ދިވެހި ބަހުގެ އެކެޑެމީގެ ފަރާތުން އިންތިޒާމްކޮށްގެން ޕްރީ ސްކޫލް ކުދިންނަށް އަމާޒުކޮށްގެން "ތުއްތު ކުދިންގެ ވާހަކަ ދެއްކުމުގެ މަހާސަމާ 2018" ގެ ނަމުގައި މިއަދު ހެނދުނު ކުރިއަށް ގެންދިޔަ ހަރަކާތް ކާމިޔާބު ކަމާއިއެކު ނިންމާލައިފިއެވެ.

މިއަދު ހަވީރު ކުރިއަށްދިޔަ މި މަހާސަމާގެ ނިންމުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށް ދެއްވާފައިވަނީ މިނިސްޓްރީ އޮފް އެޑިއުކޭޝަންގެ ސްޓޭޓް މިނިސްޓަރު އަބްދުﷲ ނަޒީރެވެ. މީގެއިތުރުން މި ރަސްމިއްޔާތުގައި ދިވެހި ބަހުގެ އެކެޑެމީގެ ރައީސް އަޝްރަފް އަލީ އާއި ބަސް ކޮމެޓީގެ އިސްވެރިންނާއި ޕްރީސްކޫލްތަކުގެ އިސްވެރިންނާއި ދަރިވަރުން އަދި މުދައްރިސުންވެސް ވަނީ ބައިވެރިވެފައެވެ.

ޖަލްސާ ޝަރަފުވެރިކޮށްދެއްވަމުން އެޑިއުކޭޝަންގެ ސްޓޭޓް މިނިސްޓަރު އަބްދުއްﷲ ނަޒީރު ދެއްކެވި ވާހަކައިގައި ވަނީ ބެލެނިވެރިން ދަރިވަރުންނާއި ގިނަގިނައިން ދިވެހިބަހުން ވާހަކަ ދެއްކުވެމަށް އިލްތިމާސް ކުރައްވާފައެވެ.

"އަޅުގަނޑުމެންގެ ޅަ ދަރިންދެކެ އަޅުގަނޑުމެން ލޯބިވާނަމަ، އެ ކުދީންނާއި ވާހަކަ ދައްކަން ދިވެހި ބަސް ނޫން އިތުރުއެހެން ބަހެއް ބޭނުމެއް ނުކުރައްވާނެ" ނަޒީރު ވިދާޅުވިއެވެ.

ނަޒީރު އިތުރަށް ވިދާޅުވީ ދިވެހިބަހުން ދަރިވަރުންނަށް ވާހަކަ ދެއްކެވުމުގައި އެންމެ ބޮޑު ދައުރެއް އަދާކުރެވޭނީ އެންމެ ތުއްތުއިރު އެ ކުދިންގެ ބެލެނިވެރިންނަށް ކަމަށެވެ.

 

މި މުބާރާތަކީ ތުއްތު ކުދިންގެ ހިތުގައި ދިވެހި ބަހާއި މެދު ލޯބި ޖެއްސުމަށާއި، ތުއްތު ކުދިންގެ ދިވެހި ބަހުގެ ބަސްކޮށާރު މުއްސަނދިކޮށް، އެ ކުދިންގެ ދިވެހި ބަހުގެ ޤާބިލިއްޔަތުކަން އިތުރުކުރުމަށާއި، ދިވެހި ބަހުގެ ފަސޭހަ ޤަވައިދުން ވާހަކަ ދެއްކުމުގެ ފުރުސަތު ފަހިކޮށްދިނުމަށާއި ވާހަކަ ދެއްކުންތެރި ދަރީންތަކެއް ބިނާކުރުމުގެ ބޭނުމުގައި ކުރިއަށް ގެންދާ ހަރަކާތެއް ކަމަށް ދިވެހި ބަހުގެ އެކެޑެމީއިން ވިދާޅުވެއެވެ.

މިފަދަ ހަރަކާތްތައް ހިންގުމަށް ވިޔަފާރިވެރިންނާއި އަމިއްލަ ފަރުދުންނާއި ކުލަބު ޖަމިއްޔާތަކުގެ ފަރާތުން ލިބެމުންދާ އެހީތަށް ފާހަގަ ކޮށް އެކެޑެމީގެ ރައީސް އަޝްރަފް ވަނީ އެ ފަރާތްތަކަށް ޝުކުރު އަދާކޮށްފައެވެ.

"މިކަން ފުޅާ ދާއިރާއެއްގައި އިރާދަކުރެއްވިއްޔާ އަންނަ އަހަރު ވެސް ކުރިއަށް ގެންދާނަން. އެހެން ގިންތިއެއް ވެސް މިސާލަކަށް ގްރޭޑް އެކެއް، ދޭއް، ތިނެއްގެ ދަރިވަރުންނަށްވެސް މި ފުރުސަތު ފަހިވާނެހެން މި ހަރަކާތް ކުރިއަށް ގެންދަން މި ވިސްނަނީ އަންނަ އަހަރު" ވަގުތު އަށް މައުލޫމާތު ދެމުން އަޝްރަފް ވިދާޅުވިއެވެ.

އަޝްރަފް ވިދާޅުވި ގޮތުގައި މިއީ އުންމީދު ކުރިވަރަށް ވުރެވެސް މާ ކާމިޔާބު މަހާސަމާ އެކެވެ. އަދި މި މަހާސަމާގެ ސަބަބުން ދަރިވަރުންނަށް ދިވެހިބަހުން ދޫ ފަރިތަކަމާއިއެކު ވާހަކަދެއްކުމުގެ ފުރުސަތު ޤައުމީ ފެންވަރެއްގައި ހުޅުވިގެންގޮސްފައިވާ ކަމަށްވެސް އަޝްރަފު ވިދާޅުވިއެވެ.

މި މަހާސަމާގައި ބައިވެރިވި ކުއްޖަކު ބުނެފައިވަނީ މި މަހާސަމާގައި ވާހަކަދެއްކީ ވަރަށް ވާހަކަ ދައްކާ ހިތުން ކަމަށާއި އަންނަ އަހަރުވެސް ފުރުސަތު ލިބިއްޖެ ނަމަ ބައިވެރިވާނެ ކަމަށެވެ. އަދި ޕްރީސްކޫލެއްގެ ޓީޗަރަކު ވެސް ވަނީ ދަރިވަރުންނަށް މި މަހާސަމާގެ ސަބަބުން އައު ލަފްޒުތައް ވެސް ދަސްވެގެން ހިނގައްޖެ ކަމަށާއި އަންނަ އަހަރުވެސް ފުރުސަތު ލިބުނު ވަރަކުން ގިނަ ކުދީންތަކެއް އެ ސްކޫލްގެ ފަރާތުން ބައިވެރިކުރުވާނެ ކަމަށް ބުނެފައެވެ.

މާލެ، ވިލިމާލެ، އަދި ހުޅުމާލޭގެ ހުރިހާ ޕްރީސްކޫލްތަކަށް ވެސް ބައިވެރިވެވޭ ގޮތަށް އިންތިޒާމު ކުރި މި މަހާސަމާގައި ޖުމްލަ 8 ސްކޫލަކުން 40 ތުއްތު ކުދިން ވަނީ ބައިވެރިވެފައެވެ.

ދިވެހިބަހުގެ އެކެޑެމީގެ ފަރާތުން ދިވެހިބަހުގެ ދުވަހާއި ގުޅިގެން މުޅިން އަލަށް ކުރިއަށް ގެންދިޔަ މި ހަރާކާތް ކާމިޔާބު ކަމާއިއެކު ނިމިފައިވާއިރު، މި މަހުގެ 26 ވަނަ ދުވަހު އެދުވަހާއި ގުޅިގެން ހަފްލާއެއް ބޭއްވުމަށްވެސް ހަމަޖެހިފައިވާ ކަމަށް ބަހުގެ އެކެޑެމީއިން ވަނީ ބުނެފައެވެ.