މިދިޔަ އަހަރު ރާއްޖެއަށް ޒިޔާރާތްކުރި ފަތުވެރިންގެ ނިސްބަތަށް ބަލާއިރު އެންމެ ގިނަ ފަތުވެރިން ރާއްޖެއަށް ޒިޔާރާތްކޮށްފައިވަނީ މިދިޔަ އަހަރުގެ ފެބްރުއަރީ މަސްތެރޭގައިކަމަށް ޓޫރިޒަމްގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ. އެގޮތުން މިދިޔަ އަހަރުގެ ފެބްރުއަރީ މަހު ރިސޯޓްތަކުގެ އޮކިއުޕެންސީ އުޅެނީ 94.6 އިންސައިތަގައެވެ.

މިދިޔަ އަހަރު ނިމުނުއިރު ރާއްޖޭގައި 157 ރިސޯޓު އޮތެވެ. އޭގެ ތެރެއިން އޮޕަރޭޓް ކުރަމުން ގޮސްފައި ވަނީ 146 ރިސޯޓެވެ. މިދިޔަ އަހަރު ފެބުރުއަރީ މަހު ރާއްޖެއަށް ޒިޔާރާތްކުރި ފަތުވެރިންގެ އަދަދު އިތުރުވެފައިވާއިރު މިއަހަރުވެސް މިދުވަސްވަރު ރާއްޖެއަށް އަންނަ ފަތުވެރިންގެ ނިސްބަތްދަނީ އިތުރުވަމުންނެވެ.

މިދިޔަ އަހަރު ރިސޯޓް އޮކިއުޕެންސީ ދެން އެންމެ ރަނގަޅު މަހެއްގެ ގޮތުގައި ފާހަގަކޮށްފައިވަނީ ޖެނުއަރީ މަހެވެ. ޖެނުއަރީ މަހު އޮކިއުޕެންސީ ރޭޓްވަނީ 84.9 އިންސައްތަ އަށް އަރާފައެވެ. ނަމަވެސް އަހަރުގެ މެދުތެރޭގައި އޮކިއުޕެންސީވަނީ ދަށްވެފައިވެފައެވެ. އެގޮތުން މެއި މަހުން ފެށިގެން ސެޕްޓެމްބަރުގެ ނިޔަލަށް ރިސޯޓްތަކުގެ އޮކިއުޕެންސީ ދަށްވެފައިވާއިރު އޮކްޓޫބަރުން ފެށިގެން އޮކިއުޕެންސީއަށް ބޮޑު ބަދަލެއް އައިސްފަވެއެވެ. މެއިމަހު 59.1 އިންސައްތައިގައި އޮކިއުޕެންސީ ރޭޓް ހުރުމުށްފަހު އޮކްޓޫބަރު މަހު އޮކިއުޕެންސީ ރޭޓްވަނީ 72.5 އިންސައްތައަށް ޖެހިފައެވެ.

ރާއްޖެއަށް ފަތުވެރިންއައި ނިސްބަތުގެ އާ ރިކޯޑެއްވެސް މިދިޔަ އަހަރުވަނީ ހަދާފައެވެ. މިދިޔަ އަހަރު ރާއްޖެ އަށް 1.7 މިލިއަން މީހުން އައިސްފައިވެ އެވެ.

ރާއްޖެއަށް އަންނަ ފަތުވެރިންގެ ނިސްބަތް އިތުރުކުރުމަށްޓަކައި ފަތުވެރިކަމުގެ ސިނާއަތުގައި މަސައްކަތް ކުރާ ކުންފުނިތަކާއި ސަރުކާރުގެ މުއައްސަސަތާކުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ދުނިޔޭގެ އެކި ސަރަހައްދުތަކުގައި އޮންނަ ފަތުވެރިކަމުގެ ހާއްސަ ފެއަރތަކުގައި ބައިވެރިވެ ރާއްޖެ އިޝްތިހާރުކުރުމަށް ކޮންމެ އަހަރަކުވެސް ގިނަ މަސައްކަތްތަކެއް ކުރެއެވެ.