ިދުނިޔޭގެ އެކި ގައުމުތަކުގައި މިހާރު ފެތެރެމުން އަންނަ ނުރައްކާތެރި ކޮރޯނާވައިރަސްއާއި ބެހޭ ގޮތުން ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުހައްމަދު ސޯލިހް، ޓުއަރިޒަމް ދާއިރާގެ އިސްފަރާތްތަކާއި ބައްދަލު ކުރައްވައި އެ ވައިރަސްއާއި ބެހޭގޮތުން މަޝްވަރާކުރައްވައިފިއެވެ.

މިއަދު ރައީސް އޮފީހުގައި ބޭއްވި މި ބައްދަލުކުރެއްވުމުގައި ރައީސްވަނީ ކޮރޯނާވައިރަސް އިން ރައްކާތެރުވުމުގެ ގޮތުން ރާއްޖެއިން ދުރާލާ އަޅުއްވަމުން ގެންދަވާ ފިޔަވަޅުތަކުގެ މައުލޫމާތު ހިއްސާކުރައްވާފައެވެ.

އެގޮތުން ރާއްޖޭގެ އެއާޕޯޓްތަކާއި ހޮސްޕިޓަލްތަކުގައި އަޅުއްވާފައިވާ ފިޔަވަޅުތަކާއި ރަށު ފެންވަރުގައި އަޅުއްވާފައިވާ ފިޔަވަޅުތަކާއި ގުޅޭ މައުލޫމާތު ވަނީ ހިއްސާ ކުރައްވާފައެވެ. މީގެ ތެރޭގައި ކޮރޯނާވައިރަސް އަށް ހާއްސަކޮށްގެން ހުޅުމާލޭގައި 12 އެންދުގެ އައިސޮލޭޝަން ފެސިލިޓީއެއް ގާއިމުކޮށްފައިވާ ކަމާއި، މި ވައިރަސްއަށް ހާއްސަކޮށް ދަރުމަވަންތަ ހޮސްޕިޓަލުގައި 4 އެނދުގެ ޖާގައިގެ އައިސޮލޭޝަން އައިސީޔޫއެއް ގާއިމުކޮށްފައިވާ ކަމުގައި ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން ކޮރޯނާ ވައިރަސްގެ ހޮޓލައިންގެ ގޮތުގައި ކޯލް ސެންޓަރެއް ގާއިމުކޮށްފައިވާ ކަމަށާއި، އެ ބައްޔަށް ޝައްކުކުރެވޭ މީހުން އުފުލުމަށް 3 އެންބިއުލަންސް މިހާރު ހާއްސަކުރެވިފައިވާ ކަމަށާއި ކޮރޯނާ ވައިރަސްއާ ގުޅޭ ކްލިނިކަލް ގައިޑްލައިންސް ހިމެނޭ ގޮތަށް ސްޓޭންޑަރޑް އެޕަރޭޓިން ޕްރޮސީޖާސްތައް ތައްޔާރު ކުރެވިފައިވާ ކަން ވެސް ރައީސް ފާހަގަ ކުރެއްވިއެވެ.

މި ބައްދަލުވުމުގައި ވައިރަސްއަށް ދުރާލާ ފިޔަވަޅު އެޅުމުގެ ގޮތުން ރިސޯޓްތަކާއި ސަފާރީ އުޅަނދުތަކާއި އަދި އެ ނޫންވެސް ފަތުރުވެރިންނާއި ގުޅޭ ހިދުމަތްތައްދޭ ތަންތަނުން އަޅަންޖެހޭ ފިޔަވަޅުތަކާއި ބެހޭ ގޮތުން ވަނީ މަޝްވަރާ ކުރެވިފައެވެ.

މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ޓުއަރިޒަމް ދާއިރާގެ އިސްފަރާތްތަކުން ވިދާޅުވެފައިވަނީ އެ ބޭފުޅުން މިކަމާއި ގުޅޭގޮތުން ޓުއަރިޒަމް މިނިސްޓްރީ އާއި އެދާއިރާގެ ކަމާއިބެހޭ ފަރާތްތައް ހިމެނޭ ގޮތުން މަޝްވަރާ ބައްދަލުވުމެއް ވަނީ ބާއްވާފައި ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އަހުމަދު

    މަޝްވަރާތައް ނުކޮށް ޗައިނާގެ ފްލައިޓްތަކާ ކްރޫޒްތައް ހުއްޓުވާފަ، ޗައިނާގެ އެއްވެސް މީހެއް ނުވަތަ ޗައިނާއިން އަންނަ އެއްވެސް މީހެއް މި ވަގުތަށް ރާއްޖެއަށް އެތެރެނުވާގޮތް ހެދިއްޔާ މާ ރަނގަަޅެއްނޫންތޯ.