ސީރިއާގައި ކުރަމުންދާ ހަނގުރާމައިގައި ބައިވެރިވުމަށްދިޔަ ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ ހަސަން ފައިޒާން، މ.މާރަންގެ ދޫކޮށްލައިފިއެވެ.

ފައިޒާން ދޫކޮށްލީ އޭނާގެ މައްޗަށް އުފުލާފައިވާ ރާއްޖެ އިން ބޭރުގައި ހިނގާ ދާހިލީ ހަނގުރާމައެއްގައި ބައިވެރިވުމުގެ ދައުވާގެ މިއަދުގެ އަޑުއެހުމުގައެވެ.

ފައިޒާން ދޫކޮށްލީ ބަންދުން ދޫކޮށް ދިނުމަށް އޭނާ އެދުމުންނެވެ.

ފައިޒާންގެ މައްޗަށް ކުރާ މި ދައުވާގެ ފުރަތަމަ އަޑުއެހުން ބޭއްވިއިރު މައްސަލަ ކުރިއަށްގެންދަން ފައިޒާން ނިންމީ ވަކީލަކާ ވެސް ނުލައެވެ.

ފައިޒާން ބުނީ އޭނާއަކީ ކުށުގެ އެއްވެސް ރެކޯޑެއް އޮތް މީހެއް ނޫން ކަމަށާއި މީގެކުރިން 40 ދުވަހަށް ގޭ ބަންދުގައި ހުރިއިރު ގަވާއިދާ ހިލާފަށް ގެއިން ބޭރަށް އެންމެ ފިޔަވަޅެއް ވެސް އަޅާފައި ނުވާނެ ކަމަށެވެ.

އަދި ގާޒީ ހައިލަމް އޭނާ ޖަލު ބަންދަށް ބަދަލުކުރީ އިތުރު އެއްވެސް ސަބަބަކާ ލައިގެން ނޫންކަމަށްވެސް ފައިޒާން ބުންޏެވެ. އެހެންކަމުން ޖަލު ބަންދުން ގޭ ބަންދަށް ބަދަލުކޮށްދިނުމަށް ފައިޒާން ވަނީ އެދިފައެވެ. ނަމަވެސް ފަހުން އޭނާ ވަނީ ވަކީލަކު ހަމަޖައްސަން ފައިސާ ހޯދަން އަދި އާއިލާ ބަލަހައްޓަންޖެހޭ ކަމާއި ޖަލުގައި ހުރެގެން ހެކި ހުށަހަޅަން ދަތި ކަމަށް ބުނެފައެވެ.

އަދި ޕާސްޕޯޓު ހިފެހެއްޓުމަށްފަހު ނަމަވެސް ބަންދުން ދޫކޮށްލަ ދިނުމަށް ފައިޒާން ވަނީ އެދިފައެވެ.

ފައިޒާންގެ މި ވާހަކަތަކާ އެކު ގާޒީ ވަނީ ޝަރުތުތަކާއެކު އޭނާ ބަންދުން ދޫކޮށްލަން ނިންމާފައެވެ. އެ ޝަރުތުތަކަކީ:

މާލެ އާއި ހުޅުމާލެ އަދި ވިލިމާލެ އިން ބޭރަށް ދާންވާނީ ކޯޓުގައި އެދި ލިޔުމުން ހުއްދަ ހޯދައިގެން.

ދިރިއުޅޭ އެޑްރެސް އަދި ފޯނު ނަމްބަރު ބަދަލުވެއްޖެނަމަ ވީ އެންމެ އަވަހަކަށް ކޯޓަށް އެންގުން

މި ދެ ޝަރުތާއި ހިލާފު ވެއްޖެނަމަ އަލުން އަޑުއެހުމެއް ބޭއްވުމަށްފަހު ބަންދާއި މެދު ނިންމި ނިންމުން މުރާޖާ ކުރާނެ ކަމަށް ގާޒީ ވިދާޅުވިއެވެ.

މިއަހަރުގެ ފެބްރުއަީ މަހު ސަރުކާރުން ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކުރުމުގެ ކުރިން ފައިޒާން ހުރީ ގޭ ބަންދުގައެވެ. ނަމަވެސް ކުއްލި ހާލަތު އިއުލާންކުރުމުން ފައިޒާން ވަނީ ޖަލަށް ބަދަލުކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. މި

    ހުޅުމާލެ، ވިލިމާލެ އަކީ މާލޭގެ 2 އަވަށްކަމަށް ސަރުކާރުން ވަނީ ނިންމާފައި. ހެންވޭރުން މާފަންނަށް ދެވޭ ކަމަށް ވާނަމަ ހުޅުމާލެ، ވިލިމާލެ، މާލެ މާލެ މާލެ އަށް ނުދެވޭކަމަށް ވާނަމަ ސުވާލު އުފެދޭ.

    • ޢިސަނާ

      ޙަހަހަހަ .::. ޜަނގަޅައް ަޝަރުތުތައް ކިޔާ!!!