ކޮރޯނާވައިރަސްއަށް ރާއްޖެ ތައްޔާރުވެފައި އޮތް މިންވަރުގެ ސައްހަ މައުލޫމާތު ފޯރުކޮށްްދޭން ކުރީގެ ފޮރިން މިނިސްޓަރ ދުންޔާ މައުމޫން ސަރުކާރަށް ގޮވާލައިފިއެވެ.

ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަން ވެސް ކުރެއްވި ދުންޔާ މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރާއްޖެއަށް އާއި އަވައްޓެރި ސްރީލަންކާ އާއި ހަމައަށް މިހާރު ކޮރޯނާވައިރަސް އައިސްފައިވާ ކަމަށާއި ސައްހަ މައުލޫމާތު ފޯރުކޮށްދިނުމަށް ދިވެހި ސަރުކާރަށް ގޮވާލާ ކަމަށެވެ.

"އަޅުގަނޑު ގޮވާލަން ދިވެހި ސަރުކާރުން ކޮރޯނާވައިރަސް އަށް ތައްޔާރުވެފައި އޮތް މިންވަރުގެ ސައްހަ މައުލޫމާތު ދިވެހި ރައްޔިތުންނާއި ހަމައަށް ފޯރުކޮށްދިނުމަށް." ދުންޔާ ވިދާޅުވިއެވެ.

ކޮރޯނާވައިރަސް އާއި ގުޅޭ މައުލޫމާތު ސަރުކާރުން ހާމަކުރަމުން ގެންދާ ގޮތުން ބައެއް ޑޮކްޓަރުން ވަނީ މީގެ ކުރިން މީސް މީޑިއާގައި ކަންބޮޑުވުން ފާޅުކޮށްފައެވެ.

ނަމަވެސް ހެލްތު މިނިސްޓަރ އަބްދުﷲ އަމީން އިއްޔެ ވިދާޅުވެފައި ވަނީ ކޮރޯނާވައިރަސް އާއި ގުޅިގެން އެއްވެސް ކަމެއް ސަރުކާރުން ސިއްރު ނުކުރާނެ ކަމަށާއި ބަލި ޖެހިފައި ހުރި މީހަކު ފެނިއްޖެނަމަ އެކަން ވެސް އިއުލާން ކުރައްވާނެ ކަމަށެވެ.

"މީހަކަށް ޝައްކު ކުރެވިއްޖެ ކަމަށް ވާ ނަމަ ނުވަތަ ކޭސްއެއް ފެނިއްޖެ ކަމަށް ވާ ނަމަ، މިއިން ކޭސް އަކަށް ޓެސްޓް ކުރެވިއްޖެ ކަމަށް ވާ ނަމަ އަޅުގަނޑުމެން ވަގުތުން ވަގުތަށް އެ މައުލޫމާތު އާންމު ރައްޔިތުންނާ ހިއްސާ ކުރާނަން،" މިނިސްޓަރ އަމީން ވިދާޅުވިއެވެ.

ވައިރަސް ހުރި މީހަކު ފެނިއްޖެ ނަމަ އެ މީހަކު ކަރަންޓީން ކުރުމަށްޓަކައި، ހުޅުމާލޭގެ އޯޓިޒަމް ސެންޓަރު ކައިރީގައި ހުންނަ 10 ކްލާސްރޫމުގެ ޕްރީ ސްކޫލް ވަނީ ހަމަޖައްސާފައެވެ. ސާޖިކަލް މާސްކް ވެސް އިތުރަށް ގެނައުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ހެލްތު މިނިސްޓަރ ވަނީ ވިދާޅުވެފައެވެ. އަންނަ ބުދަ ދުވަހާ ހަމައަށް 400،000 މާސްކް ރާއްޖޭގައި ހުންނާނެ ކަމަށް މިނިސްޓަރ އިއްޔެ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ސަޓޯ

    އަނގަ އިނގޭތޯ... މިސަރުކާރުން އަނގައިން ހުރހާތައްޔާރީތަކެއްވީ.. އަމަލެއް ނުފެނި އަނގަތަޅައިގރން ސަރުކާރު ހިންގާ އުސޫލުން

    14
    1
  2. މަލަމަތި

    ބަލަ މިއީ ނާގާބިލް ސަރުކާރެއް މިއީ ލާދީނީ މީހުންނައްވާގިވެރިވާ ސަރުކާރެއް ލާދީނީ ވެރިން މަގާމްތަކުގާ ވާސަރުކާރެއް ދެން ކޮން ބައްޔާ ބެހޭގޮތުން މައުލޫމާތުދޭނީ؟؟ މިސަރުކާރުވަނީ ބޮޑުތަނުއްފޭލިވެފައި ޔާމީނަކީ ގަޓް ހުރިރައީސެ؟

    7
    3