ޅ. ނައިފަރުގައި 100 ހައުސިން ޔުނިޓު އެޅުމަށް ބަޔަކާއި ހަވާލުކޮށް އެކަމުގެ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.

މިނިސްޓްރީ އިފް ހައުސިން އެންޑް އާބަން ޑިވެލޮޕްމެންޓުން މި މަޝްރޫ ހަވާލުކޮށްފައި ވަނީ ރަޝީދު ކާޕެންޓަރީ އެންޑް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް (އއާރު.ސީ.ސީ) ނަމަކަށް ކިޔާ ކުންފުންޏަކާއެވެ. އެ މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ވަނީ އާރުސީސީ ކުންފުންޏާއި އެކު އެއްބަސްވުމުގައި ސޮއިކޮށްފައެވެ.

މި އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކިުރެއްވީ ޑެޕިއުޓީ މިނިސްޓަރ މުހައްމަދު ހާލިޝް ޝަރީފް އެވެ. އަދި އާރުސީސީގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިން ޑިރެކްޓަރ އިބްރާހިމް ރަޝީދެވެ.

ހައުސިން މިނިސްޓްރީން އިން އެކުންފުންޏާއި ހަވާލުކޮށްފައި ވަނީ އެތަނުގެ ޑިޒައިނާއި، އިމާރާތްކުރުމުގެ މަސައްކަތެވެ.

މިކަމަށް ހާއްސަކޮށްގެން ހައުސިން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޑެޕިޓީ މިނިސްޓަރ ހާލިޝް ވިދާޅުވީ މި ޕްރޮޖެކްޓުގެ ދަށުން ޅ. ނައިފަރުގައި ގާއިމް ކުރުމަށް ހަމަޖެހިފައި ވާ ހައުސިން ޔުނިޓުތަކުގައި ތިން ކޮޓަރިއާއި ތިން ފާހާނަ އަދި، ތިން ސިޓިން ރޫމް/ޑައިނިން ރޫމް ހިމެނޭނެ ކަމަށެވެ.

މި ހައުސިން ޔުނިޓުތަކުގައި ހިމެނެނީ ތިންބުރީގެ ތިން ބްލޮކާއި ހަތަރު ބުރީގެ އެއް ބްލޮކެވެ. ތިން ބުރީގެ ތިން ބްލޮކުގައި ހިމެނެނީ ޖުމްލަ 24 އެޕާޓްމެންޓް ޔުނިޓެވެ. ހަތަރު ބުރީގެ ބްލޮކުގައި 28 އެޕާޓްމެންޓު ޔުނިޓު ހިމެނެއެވެ.

މީގެ އިތުރުން މި މަޝްރޫގެ ދަށުން އަމިއްލަ ގޯއްޗެއްގައި އެއްބުރީގެ އެއް ހައުސިން ޔުނިޓު ގާއިމް ކުރުމަށް ވަނީ ނިންމާފައެވެ. މި ހައުސިން ޔުނިޓުގައި ހިމެނެނީ ތިން ކޮޓަރިއާއި، ތިން ފާހާނައިގެ އިތުރުން އެއް ސިޓިން ރޫމާއި އެއް ސްޓޯރޭޖް ރޫމެވެ.

ހައުސިން މިނިސްޓްރީ އިން މައުލޫމާތު ދިން ގޮތުގައި މި ޕްރޮޖެކްޓުގެ ދަށުން އިމާރާތްކުރާ ހައުސިން ޔުނިޓުތަކުގެ ތެރޭގައި ހިތްހަމަޖައްސާލުމަށް ރައްޔިތުން ނިކުމެ ތިބެލެވޭނެ ފަދަ ތަނެއް ގާއިމްކުރުމަށް ވަނީ ނިންމާފައެވެ. އަދި ކޮންމެ ޔުނިޓެއްގެ ގްރައުންޑުގައި އެ ތަނުގައި ދިރިއުޅޭ ފަރާތްތަކުން، ބޭނުންވާ ގަސް އިންދާލުމަށް ތަންކޮޅެއް ދިނުމަށް ވަނީ ނިމާފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ފާރޫގް

    ހައުސިން ޔުނިޓުތަކުގައި ތިން ކޮޓަރިއާއި ތިން ފާހާނަ އަދި، ތިން ސިޓިން ރޫމް/ޑައިނިން ރޫމް ހިމެނޭތަ؟ ހާދަ ފަސޭހަވާނެދޯ.ކޮންމެ ކޮޓަރިޔަކަށް ވަކި ސިޓިންގ ރޫމެއް އިންނަންޏާ.2020 ގަ ރާއްޖޭގަ ތި ތައާރަފު ކުރީ ވަރަށް ރަނގަޅު މޮޑެލަކަށް ވެދާނެ.ކައުނސިލް އިންތިހާބާ ދިމާކޮށް ތިހާ ފުރިހަމަ މޮޑެލް އެއް ތައާރަފު ކުރުމުން ނައިފަރު ހުރިހާ ވޯޓެއް ޔަގީންވީ.

    1
    1