ގއ. ވިލިނގިލީ ކައުންސިލްގެ ހުރިހާ މެމްބަރުންް ސަސްޕެންޑުކޮށްފިއެވެ.

ލޯކަލް ގަވަރމެންޓް އޮތޯރިޓީ (އެލްޖީއޭ) އިން އެ ކައުންސިލްގެ ފަސް މެމްބަރުން ސަސްޕެންޑް ކުރީ ދިވެހިރާއްޖޭގެ އިދާރީ ދާއިރާތަށް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުން ކައުންސިލްތަކަށް ލިބިދީފައިވާ ބާރުގެ ބޭރުން ވިލިނގިލީ ކައުންސިލުން ނޫސްބަޔާނެއް ނެރުނު މައްސަލަ އާއި ގުޅިގެންނެވެ.

އެލްޖީއޭ އިން ވިދާޅުވީ ވިލިނގިލީ ކައުންސިލުގެ އެ އަމަލަކީ އެ އޮތޯރިޓީ އިން ފާސްކޮށްފައިވާ ކައުންސިލުން ކުރާ ގާނޫނާއި ހިލާފު އަމަލުތަކާއި އިސްލާހީ ފިޔަވަޅުތައް ދަރަޖަ ކުރުމުގެ އުސޫލުގެ ފަސްވަނަ މާއްދާގެ (ނ) އާއި ހިލާފު އަމަލެއް ކަމަށެވެ.

މި މައްސަލަ ބެލުމަށްފަހު އެލްޖީއޭގެ ބޯޑުން ވަނީ އެ ނޫސްބަޔާނުގައި ސޮއިކޮށްފައިވާ ވިލިނގިލީ ކައުންސިލްގެ ފަސް މެމްބަރުން މާދަމާ އިން ފެށިގެން މުސާރަ އާއި އިނާޔަތްތައް ނުލިބޭގޮތަށް އެއް މަސްދުވަހަށް ސަސްޕެންޑު ކުރަން ނިންމާފައެވެ.

އަދި އެ މުއްދަތުގައި ފަރުދީ ހައިސިއްޔަތުން ލިބިގަންނަ ހިދުމަތެއް ކައުންސިލުން ހޯދުން ނޫން ބޭނުމަކު ކައުންސިލްގެ އިދާރާ އަށް ހާޒިރުވުމާއި ކައުންސިލްގެ ލިޔެކިޔުންތަކާއި ވަސީލަތްތައް ބޭނުން ކުރުމާއި އެއްވެސް ހައްސިއްޔަތަކުން ކައުންސިލް ތަމްސީލު ކުރުން މި ބޭފުޅުންނަށް މަނާވާނެ ކަމަށް އެލްޖީއޭގެ ބަޔާނުގައި ވިދާޅުވެފައިވެއެވެ.

ކައުންސިލަރުންގެ ސަސްޕެންޝަނުގެ މުއްދަތުގައި އެލްޖީއޭ އާއި ގއ.އަތޮޅު ކައުންސިލާއި ގއ.ވިލިނގިލީ ކައުންސިލަށް ލަފާދޭ ކޮމިޓީގެ މަޝްވަރާގެ މަތިން ކައުންސިލް ހިންގުމާއި ހަވާލުވެ ހުންނާނީ ކައުންސިލް އިދާރާގެ ޒިންމާދާރުވެރިޔާ ނުވަތަ އޭނާގެ މަސްއޫލިއްޔަތާއި އެވަގުތަކު ހަވާލުވެ ހުރި ފަރާތަކުން ކަމަށް އެލްޖީއޭ އިން ވިދާޅުވިއެވެ.

އެލްޖީއޭގެ ބަޔާނުގައި ވަނީ މި ދަރަޖައިގެ ކުށެއް ތަކުރާރުކޮށްފިނަމަ ވިލިނގިލީ ކައުންސިލް ރޫޅާލުމަށް ހައިކޯޓަށް ހުށަހަޅާނެ ކަމަށްވެސް ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ފިލި

    އިންތިޚާބަށްވާއިރު އެއްވެސް ކައުންސލަރަކު ޕޕމ އަށް ނުވަދެ ހުރިއްޔާ ސަސްޕެންޑް

    • ހުސޭނުބޭ

      ތިއީ ތެދެއްކަމަށްވަނީވިއްޔާ މިހާރު ތިބޭނީ ގިނަ ކައުންސިލަރުން ސަސްޕެންޑްކޮށްފައިދޯ! އެހެންނޫން ވަނީކީ! ރީނދޫހުމުގެ ބުރާންތީގައި ހެދޭ ނެހެދޭ ނޭގޭވަރުވުމުން ހުންގަނޑު މަޑުވެލަންދެން ބެޑްރެސްޓެއް ނެގުމަށް އަންގަނީ!!