ބައްދަލު ކުރެވުނު ސިޔާސީ ޕާޓީތަކުގެ މަޝްވަރާގެ އަލީގައި ގާނޫނުތަކާއި ގަވައިދުތަކަށް ގެންނަން ޖެހޭ އިސްލާހް ގެނެވުމުގެ މަސައްކަތް ވަނީ ފެށިފައި ކަމަށް އިލެކްޝަން ކޮމިޝަނުން ވިދާޅުވެއްޖެއެވެ.

އެކޮމިޝަނުގެ މެންބަރު އަހުމަދު އަކްރަމް ވިދާޅުވީ އިލެކްޝަން ކޮމިޝަނުން ހުރިހާ ސިޔާސީ ޕާޓީއަކާއި އެކުވެސް މަޝްވަރާކުރަން ބޭނުންވާ ކަމަށާއި ކުރިން މަޝްވަރާނުކުރެވުނު ސިޔާސީ ޕާޓީތަކާއި އެކު އަލުން މަޝްވަރާ ކުރުމަށް މަސައްކަތް ކުރާނެ ކަމަށެވެ. ނަމަވެސް މިވަގުތު ކުރަމުން ގެންދާ މަސައްކަތަކީ ކުރިން ބައްދަލުކޮށް ކުރެވުނު މަޝްވަރާތަކުގެ އަލީގައި އިލެކްޝަން ކޮމިޝަންގެ ގަވައިދުތަކާއި ގާނޫނުތަކަށް ގެންނަން ޖެހޭ އިސްލާހުތަށް ގެނެވުމުގެ މަސައްކަތް ކަމަށްވެސް އަކްރަމް ވިދާޅުވިއެވެ.

"އިލެކްޝަން ކޮމިޝަނުން އަބަދުވެސް މަސައްކަތް ކުރާނެ ސިޔާސީ ޕާޓީތަކާއި އެކުގައި މަޝްވަރާ ކުރުމަށް. އެހެން ނަމަވެސް މިހާރު އިލެކްޝަން ކޮމިޝަނުން ކުރަމުން މިގެންދާ މަސައްކަތަކީ ބައްދަލުކުރެވުނު ސިޔާސީ ޕާޓީތަކާއި އެކު ކުރެވުނު މަޝްވަރާތަކުގެ އަލީގައި އިލެކްޝަން ކޮމިޝަންގެ ގާނޫނާއި ގަވައިދުތަކަށް ގެންނަން ޖެހޭ އިސްލާހުތަށް ގެނެވުމުގެ މަސައްކަތް" މެންބަރު އަކްރަމް ވިދާޅުވިއެވެ.

އަދި ސިޔާސީ ޕާޓީތަކުން އިލެކްޝަން ކޮމިޝަނާއި އެކު މަޝްވަރާކުރުމަށް އެދިއްޖެ ކޮންމެ ހިނދެއްގައި އެކަމަށް އިޖާބަ ދޭނެ ކަމުގައިވެސް އަކްރަމް ވިދާޅުވިއެވެ.

އިލެކްޝަން ކޮމިޝަނުން ސިޔާސީ ޕާޓީތަކާއި އެކު މަސްވަރާކުރުމަށް ނިންމާ ސިޔާސީ ޕާޓީތަކަށް ފޮނުވި ދައުވަތު ގަބޫލުކޮށް އިލެކްޝަން ކޮމިޝަންއާއި އެކު މަޝްވަރާގެ މޭޒުގެ ދޮށަށް އައިސްފައިވަނީ ޕީޕީއެމް އަދި އެމްޑީއޭ އެކަންޏެވެ.

އެހެން ހުރިހާ ސިޔާސީ ޕާޓީތަކުން ވަނީ އިލެކްޝަން ކޮމިޝަންގެ ދައުވަތަށް އިންކާރުކޮށް ކޮމިޝަންގެ ދައުވަތަށް ނޫނެކޭ ބުނެފައެވެ.

އިލެކްޝަން ކޮމިޝަނުން ސިޔާސީ ޕާޓީތަކާއި ބައްދަލުކުރަން ނިންމައިފައިވަނީ އިންތިހާބުގެ ކުރިން ސިޔާސީ ޕާޓީތަކާއި މަޝްވަރާކުރަން ޖެހޭ މުހިންމު ކަންތަށްތަކެއް ހުރުމުން ކަމަށް އެ ކޮމިޝަނުން ވިދާޅުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޓިނި

    ވޯޓް ނުލާ ވެރިކަމަށް އާދެވޭގޮތަށް ބަދަލުކުރަ؟

  2. ޕިނާމް

    އިރާދުކުރެއްވިއްޔާ ތިޔައީ މިވަގުތު ހަމަ ހުރެލާފަ ފެންތަށްޓެއް ބޯލުންހާ ފަސޭހަ ކަމެއް.