މާލެއަށް ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދެމުންދާ ސްޓެލްކޯއަށް ބޭނުންވާ ތެޔޮ ސަޕްލައި ކޮށްދިނުމަށްޓަކައި، އެސްޓީއޯއިން ސްޓެލްކޯއަށް ހޮޅިއެއް އެޅުމަށް ނިންމައިފިއެވެ.

މި ޕައިޕްލައިން އެޅުމުގެ ޕްރޮޖެކްޓް ޑިޒައިންކޮށް ކޮންސަލްޓެންސީ އަދި ޕްރޮޖެކްޓް ހިންގައިދޭނެ ބަޔަކު ހޯދަން މިއަދު އެސްޓީއޯއިން އިއުލާނެއްކޮށްފައިވާއިރު، އެ ޕައިޕްލައިން އަޅާނީ މާލޭ އިންޑަސްޓްރިއަލް ވިލެޖުން ފެށިގެން ސްޓެލްކޯ އިންޖީނުގެއަށް ކަމަށް އެސްޓޯއޯއިން ހާމަކުރެއެވެ. އެސްޓީއޯއިން ހާމަކޮށްފައިވާ ގޮތުގައި ބިމުގެ އަޑިން އަޅާ މި ޕައިޕްލައިންގެ ދިގުމިނުގައި 1.2 ކިލޯމީޓަރު ހުންނާނެއެވެ.

މި ޕްރޮޖެކްޓުގެ މަސައްކަތަށް ޝައުޤުވެރިވާ ފަރާތްތަކަށް މިމަހުގެ 30 ވަނަ ދުވަހާއި ހަމައަށް ބިޑުކުރުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ. އަދި ބިޑްކުރާ ފަރާތްތަކަށް މާކްސް ދޭން ހަމަޖެހިފައިވަނީ، އަގަށް 60 އިންސައްތަ (ޑިޒައިން މަސައްކަތަށް 20 އިންސައްތަ، ޓެކްނިކަލް މަސައްކަތްތަކާއި މަހެއްގެ މައްޗަށް ހޭދަވާ ޢަދަދަށް 40 އިންސައްތަ)، ޑިޒައިން ކުރުމުގެ މުއްދަތަށް 20 އިންސައްތަ އަދި ތަޖުރިބާއަށް 20 އިންސައްތަ މާކްސްއިންނެވެ.

އެސްޓީއޯގެ ތަފާސް ހިސާބުތައް ދައްކާގޮތުގައި، އެކުންފުނިން ސްޓެލްކޯއަށް މަހަކު ދިހަ މިލިއަން ލީޓަރުގެ ތެޔޮ ސަޕްލައިކޮށްދެއެވެ.