މާލޭގެ ސިޓީ ޕާކް ހުރި ތަނުގައި ޒަމާނީ ޕާކެއް ތަރައްޤީކުރުމަށް ހައުސިންގ މިނިސްޓްރީން ނިންމައިފިއެވެ.

މި ނިންމުމާއި އެކު އެ ޕާކު ތަރައްޤީ ކުރުމުގެ މަސައްކަތް ކުރިއަށްގެންގޮސްދޭނޭ ފަރާތެއް ހޯދުމަށް އެ މިނިސްޓްރީން އިއުލާނުކޮށްފައިވާއިރު، އެ އިއުލާނުގައި ވަނީ އެތަނުގައި ޕާކު ތަރައްޤިކޮށް ހިންގާނެ ފަރާތެއް ހޯދަން ބޭނުންވާ ކަމަށެވެ.

ހައުސިންގ މިނިސްޓްރީން ހަމަކޮށްފައިވާ ގޮތުގައި، މާލޭ ބްލޮކް ނަންބަރު 132ގައި ތަރައްޤީ ކުރާ މި ޕާކުގައި، އެއް ފޫޓާއި ހަތަރު ފޫޓާއި ދެމެދުގެ ފުންމިނެއް ހުންނަ ޕޫލަކާއި، ވޯޓާ ޕްލޭ ސްޓްރަކްޗާއަކާއި، ނާސަރީ ރޫމަކާއި، ޗޭންޖިންގ ރޫމެއްގެ އިތުރުން ފާޚަނާ ހިމެނޭގޮތަށް ތިންބުރީގެ މަލްޓި ސްޓޯރީ މިކްސް ޔޫޒް ބިލްޑިންގެއްވެސް އެޅުމަށް ވަނީ ނިންމާފައެވެ.

މި މަސައްކަތަށް ކުރިމަތިލާ ފަރާތްތަކަށް މިމަހުގެ 19 ވަނަ ދުވަހު ޕްރީބިޑް މީޓިންގ ބާއްވާއިރު، ބީލަމަށް ހުޅުވާލުމަށް ނިންމާފައިވަނީ މިމަހުގެ 26 ވަނަ ދުވަހުގައެވެ.

ގެއްލިފައިވާ އިޖްތިމާޢީ ފޭރާން ހަރުދަނާކޮށް، ތޮއްޖެހިފައިވާ މާލެއަށް ކުރިމަތިވެފައިވާ އިޖްތިމާޢީ މައްސަލަތަކަށް ޙައްލެއް ގެންނެވުމުގެ ގޮތުން މާލޭގައި ހުސްޖާގަ އިތުރުކުރައްވައި، ރައްޔިތުންނަށް އެމީހުންގެ ޢާއިލާތަކާއެކު އުފާވެރި ވަގުތުތައް ހޭދަކޮށްލެވޭނެ ފަދަ ފިނި މައިޒާންތަކާއި، ކުޑަކުދިންގެ ޕާކް ފަދަ ތަންތަން ތަރައްޤީކުރެއްވުމަކީ ސަރުކާރުގެ ބޮޑު އަމާޒެކެވެ.

މި އަމާޒުގެ ދަށުން ފާއިތުވެދިޔަ އަހަރުތަކުގައި، މާލޭގެ އެކި ސަރަޙައްދުތަކުގައި ސަރުކާރުން ވަނީ ޒަމާނީ ފެންވަރަށް ތައްޔާރުކޮށްފައިވާ ހިތްފަސޭހަ ޕާކުތަކެއް ތަރައްޤީކޮށް ހުޅުވާފައެވެ. މީގެ އިތުރުން، ވެހިކަލްތަކަށް ނުވަދެވޭގޮތަށް ބަންދުކުރައްވާފައިވާ މަގުތަކަކީ ޢާއްމުންނަށް ހިތްފަސޭހަ ތަންތަނަށް ހެއްދެވުމަށާއި، އެތަންތަނަކީ ޓޫރިސްޓް އެޓްރެކްޝަނެއްގެ ގޮތުގައި ހެއްދެވުމަށް، އެފަދަ މަގުތައްވެސް ރީތިކުރުމުގެ މަސައްކަތް ސަރުކާރުން ގެންދަވަނީ ކުރައްވަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ޙދދޖޖސޖސ

    މުޅިމާލޭގަ ޕާކު ހެދީމަ އެނިމުނީދޯ؟؟

  2. މަ

    މަލޭ ގަ ކޮންމެ ދެގެއެއް ދޭތެރޭ ޕާކެއް އޮވޭ.

  3. މިހާރު ތިޔަޔަނުގައި

    މިހާރު ތިޔަޔަނުގައި ޕާޓޭމެން ގިނަވެ އެހިސާބުމީހުންނަށް އުނދަގޫވާހިސާބައްކަންތަށް ގޮއްސި ެކަމަށް ސަރުކާރުން ފިޔަވަޅުއަެޅުމަށް ގޮވާލަން އަވަށުގައި ދިރި އުޅޭމީހެއް