ސަރުކާރު ވައްޓާލަން އުޅުމުގެ ތުހުމަތުގައި ހައްޔަރު ކޮށްފައި ތިބި ކުރީގެ ފުލުހުންގެ ބަންދުގެ މުއްދަތު އިތުރު ކުރި މައްސަލަ ހައި ކޯޓުގައި މިއަދު އިސްތިއުނާފު ކޮށްފި އެވެ.

އެ މީހުންގެ ވަކީލުންގެ ޓީމުގައި ހިމެނޭ މަހުފޫޒު ސައީދު ވިދާޅުވީ ހައްޔަރުކޮށްފައިވާ މީހުންގެ ބޯ ބޭލި މައްސަލަ ބަންދުގެ މަޖިލީހުގައި ފަނޑިޔާރު ރިއާޔަތް ނުކުރި ކަމަށެވެ.

"ބަންދުގެ މަޖިލީހުގައި އެ ނުކުތާ ފާހަގަ ކުރީމަ ކޯޓުން އެ ނުކުތާ އަށް އެއްވެސް ރިއާޔަތްކުރުމެއް ނެތި ބަންދު އިތުރުކުރީ. އެހެންވެ އެ މައްސަލަ ހައި ކޯޓުގައި އިސްތިއުނާފުކުރީ،" މަހުފޫޒުު ވިދާޅުވި އެވެ.

ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް، މިދިޔަ ފެބްރުއަރީ އަދި މާޗު މަހު އަށް ފުލުހަކު ހައްޔަރުކޮށްފައި ވެ އެވެ. އޭގެ ފަހުން ފުލުހުންގެ ވަޒީފާ އިން އެމީހުން ވަނީ ވަކިކޮށްފައެވެ. މީހުންގެ ބަންދަށް ކްރިމިނަލް ކޯޓުން މިދިޔަ ހޯމަ ދުވަހު ވަނީ ނުވަ ދުވަސް އިތުރުކޮށްފަ އެވެ.

ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ހައްޔަރު ކޮށްފައިވަނީ އެސްއޯގެ ޕްލެޓޫނެއްގެ ކުރީގެ ކޮމާންޑަރު އިނިސްޕެކްޓަ އޮފް ޕޮލިސް ސައިފު ހުސައިންއާއި، ސްޓޭޝަން އިނިސްޕެކްޓަ ފާއިޒު މުހައްމަދާއި ފުލުހުންގެ ސްވޮޓު ޓީމުގައި މަސައްކަތް ކުރި ސާޖަންޓު އަބްދުﷲ ރިޝްވާނާއި ކޯޕްރަލް އަލީ ނަސީރާއި ކޯޕްރަލު ހަސަން ނަސީރާއި ކޯޕްރަލު މުހައްމަދު ޝާމިންއާއި ސާޖެންޓު އަހުމަދު އާސިމް ހިމެނެއެވެ.

ހައްޔަރުކޮއްފައިވާ ކުރީގެ ފުލުހުންގެ މައްޗަށް ގާނޫނުގައިވާ ވާޖިބެއް އަދާނުކޮށް ދޫކޮށްލުމާއި ގާނޫނު ތަންފީޒު ކުރާ މުވައްޒަފަކަށް ހުރަސް އެޅުމާއި ގާނޫނު ހިންގުމަށް ހުރަސް އެޅުމާއި ދައުލަތުގެ މަސައްކަތްތަކަށް ހުރަސް އެޅުމާއި އާންމު މަސްލަހަތަށް ގެއްލުން ހުރި އަމަލެއް ކުރުމުގެ ތުހުމަތު ވަނީ ކޮށްފައެވެ.

ވާޖިބު އަދާ ނުކުރުމުގެ އިތުރުން ނިރުބަވެރިކަން މަނާކުރުމުގެ ގާނޫނުގެ ދަށުން، ސަރުކާރަށް ނޭދެވޭ ނުފޫޒެއް ފޯރުވަން އުޅުމާއި އަދި ގާނޫނާ ހިލާފަށް ސިޔާސީ އަދި ދީނީ ވަކި ފިކުރެއް ކުރިއެރުވުމުގެ މަގްސަދުގައި އާންމުންނަށް ނުވަތަ ބައެއް އާންމުންގެ ސަލާމަތަށް ބޮޑު ނުރައްކަލެއްވާ ފަދަ ހާލަތެއް ކުރިމަތިކުރުވަން އުޅުމާއި ނިރުބަވެރި އަމަލެއް ހިންގުމަށް އެއްވެސް ސިފައެއްގައި އެހީތެރިވެދިނުން ނުވަތަ ބައިވެރިވުމުގެ ތުހުމަތު އެމީހުންނަށް ކުރެ އެވެ.

މި މީހުން ހައްޔަރު ކުރީ ސަރުކާރު ވައްޓާލުމަށް މަސައްކަތް ކުރުމާއި ސަލާމަތީ ބާރުތަކާ ދެކޮޅަށް ނިކުމެ، އަމަން ބަލަހައްޓަން ތިބި ފުލުހުންނާ މެދު މާރާމާރީ ހިންގައިސަލާމަތީ ބާރުތަކާ މެދު އިތުބާރު ގެއްލުވާލުމަށް މަސައްކަތް ކުރާ ކަމުގެ ތުހުމަތުގަ އެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޣަފޫރުބޭ

    އިދިކޮޅޭމެނަށް ޣައިރު ޤާނޫނީކަމެއްގައި އެހީތެރިވި މީހުންގެ ދިފާޢުގަ އުޅޭމީހުން މިތިބަ ފެނި ކަށަވަރުވަނީ! ސްޕްރީމްކޯޓުން ނެރުނީ ޣައިރުޤާނޫނީ އަމުރެއްކަން މިހިރަ ފަޅާއަރަނީ!