ބިދޭސީން ޤަވާއިދުގެ ތެރެއަށް ފެއްތުމަށް ފެށި ޕްރޮގްރާމަށް ބަންގްލަދޭޝް ސަފީރުގެ ތާއިދު

ލިޔެކިޔުމެއްނެތި ރާއްޖޭގައި މަސައްކަތް ކުރަމުންދާ ބިދޭސީން ޤަވާއިދުގެ ތެރެއަށް ފެއްތުމަށް ސަރުކާރުން ފައްޓަވާފައިވާ ރެގިއުލަރައިޒޭޝަން ޕްރޮގްރާމްގެ މުހިއްމުކަމާއި ގުޅޭގޮތުން ބަންގްލަދޭޝްއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު، ރިއަރ އެޑްމިރަލް އަޚްތަރު ޙަބީބު ވާހަކަދައްކަވައިފިއެވެ.

ސަފީރު މިގޮތަށް ވާހަކަދައްކަވާފައި ވަނީ، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހުގެ އަރިހަށް ކުރެއްވި ވަދާއީ ޒިޔާރަތުގައެވެ.

މި ބައްދަލުވުން އޮތީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގަ މިއަދު ހެނދުނު އެވެ.

އެ ބައްދަލު ކުރެއްވުމުގައި، ވާހަކަފުޅުދައްކަވަމުން ރައީސް ސާލިހު ވަނީ ބަންގްލަދޭޝް ސަފީރު އަޚްތަރު ޙަބީބުގެ ސަފީރުކަމުގެ ދައުރުގައި ބަންގްލަދޭޝް ސަރުކާރުން ރާއްޖެއަށް ވެދެއްވާފައިވާ އެހީތެރިކަމާއި ދެއްވި އެއްބާރުލުމަށް ޝުކުރުއަދާކުރައްވާފައެވެ.

އަދި ރައީސް ވަނީ ބަންގްލަދޭޝް ސަފީރަށް ހެޔޮއެދުމާއި ތަޙުނިޔާ ވިދާޅުވެފައެވެ.

މި ޒިޔާރަތުގައި ބަންގްލަދޭޝް ސަފީރު ވަނީ އެމަނިކުފާނުގެ ސަފީރުކަމުގެ މުއްދަތުގައި ދިވެހިރާއްޖޭގެ ތަރައްޤީއަށް ކުރެވުނު ބައެއް މުހިއްމު މަސައްކަތްތަކުގައި ބައިވެރިއެއްގެ ގޮތުން ކުރެވުނު މަސައްކަތްތަކާމެދު ހިތްޕުޅު ހަމަޖެހިވަޑައިގަންނަވާކަމަށް ވިދާޅުވިއެވެ.

އަދި ބައްދަލުކުރެއްވުމުގައި، ދިވެހިރާއްޖެއާއި ބަންގްލަދޭޝްއާ ދެމެދުގައި އޮތް ހަރުދަނާ ގުޅުން އިތުރަށް ބަދަހިކުރުމަށް ކުރިޔަށް އޮތްތަނުގައި ދެޤައުމަށްވެސް މުހިއްމު ދާއިރާތަކުގައި ގުޅިގެން މަސައްކަތްކުރުމާއި ގުޅޭގޮތުން އެ ދެ ބޭފުޅުން ވަނީ މަޝްވަރާކުރައްވާފައެވެ.

މިބައްދަލުކުރެވުމުގައި ރައީސް ވަނީ ދިވެހިރާއްޖޭގެ ތަރައްޤީއަށް މުހިއްމު އެކި ދާއިރާތަކަށް ބަންގްލަދޭޝްގެ ސަރުކާރުން ވެދެއްވަމުން ގެންދަވާ އެހީތެރިކަމާއި އެއްބާރުލުން ފާހަގަކުރައްވާ އެކަމަށްޓަކައި، ބަންގްލަދޭޝްގެ ސަރުކާރާއި އެޤައުމުގެ ރައްޔިތުންނަށް ޝުކުރުއަދާކުރައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ދޭސީބިދޭސީ

    މިއުޅެނީ ގައުމުގައިި ހިނގާ ޖަރީމާތައް މަދު ނުވެގެން އެވަރުން ވެސް ބިދޭސީންް ގަވާއިދުގެ ތެރެޔައް ފެއްތޭތޯ ބަލަނީ ވެރިކަމުގަ ހުރި މީހާ އައް ވަރިހަމަ ގައުމު ކޮންމެ ގޮތަކައް އޮތަސް ބިދޭސީން ރަނގަޅީޔާ ޖަރީމާ ރާއްޖެ