2017 ވަނަ އަހަރުގެ އޮގަސްޓް މަހުގެ ތެރޭގައި ނިރުބަވެރި ޖަމާއަތެއް ކަމަށް ދުނިޔެ ޤަބޫލުކޮށްފައިވާ އިސްލާމިކް ސްޓޭޓް (އައި.އެސް) އާއި ގުޅިގެން ރާއްޖޭގައި ޖާނުން ފިދާވެގެން ނިރުބަވެރިކަމުގެ ހަމަލާއެއް ދޭން ރޭވި މައްސަލައިގައި ދައުލަތުން ކޮށްފައިވާ ދައުވާއާއި ހުށަހަޅާފައިވާ ހެކިތަކާމެދު މައްސަލައިގެ އިބްތިދާއީ މަރުހަލާގައި ބޮޑު ބަހުސްއެއް ކުރެވިއްޖެއެވެ.

ދޮޅު ގަޑިއިރަށް ދެމިގެން ދިޔަ މިއަދުގެ އިބްތިދާއީ އަޑުއެހުމަށް މި މައްސަލައިގައި ޓެރަރިޒަމްގެ ޢަމަލެއް ކުރަން އުޅުމުގެ ދައުވާ ދައުލަތުން އުފުލާފައިވާ ޏ.ފުވައްމުލަކު އަލުވިމާގެ، ޙުސައިން އަފީފުގެ ދިފާއީ ވަކީލު ހާޒިރުވެފައި ނުވާތީ، މިއަދުގެ އިބްތިދާއީ އަޑުއެހުމުގައި ކުރިއަށް ގެންގޮސްފައިވަނީ މި މައްސަލައިގައި ޓެރަރިޒަމްގެ ޢަމަލެއް ކުރުމަށް ރޭވުމުގެ ދައުވާ ދައުލަތުން އުފުލާފައިވާ ރ.މަޑުއްވަރީ ވިލިދޮޅި އިސްޙާގް ޢަލީގެ ބައެވެ.

މައްސަލައިގެ ސީޣާ ސާފެއް ނުވި

އައި.އީ.ޑީއެއް ގޮއްވާލައިގެން ދޭން އުޅުނު މި ނިރުބަވެރިކަމުގެ ހަމަލާ ރާވާފައިވަނީ ރ.މަޑުއްވަރީ ވިލިދޮޅި އިސްޙާގް ޢަލީ ކަމަށް ދައުވާ އުފުލަމުން ދައުލަތުން ބުނެފައިވާއިރު، އޭނާގެ މައްޗަށް ދައުލަތުން ކޮށްފައިވަނީ ޓެރަރިޒަމްގެ ޢަމަލެއް ކުރުމަށް ރޭވުމުގެ ދައުވާއެވެ. މި ދައުވާ އޭނާގެ މައްޗަށް ކޮށްފައިވަނީ 2017 ވަނަ އަހަރުގެ ޖޫން މަހުގެ ތެރޭގައި އިސްލާމިކް ސްޓޭޓް (އައި.އެސް) އާއި ގުޅިގެން ޖާނުން ފިދާވެގެން ނިރުބަވެރި ހަމަލާއެއް ދޭން ރޭވި ކަމަށްބުނެއެވެ.

މިއަދުގެ އިބްތިދާއީ އަޑުއެހުމުގައި އިސްޙާގުގެ ދިފާއީ ވަކީލް، މުޙައްމަދު މިސްބާހް ވިދާޅުވީ، މައްސަލައިގެ ސީޣާ ސާފުވީ ނަމަވެސް، ދައުވާ އުފުލިއިރު ބޭނުންކޮށްފައިވާ ބައެއް ލަފުޒުތައް ދައުލަތުން މާނަކުރާގޮތް ސާފުކުރަން ބޭނުންވާ ކަމަށެވެ. އެގޮތުން "ފިދާއީ" އަދި "ޖާނުން ފިދާވުން" މާނަކުރަނީ ކިހިނެތްތޯ އިސްޙާގުގެ ވަކީލް އެއްސެވުމުން ދައުލަތުގެ ވަކީލް މިންހާ ޢަލީ ވިދާޅުވީ ދައުލަތާއި، މުޖުތަމައުގެ ތެރޭގައި އާއްމުންނަށް އަދި ގައުމާއި އިޤްތިޞާދަށް ގެއްލުންވާނެގޮތަށް އަމިއްލައަށް މަރުވާ ހާލަތްތަކަކީ "ޖާނުން ފިދާވުން" ކަމުގައި ބެލެވޭނެ ކަމަށެވެ. އަދި އަމިއްލައަށް ނަފްސު ގުރުބާންކޮށް މަރުވާ ހާލަތްތަކުގައި "ފިދާވުން" ގެ ގޮތުގައި ހިމެނޭނެކަމަށެވެ.

ފިދާވާ ކޮންމެ ހާލަތަކީ ދައުލަތާ ދެކޮޅަށް ކުރާ ކަމެއްތޯ އަދި ނިރުބަވެރި ހަމަލާއަކަށް ވާނެތޯ އިސްޙާގުގެ ފަރާތުން ސާފުކުރަން އެއްސެވުމުން، ދައުލަތުގެ ވަކީލު އާއިޝަތު މުޙައްމަދު ވިދާޅުވީ، ދައުވާ ކުރެވިފައިވާ މައްސަލައިގައި ދައުލަތަށް ލިބިފައިވާ ހެކިތަކަށް ބަލާއިރު، އިސްޙާގު ރާވާފައިވާ ހަމަލާއަކީ ނިރުބަވެރި ހަމަލާއެއްކަން ސާފުވާން އޮންނަކަމަށާއި، ދިވެއްސަކު ރާއްޖޭގައި އަދި ރާއްޖޭން ބޭރުގައި ވިޔަސް ޖާނުން ފިދާވެގެން ދޭ ކޮންމެ ހަމަލާއަކީ ދިވެހި ދައުލަތަށް އޭގެ ނޭދެވޭ އަސަރު ކުރާނެ ކަމެއް ކަމަށް ވިދާޅުވިއެވެ. އާއިޝަތު ވިދާޅުވީ، ދިވެހިރާއްޖެއަކީ ފަތުރުވެރިކަމުގެ ދާއިރާއަށް އިޤްތިޞާދު ބިނާވެފައިވާ ޤައުމަކަށްވާތީ، މިފަދަ އަމަލެއްގެ ސަބަބުން ޤައުމަށް މާލީ ގޮތުންވެސް ބޮޑު ގެއްލުމެއް ލިބިގެންދާނެކަމަށެވެ.

އިސްޙާގުގެ ދިފާއުގައި މުޙައްމަދު މިސްބާހް ދެން ފާހަގަ ކުރެއްވީ، އިސްޙާގު އިސްވެހުރެ ރޭވީ ކޮންތާކު، ކިހިނެތް، ކާކު ލައްވާ، ކޮން އިރަކު ދޭން އުޅުނު ހަމަލާއެއްކަން މި މައްސަލައިގެ ދައުވާއިން ސާފުކޮށް އެނގެން ނެތް މައްސަލައެވެ. މިކަންކަން ދައުވާ ލިބޭ ފަރާތަށް ސާފުކޮށްދިނުމަށް ގާޒީ އެދިވަޑައިގަތުމުން ދައުލަތުން ވިދާޅުވީ، އެ ހުރިހާ ތަފްސީލު މައްސަލައިގެ ތަހްޤީގަށް ހޯދިފައި ނުވާކަމަށެވެ. އެއާއެކު ދިފާއުން ބުނަމުންދިޔައީ ދައުވާއިން ސަލާމަތްވުމަށްޓަކައި އެކަންކަން އެނގުން މުހިންމުކަމަށާއި، އެކަންކަން ސާފު ނުވާތީ މައްސަލައިގެ ދައުވާ އެކަށީގެންވާވަރަށް ސާފު ނުވާކަމަށް އަދި ދައުވާކުރަންވާނީ މައްސަލައިގެ ތަހްޤީގު ފުރިހަމަވުމުންކަމަށެވެ.

ނަމަވެސް އިސްޙާގުގެ ދިފާއުގައި ދެއްކި ވާހަކަތަކަށް ދައުލަތުން އިންކާރުކޮށް ބުނަމުން ދިޔައީ، މައްސަލައިގައި ހޯދިފައިވާ ހެކިތަކުން (ފޯނުންނާއި، ދިރިއުޅޭ ގެއިން ފެނުނު ހެކިތައްވެސް ހިމެނޭހެން) ޖާނުން ފިދާވުމުގެ ހަމަލާއެއް ދޭން އިސްޙާގު ރޭވިކަން އެނގެން އޮންނަކަމަށެވެ.

ދައުލަތުން ހުށަހެޅި ހެކިތަކާއި ޖާނުންފިދާވުމުގެ ހަމަލާއަކާ ކޮން ގުޅުމެއް

2017 ސެޕްޓެމްބަރ 14 ވަނަ ދުވަހުގެރޭ 21:45 ހާއިރު އިސްޙާގު ހައްޔަރުކުރި ދެ ފުލުހުން ހެކީގެ ގޮތުގައި ހުށަހަޅާފައިވަނީ ހައްޔަރު ކުރުމަކީ މި ކުށާ ގުޅޭ ކަމެއްތޯ އިސްޙާގުގެ ވަކީލް ސުވާލު އުފެއްދުމުން ދައުލަތުގެ ވަކީލުން ވިދާޅުވީ، ހެއްކެއްގެ ގޮތުގައި ފުލުހުން ހުށަހަޅާފައިވަނީ އޭނާ ހައްޔަރުކުރިއިރު ފެނުނ "ހޮޓްވޭވް" ބްރޭންޑުގެ ފޯނަކީ އިސްޙާގުގެ ފޯނެއްކަން ސާބިތުކުރުމަށެވެ. އަދި އެ ފޯނުން ފެނުނު ވީޑިއޯ އަދި ފޮޓޯ މި މައްސަލައާއި ގުޅޭގޮތުން އުފެއްދެވި ސުވާލާއި ގުޅިގެން ދައުލަތުން ބުނެފައިވަނީ އެ ފޯނުން ފެނުނު ތަކެތިން ނިރުބަވެރި ޖަމާއަތެއް ކަމަށްވާ އިސްލާމިކް ސްޓޭޓް (އައި.އެސް) ޕްރޮމޯޓް ކުރުމަށް މަސައްކަތް ކޮށްފައިވާކަން އެނގޭކަމަށާއި، އެހެންކަމުން ހަރުކަށި ވިސްނުން ގެންގުޅޭ މީހެއްކަންވެސް ހާމަވާކަމަށެވެ. އެ ފޯނުން ފެނިފައިވާ ތަކެތީގެ ތެރޭގައި ސައްތައިންސައްތަ އިސްލާމީ މި ދިވެހި މުޖުތަމައާއި ނުގުޅޭ ހައްދުފަހަނައެޅުމުގެ (އެކްސްޓްރީމް) ފިކުރުގެ ތަކެތި ފެނިފައިވާކަމަށާއި، އޭގެ ތެރޭގައި އައި.އެސް އިން ހިންގާފައިވާ "ލާއިންސާނީ" ޖަރީމާތަކުގެ މަންޒަރުތައް އެކުލެވޭ ވޯޑިއޯތައް ފެނިފައިވާކަމަށެވެ.

އިސްޙާގުގެ ފޯނުން ފެނުނު އެސްއެމްއެސް ތަކަކީ ދީނީ ހަރުކަށި ވިސްނުމުގެ ފިކުރުގެ އެސްއެމްއެސް ކަމަށް ދައުލަތުން ހެކީގެ ގޮތުގައި ހުށަހަޅާފައިވުމުން، ހަރުކަށި ވިސްނުން ދައުލަތުން މާނަކުރާ ގޮތާއި މެދުވެސް ދިފާއުން ސުވާލު ކުރެއްވިއެވެ. ޖަވާބުގައި ދައުލަތުން ވިދާޅުވީ، އެ މެސެޖުގައި ކޮށްފައިވާ ސުވާލަކީ ސައްތައިން ސައްތަ އިސްލާމީ ޤައުމެއްގައި ދިރިއުޅޭ ބަޔަކު ކުރަންޖެހޭ ސުވާލު ނޫންކަމަށެވެ. ދެން ސުވާލު ކުރެވުނީ އިސްޙާގުގެ ފޯނުގެ ކޯލް ލޮގާއި މެދުއެވެ. އެގޮތުން ކޯލް ލޮގުން ދީނީ ހަރުކަށި ފިކުރުގެ މީހުންނަށް މުއާމަލާތް ކޮށްފައިވާކަން ހާމަވާކަމަށް ދައުލަތުން ބުނަނީ ކީއްވެތޯ އިސްޙާގުގެ ވަކީލު އެއްސެވިއެވެ. ރައްދުގައި ދައުލަތުގެ ވަކީލުން ވިދާޅުވީ، ކޯލް ކޮށްފައިހުރި ބައެއް މީހުންނަކީ މިފަދަ މައްސަލަތަކުގެ ތުހުމަތު ކުރެވޭ މީހުންނާއި، މިފަދަ މައްސަލަތަކުގައި ހުކުމް ކުރެވި ދިގު މުއްދަތަކަށް ޖަލަށް ލާފައިވާ މީހުންކަމަށެވެ.

ހަމައެއާއެކު އިސްޙާގުގެ ވަކީލުން ސުވާލު އުފެއްދި އަނެއް ކަމަކީ އިސްޙާގު މި މައްސަލައިގައި ތުހުމަތު ކުރެވޭ ޏ.ފުވައްމުލަކު އަލުވިމާގެ، ޙުސައިން އަފީފްއަށް ގިނަ އަދަދެއްގެ ޑޮލަރު ޓްރާންސްފަރ ކުރިކަން ސާބިތުކުރުމަށް ދައުލަތުން ހުށަހެޅި ބޭންކް ސްޓޭޓްމެންޓާއިމެދުއެވެ. މި ސްޓޭޓްމެންޓާއި ގުޅިގެން ދައުލަތުން ވިދާޅުވީ، މި ބޭންކް ސްޓޭޓްމެންޓުން ނިރުބަވެރި ހަމަލާއަށް އިސްޙާގު ފައިނޭންސް ކޮށްފައިވާކަން ހާމަވާކަމަށެވެ.

މޯރާގެއިން ފެނުނު ތަކެތީގެ "އިންވެންޓްރީ" އިސްޙާގަށް ދިނުމަށް 3 ދުވަސް

މި މައްސަލައިގެ ތަހުޤީގުގައި އިސްޙާގު ދިރިއުޅެމުންދިޔަ އެޕާޓްމަންޓުގެ އިސްޙާގުގެ ކޮޓަރިން 2 ލެޕްޓޮޕާއި، ހާޑް ޑިސްކާއި، ޕެންޑްރައިވްގެ އިތުރުން ހޮޓްވޭވް ބްރޭންޑްގެ މޮބައިލް ފޯނެއް ފެނިފައިވެއެވެ. މިއަދުގެ ޝަރީއަތުގައި އިސްޙާގުގެ ދިފާއީ ވަކީލު ސުވާލު ކޮށްފައިވަނީ މި ތަކެއްޗާއި އިސްޙާގު ނިރުބަވެރިކަމުގެ ހަމަލާއެއް ދޭން ރޭވުމާ ގުޅެނީ ކިހިނެތްކަމާމެދުގައެވެ. މި ވާހަކަތަކަށް ޖަވާބުދާރީވަމުން ދައުލަތުން ބުނީ އެ ކޮޓަރިން ފެނުނު ތަކެތިން ލިބުނު މައުލޫމާތާއި، ފެނުނު ވީޑިއޯ އާއި ފޮޓޯއިން އިސްޙާގު ރާވަމުންދިޔަ ނިރުބަވެރި ހަމަލާގެ މައުލާމާތުތަކެއް ލިބިފައިވާކަމަށެވެ.

އިސްޙާގު ދިރިއުޅުނު ކޮޓަރިން ގިނަ އަދަދެއްގެ ތަކެތި ފުލުހުން ގެންދިޔަކަން ދައުލަތުގެ ވާހަކަތަކުން އެނގޭއިރު އެ ތަކެތީގެ "އިންވެންޓްރީ" އިސްޙާގަށް ލިބިފައި ނުވާކަން އޭނާގެ ދިފާއީ ވަކީލް ފާހަގަކުރެއްވިއެވެ. އެއާއެކު ދައުލަތުން ބުނެފައިވަނީ "އިންވެންޓްރީ" އިސްޙާގު ދިރިއުޅުނު "މޯރާ" ގޭގެ ވެރިފަރާތާއި ހަވާލުކުރިކަން ފުލުހުންގެ ރިޕޯޓްތަކުން އެނގެން އޮންނަކަމަށެވެ. ނަމަވެސް ޤާޒީ ވިދާޅުވީ ކޮޓަރިން ގެންދިޔަ ތަކެތީގެ "އިންވެންޓްރީ" ލިސްޓް އިސްޙާގަށް މުހިންމު ވާނެކަމަށާއި، އެ ލިސްޓް 3 ދުވަހުގެ ތެރޭގައި ހަވާލުކުރަން ދައުލަތަށް އަންގާކަމަށެވެ.

ބައެއް ލިޔުންތައް ސިއްރުކުރަން ދައުލަތުން އެދުނު

މި މައްސަލަ ދައުލަތުން ކްރިމިނަލް ކޯޓަށް ހުށަހެޅީވެސް ބައެއް ލިޔުންތަކަކީ ސިއްރު ލިޔުންތަކެއްގެ ގޮތުގައިކަމަށްވާއިރު، އިސްޙާގުގެ ފޯނު ކޯލެއްކަމަށް ދައުލަތުން ބުނާ ފޯނު ކޯލުގެ ސްކްރިޕްޓް އިސްޙާގަށް ނުދީ ސިއްރު ކޮށްފައިވާތީ އެކަމާ މެދު އޭނާގެ ދިފާއީ ވަކީލު ވަނީ ސުވާލު އުފައްދާފައެވެ. ވަކީލު މުޙައްމަދު މިސްބާހު ވިދާޅުވީ، އިސްޙާގު ކުރި ފޯނު ކޯލެއްގެ ރެކޯޑިންގެ ސްކްރިޕްޓް ނުދައްކަންވީ ކީއްވެކަމާމެދު ސުވާލު އުފެދޭކަމަށެވެ.

މިކަމާއި ގުޅިގެން ދައުލަތުގެ ވަކީލު ވިދާޅުވީ، އެ ފޯނު ކޯލު ސިއްރު ކޮށްފައިވަނީ އިސްޙާގު އިތުރު މީހަކަށް ގުޅައިގެން ދައްކާފައިހުރި ވާހަކަތަކަކަށްވާތީވެ އެހެން މީހެއްގެ ޒާތީ މުއާމަލާތްތަކެއް ހިމެނޭތީ އެ ފަރާތުގެ ހައްޤު ހިމާޔަތްކޮށްދިނުމަށާއި، މިފަދަ އެހެން މައްސަލަތަކުގެ ތަހްޤީގަށް ހުރަސް އެޅިދާނެތީ އަދި މި ކޯލުގައި ހިމެނޭ ތިންވަނަ ފަރާތުގެ މައުލޫމާތު ހާމަވެއްޖެނަމަ، އެފަރާތުގެ ޖިސްމަށް ގެއްލުން ލިބިދާނެފަދަ ކަމަކުން ރައްކާތެރިކޮށްދިނުމަށް ކަމަށެވެ.

މީގެ އިތުރުން ދައުލަތުން ވަނީ، މައްސަލަ ހުށަހެޅިއިރު ސިއްރު ކުރަން ހުށަހަޅާފައިވާ ލިޔުންތައް ސިއްރު ކުރުމުގެ އަމުރަކަށް ކްރިމިނަލް ކޯޓުގައި އެދިފައެވެ. ނަމަވެސް އަދި ގާޒީ އެފަދަ އަމުރެއް ނެރެފައެއް ނުވެއެވެ.

މައްސަލައިގެ ޝަރީއަތް ބާރު ސްޕީޑްގައި ކުރިއަށް

2017 ވަނަ އަހަރުގެ އޮގަސްޓް މަހުގެ ތެރޭގައި އިސްލާމިކް ސްޓޭޓް (އައި.އެސް) އާއި ގުޅިގެން ރާއްޖޭގައި ޖާނުން ފިދާވެގެން ނިރުބަވެރިކަމުގެ ހަމަލާއެއް ދޭން ރޭވުމުގެ ތުހުމަތުގައި، ރ.މަޑުއްވަރީ ވިލިދޮޅި އިސްޙާގް ޢަލީގެ މައްޗަށް ދައުލަތުން އުފުލާފައިވާ ޓެރަރިޒަމްގެ ޢަމަލެއް ކުރަން ރޭވުމުގެ ދައުވާގެ ޝަރީއަތުގެ ކުރިން ހުށަހަޅަން ބޭނުންވާ ލިޔުންތައް 2018 އެޕްރީލް 30 ވާ ހޯމަ ދުވަހުގެ މެންދުރުފަހު 02:30 ގެ ކުރިން ހުށަހެޅުމުގެ ފުރުޞަތު އިސްޙާގު ޢަލީއަށާއި ދައުލަތަށްވެސް ޝަރީއަތުން ވަނީ އަރުވާފައެވެ. އަދި މި މައްސަލައިގައި އިއްޔެ ބޭއްވި އަޑުއެހުމުގައި ޝަރީއަތުގެ ކުރިން ހުށަހަޅަން ބޭނުންވާ ލިޔުންތައް ހުށަހެޅުމަށް ޖާނުން ފިދާވެގެން ނިރުބަވެރިކަމުގެ ހަމަލާއެއް ދޭން އުޅުނުކަމުގެ ދައުވާ ލިބޭ ޏ.ފުވައްމުލަކު އަލުވިމާގެ، ޙުސައިން އަފީފަށް ފުރުޞަތު ދީފައިވަނީ 2018 އެޕްރީލް 25 ވާ ބުދަ ދުވަހުގެ ނިޔަލަށެވެ.

ހުސައިން އަފީފާއި، އިސްޙާގު އަލީގެ ފަރާތުން ޝަރީއަތުގެ ކުރިން ހުށަހަޅާ ކަންކަން ހުށަހެޅުމަށާއި، ދައުލަތުން އެ ކަންކަމަށް ޖަބާބުދާރީވުމަށް އިތުރު އަޑުއެހުމެއް ދެން ބޭއްވުމަށް ހަމަޖެހިފައިވަނީ 2018 މެއި 8 ވާ އަންގާރަ ދުވަހުއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ގޮޅަބޯ

    އަފިރިންގެ ރަން 30 އަހަރި ތެހުށިހައި ބޭކާރަ ވާހަކަ ދައްކައި ވަގުތު ނިނަގަމާ، ޓަސްލާފައި ގަލަމުނާއި އިއްސަށިން ހެކިހީދަގެން ހުކުންކިށްފެއި ޖަލަށް ނުންފެހޭ އަރުވަލަނީ! އެހެންވީމެއި މިރާއްދޭ ކުށްވެރިން ނިލާހިކަމަދަ!

  2. ހަހަހަހަހަ

    ތިތިން މީހުންވެސް ގަތުލު ކުރަންވީ. 17 އަހަރާއި 20 އަހަރަށް ޖަލަށްލާކަމަށް ވަނީނަމަވެސް، "ސޮލިޓަރީ ކޮންފައިންމެންޓް" އަކަށް ލުން ރަނގަޅީ. މާނައަކީ، އިތުރު މީހަކާ ދިމާނުވާގޮތައް 6 ފޫޓް 5 ފޫޓްގެ ގޮޅިއެއްގައި ބަހައްޓާ ގޮތަށް. ދެން އެތާ ހުއްޓާ ހިތްދަތިވެގެން މަރުވެއްޖެޔާ އެކަން އެހިސާބުން އެދިޔައީއެވެ.
    މިފަދަ ފިޔަވަޅުތަކެއް އަޅެގެން ނޫނީ މިކަންކަން ނުހުއްޓުވޭނެ. އަދި މިބައިމީހުންގެ ކްރިމިނަލް ރެކޯޑްވެސް ވެސް އެބަޖެހޭ ބަލަން. އެމީހުންނަށް ފަންނޑުކުރާ ފަރާތްތައް ހޯދާ އެފަރާތްތަކަށްވެސް ބޮޑުވެގެންވާ އަދަބު ދިނުމަށްފެނޭ. އެގޮތުން ދެވިދާނެ އަދަބެއް. ގާމަތި ފިނޮޅެއްގައި ޓިނުން ހަދާ ގޮޅިއެއްގައި ބޭއްވުން.

  3. ރިފާ

    އަފީފް މިހެންވެ ދޯ ސިފައިންގެއިން މި ކެނޑުނީ