ޗައިނާގެ ވުހާން ސިޓީގައި ހަލުވި ކަމާއިއެކީ ފެތުރެމުން އަންނަ "ކޮރޯނާވައިރަސް" ގެ ސަބަބުން އެ ސިޓީގައި ތާށިވެފައިތިބި ދިވެހި ދަރިވަރުންނަށް އެހީތެރިކަން ފޯރުކޮށްދޭން ދިވެހި ސަރުކާރުން ނިންމައިފިއެވެ.

ދިވެހި ސަރުކާރުން އެކުދިންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ނިންމާފައިވާކަން ހާމަ ކުރައްވާފައިވަނީ ފޮރިން މިނިސްޓްރީންނެވެ.

އެގޮތުން ފޮރިން މިނިސްޓްރީން ވިދާޅުވެފައި ވަނީ ޗައިނާގެ ފޮރިން މިނިސްޓްރީން މިހާރު އެގައުމުގައި ތިބި އެހެން ގައުމުތަކަށް ނިސްބަތްވާ ކުދިންގެ ރައްކާތެރިކަން ކަށަވަރުކޮށްދޭނެ ކަމުގެ ޔަގީންކަން ދީފައިވާ ކަމަށެވެ.

މީގެ އިތުރުން އެދަރިވަރުން ކިޔަވަމުން އަންނަ ޔުނިވާސިޓީތަކާއި ގުޅިގެން އެކުދިންގެ ހާލުބަލައި ބޭނުންވާ މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތްވެސް ކުރަމުން އަންނަ ކަމަށް ފޮރިން މިނިސްޓްރީން ވަނީ ހާމަކޮށްފައެވެ.

ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވީ، ވުހާންގައި ކިޔަވަމުން ގެންދާ 6 ދިވެހި ދަރިވަރުން އެހެން ތަނަކަށް ބަދަލު ކުރުމުގެ މަސައްކަތް ބާރު މިނެއްގައި ކުރަމުން އަންނަ ކަމަށެެވެ. އެހެން ނަމަވެސް އެ ސިޓި ކަރަންޓިން ކޮށްފައި އޮތުމުން އެކަން ވާނީ ބޮޑު ގޮންޖެހުަކަށް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ވުހާން ސިޓީގައި ކިޔެވަން ދިވެހި 6 ދަރިވަރުން ތިބިއިރު އެ ހުރިހާ ކުދިންގެ ހާލު ރަނގަޅު ކަމަށްވެސް ފޮރިން މިނިސްޓްރީން ވަނީ ވިދާޅުވެފައެވެ. ޗައިނާގެ އެހެން ސިޓީތަކުގައި މި ބަލި ހަލުވިކަމާއި އެކު ފެތުރެމުންދާތީ ދިވެހި ސަރުކާރުން ވަނީ އެގައުމުތަކުގެ ތިބި ދިވެހިން އެމްބަސީގައި ރަޖިސްޓްރީވުމަށް އިލްތިމާސް ކޮށްފައެވެ.

ހަލުވިކަމާއިއެކު ގައިންގަޔަށް އަރާ މި ބަލި ފުރަތަމަ ފެނިފައިވަނީ ޗައިނާގެ ވުހާން ސިޓީއިންނެވެ. މިބަލީގެ ސަބަބުން މިހާތަނަށް 41 މީހަކު ވަނީ މަރުވެފައެވެ.