ރަށްގިރުމުގެ މައްސަލައަށް ހައްލު ހޯދަން ކުރެވޭނެ އިތުރުކަންކަން ދެނެގަތުމުގެ މަސައްކަތް، މިހާރުވެސް ކުރަމުންދާ ކަމަށް އެންވައިރޮމެންޓް ޕްރޮޓެކްޝަން އެެޖެންސީ އެޗްޕީއޭއިން ބުނެފިއެވެ.

އީޕީއޭގެ ޑިރެކްޓަރ ޖެނެރަލް އިބްރާހިމް ނައީމް، "ވަގުތު" އަށް މައުލޫމާތުދެއްވަމުން ވިދާޅުވީ ރަށްގިރުމުގެ މައްސަލަ ދިމާވެފައިވާ ރަށްތަކަށް، މޫސުމަށް އަންނަ ބަދަލުތަކާއި ގުޅިގެން އިތުރަށް، ރަށް ގިރުމުގެ މައްސަލަ ދިމާވެދާނެ ކަމަށެވެ.

ކަމާއި ބެހޭ ފަރާތްތަކާއި އެކު މަޝްވަރާކޮށްގެން އެމައްސަލައަށް އަވަސް ހައްލެއް ހޯއްދަވަން މަސައްކަތް ކުރައްވާ ކަން އޭނާ ފާހަގަކުރެއްވިއެވެ.

އެހެންކަމުން އެ މައްސަލަ ދިމާވާ ރަށްތަކުގައި އެންވާރްމެންޓް އެނަލަސިސް އެސެސްމެންޓް ހެދުމަކާއި ނުލާ، ރަށް ގިރުން ހުއްޓުވަން އަޅަން ޖެހޭ ފިޔަވަޅުތައް އަޅަން ފުރުސަތު ދޭން ނިންމާފައިވާ ކަމަށް ނައީމް ވިދާޅުވިއެވެ.

ނައީމް ވިދާޅުވީ މިހާރުވެސް އެހުއްދަ ރާއްޖޭގެ ދިހަރަށަށްވުރެ ގިނަ ރަށަކަށް ދެއްވާފައިވާ ކަމަށާއި، އެ ހުއްދަ ދެމުން ދަނީ މީގެ ކުރިން ވެސް ކުއްލި ފިޔަވަޅު އެޅުމަށް ހުއްދަ ދޭން ހަމަޖެހިފައިވާ އުސޫލާއި އެއްގޮތަށް ކަމަށެވެ.

ރާއްޖޭގެ ހުރިހާ ރަށަކަށްވެސް މިދުވަސްވަރު ރަށްގިރުމުގެ މައްސަލަތައް ކުރިމަތިން ވަމުންދާއިރު، ރައްޔިތުންގެ މަޖިލީހުން ވަނީ މި މައްސަލަ ހައްލުކުރަން މަޝްވަރާތައް ފަށާފައެވެ.

މަޖިލީހުން ކުރާ މަސައްކަތަކުގެ ތެރެއިން ރަނގަޅު ހައްލެއް ހޯދައިދީ، ރަށް ގިރުމުގެ މައްސަލަ އަށް އެކަށީގެންވާ ހައްލެއް ހޯދާދިނުމަށް މަސައްކަތް ކުރައްވާކަން، މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަނީ ވިދާޅުވެފައެވެ.

އަދި މަޖިލީހުގެ އެންވާރްމަންޓް އެންޑް ކްލައިމެޓް ޗޭންޖް ކޮމިޓީއިން ވަނީ އާއްމުންނަށް ހުޅުވާލައިގެން އެ ކޮމިޓީގެ ކުއްލި ބައްދަލުވުމެއްވެސް މި ހަފްތާގެ ތެރޭގައި ބާއްވާފައެވެ.

އެ ބައްދަލުވުމުގައި މެމްބަރުން ވަނީ ރަށްގިރުމުގެ މައްސަލަ ހައްލު ނުކޮށް، ރަށްތައް ހިއްކައިގެން ހިންގާ މެގަ ޕްރޮޖެކްޓްތައް ހިންގުމަކީ ބަލައިގަނެވޭ ކަމެއް ނޫން ކަމަށް ބުނެފައެވެ. އަދި އެ މައްސަލަ އަށް ދާއިމީ ހައްލެއް ނުހޯދައިފި ނަމަ ފަހުން ހިތާމަ ކުރަން ޖެހިދާނެ ކަމަށް މެމްބަރުން ފާހަގަކުރެއެވެ.