ތުރުކީއަށް ދިޔައީ ފަތުރުވެރިއެއްގެ ގޮތުގައި ކަމަށާއި، ސީރިއާއަށް ދެވުނީ އޮޅިގެންކަމަށް ސީރިއާގައި ކުރަމުންދާ ދާހިލީ ހަނގުރާމައިގައި ބައިވެރިވުމަށް ރާއްޖެ ދޫކޮށް ދިޔަކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ މއ.މާރަނގަ ހަސަން ފައިޒަން ކްރިމިނަލް ކޯޓުގައި ބުނެފިއެވެ.
ރާއްޖެއިން ބޭރުގައި ހިނގާ ހަނގުރާމައެއްގައި ބައިވެރިވުމަށް ދިވެހިރާއްޖެ ދޫކޮށް ދިއުމުގެ ދައުވާ ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނުގެ ދަށުން ހަސަން ފައިޒަންގެ މައްޗަށް ދައުލަތުން އުފުލާފައިވަނީ، ސީރިއާގައި ހިނގަމުންދާ ދާހިލީ ހަނގުރާމައިގައި ބައިވެރިވުމަށް 2017 ވަނަ އަހަރުގެ ފަހުކޮޅު ރާއްޖެ ދޫކޮށް ގޮސްފައިވާ މައްސަލައިގައެވެ.
މިއަދު ކްރިމިނަލް ކޯޓުގައި ބޭއްވި މި މައްސަލައިގެ ފުރަތަމަ އިބްތިދާއީ އަޑުއެހުމުގައި ދައުވާ އިއްވަމުން ދައުލަތުގެ ވަކީލު ވިދާޅުވީ، 2017 ވަނަ އަހަރުގެ ނޮވެމްބަރ މަހުގެ 6 ވަނަ ދުވަހު ސީރިއާއަށް އެތެރެވާން އުޅުމުގެ ތެރޭގައި، މއ.މާރަނގަ ހަސަން ފައިޒަން ތުރުކީއާއި ސީރިއާ ގުޅޭ ބޯޑަރުން ތުރުކީގެ ސަލާމަތީ ބާރުތަކުން ބިޑި އަޅުވާ ހައްޔަރުކުރުމަށްފަހު ރާއްޖެއަށް ޑީޕޯޓް ކޮށްލާފައިވާކަމަށެވެ.
ދައުވާ އިއްވުމުން ގާޒީ ވަނީ ފައިޒަންއަށް ދައުވާ ސާފުވޭތޯ އާއި މައްސަލައިގައި ކުރިއަށްދާން ބޭނުންވަނީ ވަކީލަކާ އެކުތޯ ސުވާލުކޮށްފައެވެ. ފައިޒަން ބުނެފައިވަނީ ދައުވާ ސާފުވާ ކަމަށާއި، ދައުވާއަށް އިންކާރުކުރާ ކަމަށެވެ. އަދި އިބްތިދާއީ އަޑުއެހުންތައް ކުރިއަށް ގެންދަން ބޭނުންވަނީ ވަކީލަކާ ނުލާ ކަމަށާއި، ފަހުން ވަކީލަކު ހަމަޖައްސާނެ ކަމަށެވެ. އެއާއެކު ފައިޒަން މި މައްސަލައިގެ އިބްތިދާއީ އަޑުއެހުން ކުރިއަށް ގެންގޮސްފައިވަނީ ވަކީލެއްގެ އެހީތެރިކަންވެސް ނުހޯދައެވެ.
މި މައްސަލަ ފައިޒަންގެ މައްޗަށް ސާބިތުވެއްޖެނަމަ، 17 އަހަރާއި 20 އަހަރާއި ދެމެދުގެ ޖަލު ހުކުމެއް އޭނާގެ މައްޗަށް އިއްވޭނެއެވެ. މި މައްސަލަ ފައިޒަންގެ މައްޗަށް ސާބިތުކުރުމަށް ދައުލަތުން ފަސް ހެއްކެއް ހުށަހަޅާފައިވެއެވެ. އޭގެ ތެރޭގައި މި މައްސަލައިގެ ތަހްޤީގަށް ފައިޒަން ދީފައިވާ ބަޔާނާއި، ތުރުކީ އެންބަސީގެ ނޯޓަކާއި، ފުލުހުންގެ އިންޓެލިޖެންސް ރިޕޯޓުގެ އިތުރުން މޮބައިލް ފޮރެންސިކް ރިޕޯޓު އަދި ފައިޒަންގެ ޕާސްޕޯޓުގެ ކޮޕީ ހިމެނެއެވެ.
މި ހެކިތަކުގެ ތެރެއިން ތުރުކީގެ އެމްބަސީގެ ނޯޓު ހެއްކެއްގެ ގޮތުގައި ހުށަހަޅާފައިވަނީ، ވޭތުވެދިޔަ އަހަރުގެ ނޮވެމްބަރ މަހުގެ ތެރޭގައި ފައިޒަން ތުރުކީން ޑީޕޯޓްކޮށްލިކަން ސާބިތު ކުރުމަށެވެ. އިންޓެލިޖެންސް ރިޕޯޓް ހުށަހަޅާފައިވަނީ އޭނާ ތުރުކީ މަގުން ސީރިއާއަށް އެތެރެވާން އުޅުނުކަން ސާބިތު ކުރުމަށެވެ. އަދި މޯބައިލް ފޮރެންސިކް ރިޕޯޓު ހުށަހަޅާފައިވަނީ ސީރިއާއަށް އެތެރެވާން އުޅޭކަން ދޭހަވާގޮތަށް އޭނާގެ ފޯނުން ދައްކާފައިހުރި ވާހަކަތައް ސާބިތު ކުރުމަށެވެ. މީގެ އިތުރުން ހެއްކެއްގެ ގޮތުގައި ފައިޒަންގެ ޕާސްޕޯޓްގެ ކޮޕީ ހުށަހަޅާފައިވަނީ އޭނާ ތުރުކީއަށް އެތެރެވިކަން ސާބިތުކުރުމަށެވެ.
ދައުލަތުގެ ވާހަކަތަކާއި ގުޅިގެން ހަސަން ފައިޒަން ބުނެފައިވަނީ، ތުރުކީއަށް ދިޔަ ކަމަށާއި، އޭނާ ތުރުކީއަށް ދިޔައީ ޓުއަރިސްޓް ވިސާގައި ފަތުރުވެރިއެއްގެ ގޮތުގައި ކަމަށެވެ. އަދި ނުބައި ހިސާބަކަށް (ސީރިއާއާއި ތުރުކީ ގުޅޭ ބޯޑަރު ސަރަހައްދަށް) ދެވުނީ އޮޅިގެން ކަމަށްވެސް ފައިޒަން ކްރިމިނަލް ކޯޓުގައި މިއަދު ބުންޏެވެ.
މިއަދުގެ ޝަރީއަތުގައި ފައިޒަން ވަނީ އޭނާގެ ބަންދަށް ލުޔެއް ދިނުމަށް އެދިފައެވެ. ފައިޒަން ބުނީ އޭނާއަކީ އެއްވެސް ކުށުގެ ރެކޯޑެއް ނެތް މީހެއް ކަމަށާއި، އެކަންކަމަށް ބެލުމަށްފަހު މީގެ ކުރިންވެސް 40 ދުވަހު (11 ފެބުރުވަރީ 2018 ގެ ނިޔަލަށް) އޭނާ ބަހައްޓާފައިވަނީ ގޭބަންދުގައި ކަމަށެވެ. އެހެންކަމުން އޭނާގެ ޕާސްޕޯޓް ހިފެހެއްޓުމަށްފަހު ނަމަވެސް ގޭބަންދަށް ބަދަލުކޮށްދިނުމަށް ގާޒީގެ އަރިހުން އޭނާ އެދުނެވެ. ނަމަވެސް ފަހުން އޭނާ ބުނީ، ވަކީލަކު ހަމަޖެއްސުމަށާއި އެކަނި އާއިލާއެއް ބަލަހައްޓަން ޖެހޭތީ އަދި ކުށުގެ ރެކޯޑެއް ނެތް އިރު، ގޭބަންދުގައި ބަހައްޓާފައި ހުރި ދުވަސްތަކުގައި ގަވާއިދާ ހިލާފަށް އެންމެ ފިޔަވަޅެއްވެސް އަޅާފައި ނުވާތީ މާލޭ ބަންދަށް ބަދަލުކޮށްދިނުން އެދޭ ކަމަށެވެ.
ގާޒީ ބަލަންޖެހޭ ކަންކަން ބެއްލެވުމަށްފަހު ނިންމެވީ، ޝަރުތުތަކަކާއި އެކު ހަސަން ފައިޒަން މާލޭ ބަންދަށް (މާލެ، ވިލިމާލެ، ހުޅުމާލެ) ދޫކޮށްލުމަށެވެ. ގާޒީ ފައިޒަންއަށް ޝަރުތުކުރީ، މާލެ، ވިލިމާލެ އަދި ހުޅުމާލެ ފިޔަވައި އެހެން ރަށަކަށް ދާންވާނީ ކްރިމިނަލް ކޯޓަށް ހުށަހަޅައި ފުރުމުގެ ހުއްދަ ލިޔުމުން ލިބުމުންކަމަށާއި، އޭނާ ދިރިއުޅޭ އެޑްރެސް އަދި ފޯނު ނަންބަރު ބަދަލުކުރާނަމަ ވީ އެންމެ އަވަހަކަށް ކުރިމިނަލް ކޯޓަށް އެންގުމަށެވެ. މިއާއެކު މިއިން އެއްވެސް ޝަރުތަކާ ހިލާފުވެއްޖެނަމަ އިތުރު އަޑުއެހުމެއް ބޭއްވުމަށްފަހު ބަންދަށް ދިން ލުއި މުރާޖަޢާ ކުރާނެކަމަށްވެސް ގާޒީ ވިދާޅުވިއެވެ.
ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނުގެ ދަށުން ރާއްޖެއިން ބޭރުގައި ކުރާ ހަނގުރާމައެއްގައި ބައިވެރިވުމަށް ދިވެހިރާއްޖެ ދޫކޮށް ދިއުމުގެ ދައުވާ ހަސަން ފައިޒަންގެ މައްޗަށް ދައުލަތުން އުފުލާފައިވާއިރު، ދިވެހިރާއްޖޭގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކުރުމާ ހަމައަށް ފައިޒަން ހުރީ ގޭބަންދުގައެވެ. ނަމަވެސް ކުއްލި ނުރައްކަލުގެ ހާލަތުގެ ތެރޭގައި ފައިޒަން ވަނީ ގޭބަންދުން ޖަލު ބަންދަށް ބަދަލުކޮށްފައެވެ.
ޓެރަރިޒަމްގެ މައްސަލަތަކާއި ބޮޑެތި ޖަރީމާތައް ހިންގާފައިވާ ފަރާތްތަކުގެ ޝަރީއަތްތައް ކްރިމިނަލް ކޯޓުގައި ބާރު ސްޕީޑެއްގައި ކުރިއަށްދާއިރު މާދަމާވެސް އެ ކޯޓުގައި މުހިންމު މައްސަލަތަކެއްގެ ޝަރީއަތް ކުރިއަށް ގެންދިއުމަށް ތާވަލު ކޮށްފައިވާކަން ފާހަގަކޮށްލެވެއެވެ.
ހުސްދޮގު އުމުރަށްޖަލަށްލާންވީ ރާއްޖޭގަމިހާރު ކުއްވެރިވާއެއްކަމެއްވެސްނޯވެ ކިތަންމެނުބަިކަމެއްކޮއްފަވެސް ބުނަންވީ ނުކުރަމެ ނުދަމެ އޮޅުނީޔެ
ނުރައްކާތެރި ނިރުބަވެރި މީހުން މާލެ ތެރެއަށް ދޫކޮށްލުމުން ވާނެ ގޮތް ބަލަން ހުރޭ،
އެހެންވީމަ އޮޅިގެން ހައްޔަރުކޮށްފައި ބަހައްޓަފައި އޮޅިގެން ހުކުމްވެސް ކޮށްލާ ދެން އެހެން ޤައުމަކަށް ނުދެވޭގޮތަށް.