުމުގެ ހަތް މައްސަލަ ހިމެނެއެވެ.

މީގެއިތުރުން ޙައްޤުތަކުން ކުޑަކުދިން މަޙްރޫމުކުރުމުގެ 3 މައްސަލަ މިދިޔަ މަހު ވަނީ ހުށަހަޅައިފައެވެ. އެއީ ތަޢުލީމަށް ހުރަސް އެޅުމުގެ 2 މައްސަލަ، އުފަންވުން ރަޖިސްޓްރީ ނުކުރުމާބެހޭ 1 މައްސަލަ، އަދި ޞިއްޙީ ފަރުވާއަށް ހުރަސްއެޅުމުގެ 1 މައްސަލައެވެ.

އަދި ޢާއިލީ މައްސަލަތަކުގެ 23 މައްސަލައެއް މިދިޔަ މަހު މިނިސްޓްރީއަށް ހުށަހަޅާފައިވާއިރު މި ފަދަ މައްސަލަތަކުގެ ތެރޭގައި ޙަޟާނާ ނުވަތަ ކުދިންނާ ބައްދަލުނުކުރެވޭ 9 މައްސަލަ، ކުދިން ބެލުމުގައި ދިމާވާ 8 މައްސަލަ، އަދި ދަރިންގެ ޚަރަދު ދިނުމުގައި ދިމާވާ 1 މައްސަލަ ހިމެނެއެވެ.

އެކި ބާވަތުގެ ކުށް ކުރާ ކުޑަކުދިންގެ 12 މައްސަލަ އެއް މިދިޔަ މަހު ހުށަހަޅާފައިވެ އެވެ. އެ މައްސަލަތަކުގެ ތެރޭގައި ވައްކަންކުރުމުގެ ހަ މައްސަލަ އެއް ހިމެނެއެވެ.

ވަކި ޖިންސަކަށް ވީތީ ކުރާ އަނިޔާ އަދި ގެވެށި އަނިޔާގެ 31 މައްސަލައެއްވެސް މިދިޔަ މަހު ވަނީ މިނިސްޓްރީއަށް ހުށަހަޅާފައެވެ. މި ފަދަ މައްސަލަތަކުގެ ތެރެއިން އެންމެ ގިނައިން ރިޕޯޓުކޮށްފައިވަނީ އެކި ބާވަތުގެ ޖިސްމާނީ އަނިޔާކުރުމުގެ މައްސަލަތަކެވެ. މި ގޮތުން ޖިސްމާނީ އަނިޔާކުރުމުގެ 19 މައްސަލަ މި މުއްދަތުގެ ތެރޭގައި ރިޕޯޓުކޮށްފައިވެއެވެ.

މީގެ އިތުރުން، މި ބާވަތުގެ މައްސަލަތަކުގެ ތެރޭގައި ނަފްސާނީ އަނިޔާކުރުން ނުވަތަ އަނގަބަހުންކުރެވޭ އަނިޔާގެ 3 މައްސަލަ، މުދާ ހިފެހެއްޓުމާއި މުދަލަށް ގެއްލުންދިނުމުގެ 3 މައްސަލަ، އިހުމާލުވުމުގެ 3 މައްސަލަ، ބިރު ދެއްކުމަށް ކުރާ އެކިކަންކަމުގެ 2 މައްސަލަ، އަދި ބާރާއި ނުފޫޒު ފޯރުވުމުގެ 1 މައްސަލަ ހިމެނެއެވެ.

މީގެ އިތުރުން މިދިޔަ މަހުގެ ތެރޭގައި ޖެންޑާއަށް ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އަޅާލުމާއި އެހީތެރިކަން ބޭނުންވެގެން 2 މައްސަލައެއް ހުށަހަޅާފައިވެ އެވެ. އަދި އުމުރުން ދުވަސްވީ މީހުންނަށް އަޅާލުމާއި އެހީތެރިކަން ބޭނުންވެގެން ތިން މައްސަލައެއް ހުށަހެޅިފައިވެއެވެ. މީގެ އިތުރުން އަމިއްލަ ނަފްސަށް ގެއްލުންދިނުމާ ގުޅޭ ފަސް މައްސަލަ ވެސް ހުށަހަޅާފައިވެ އެވެ.