ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ޝަރުތު ހަމަވާ ކޮންމެ މީހަކަށް ވެސް ކުރިމަތިލެވޭނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއްޖެއެވެ.

"ވަގުތު" އަށް މައުލޫމާތު ދެއްވަމުން އިލެކްޝަން ކޮމިޝަނުގެ ތަރުޖަމާނު އަދި އެ ކޮމިޝަނުގެ މެންބަރު އަޙްމަދު އަކްރަމް ވިދާޅުވީ އިންތިހާބުގައި ކުރިމަތިލުމުގެ ފުރުސަތު ހަމަ ކޮންމެ މީހަކަަށް ވެސް އޮންނާނެ ކަމަށާއި ނަމަވެސް ފުރުސަތު ދޭނީ ޝަރުތު ހަމަވާ ފަރާތްތަކަށް އެކަނި ކަމަށެވެ.

"އިންތިހާބުގައި ކުރިމަތިލުމުގެ ފުރުސަތު ހަމަ ކޮންމެ މީހަކަަށް ވެސް އޮންނާނެ. އެކަމަކު ފުރުސަތު ދޭނީ ގާނޫނީ ގޮތުން ޝަރުތު ފުރިހަމަވާ ފަރާތް ތަކަށް އެކަނި" އަކްރަމް ވިދާޅުވިއެވެ.

އަކްރަމް ވިދާޅުވީ އެ ކޮމިޝަނުން ކުރާ ހުރިހާ ކަމެއްވެސް ގެންދާނީ ޤާނޫނީ އިމުގެ ތެރޭގައިކަން ހުރިހާ ރައްޔިތުންނަށް ޔަޤީންކަން އަރުވާ ކަމަށެވެ.

"އިލެކްޝަންސް ކޮމިޝަނުން ކުރާ ހުރިހާ ކަމެއްވެސް ގެންދާނީ ޤާނޫނީ އިމުގެ ތެރޭގައިކަން ޔަޤީންކަން އަރުވަން. ޤާނޫނުން އިލެކްޝަންސް ކޮމިޝަނުގެ މައްޗަށް ލާޒިމުކޮށްފައިވާ މަސައްކަތްތައް ފިޔަވައި އިތުރު ކަންތައްތަކެއް ކޮމިޝަނުން ކުރަމުން ނުގެންދާނެ" އަކްރަމް ވިދާޅުވިއެވެ.

އިލެކްޝަން ކޮމިޝަނުން މިހެން ބުނެފައިވާއިރު ކުރީގެ ރައީސް މުހައްމަދު ނަޝީދަށް އިންތިހާބުގައި ވާދަ ކުރެވޭނެ މަގު ތަނަވަސް ކުރުމަށް އދ ގެ އިންސާނީ ހައްގުތަކާ ބެހޭ ކޮމެޓީ އިން އިއްޔެ ވަނީ ނިންމާފައެވެ.

އ.ދ ގެ އިންސާނީ ހައްގުތަކާ ބެހޭ ކޮމެޓީ އިން ބުނީ އެ ނިންމުން ނިންމާފައި ވަނީ ރާއްޖެ އިން ސޮއިކޮށްފައިވާ މުއާހަދާތަކުގެ ދަށުން އުފައްދާފައިވާ އަދި ރާއްޖޭން އެ އަަށް ތަބާވުމަށް ސޮއިކޮށްފައިވާ މުއާހަދާތަކުގެ ދަށުން ކަމަށެވެ. އެހެންކަމުން މި ނިންމުން ރާއްޖެ އިން ބަލައިގަންނަންޖެހޭ ކަމަށާއި މި ނިންމުމާ ގުޅިގެން އަޅާ ފިޔަވަޅުތައް 180 ދުވަހުގެ ތެރޭގައި އެންގުމަށް އެ ކޮމެޓީ އިން ވަނީ އަންގާފައެވެ.

އެ ކޮމެޓީ އިން އެގޮތަށް ނިންމި ނަމަވެސް ރިޔާސީ އިންތިޚާބުގައި ވާދަކުރުމުގެ ފުރުސަތެއް ރައީސް ނަޝީދަށް ނެތްކަމަށް ސަރުކާރުން ވަނީ ވިދާޅުވެފައެވެ.

އ.ދ ގެ އިންސާނީ ހައްގުތަކާ ބެހޭ ކޮމެޓީ އިން އެގޮތަށް ނިންމި ނަމަވެސް ރާއްޖޭގެ ގާނޫނު އަސާސީގެ 109 މާއްދާގެ (ފ) ގެ ދަށުން ވެރިކަމަށް ކުރިމަތިލާ މީހަކީ، އެއްވެސް ޖިނާއީ ކުށެއް ކޮއްފައިވާ މީހަކަށް ނުވުމާއި ގިނަވެގެން 12 މަހުގެ ޖަލު ހުކުމެއް އިއްވާފައި ނުވާ މީހަކަށް ވާންޖެހޭނެ ކަމަށް ޝަރުތުތަކުގެ ތެރޭގައި ހިމެނެއެވެ.

ކްރިމިނަލް ކޯޓުގެ ކުރީގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ހައްޔަރުކުރި މައްސަލާގައި ރައީސް ނަޝީދުގެ މައްޗަށް ވަނީ 13 އަހަރު ޖަލު ހުކުމެއް އިއްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. މުޙައްމަދު

    އެހެންވެއްޖެޔާ ބުނަންތަ ކެނެރީގެ ނަޝީދު ތިޝަރުޠު ފުރިހަމަނުވޭ، މިވާހަކަ އދ ގަ އާއި އެމް.ޑީ.ޕީ ކިޔާ ..... ޖަމާޢަތުގައި ބުނެދީބަލަ