ކުރީގެ ރައީސް މުހައްމަދު ނަޝީދު އިދިކޮޅު ކެންޑިޑޭޓް އަކަށް ނެރެފި ނަމަ އިދިކޮޅު ކޯލިޝަން ރޫޅި ބައިބައި ވާނެ ކަމަށް ވެރިކަން ކުރާ ޕާޓީ ޕީޕީއެމް އިން ބުނެފިއެވެ.

13 އަހަރުގެ ޖަލު ހުކުމް އެއް ތަންފީޒު ކުރަމުންދަނިކޮށް ބޭސް ފަރުވާއަށް ކަމަށް ބުނެ އިނގިރޭސި ވިލާތަށް ވަޑައިގެން އެގައުމުން ހިމާޔަތް ހޯއްދަވައިގެން ހުންނެވި ކުރީގެ ރައީސް ނަޝީދު ރިޔާސީ އިންތިހާބުގައި ވާދަކުރައްވަން މަސައްކަތް ކުރައްވަމުން ގެންދަވާއިރު ޕީޕީއެމްގެ ގެމަނަފުށީ ދާއީރާގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރު ޖަމީލް އުސްމާން ވިދާޅުވީ ކުރީގެ ރައީސް ނަޝީދު އިދިކޮޅު ކެންޑިޑޭޓް އަކަށް ނެރެން އިދިކޮޅު ޕާޓީތަށް އެއް ގަލަކަށް ނާރާނެ ކަމަށާއި މިހާރުވެސް އިދިކޮޅު އޮތީ ބައި ބައި ވެފައި ކަމަށެވެ.

"މި މަންޒަރު ވަރަށް ސާފުކޮށް ފެނިގެންދާނެ އެބޭފުޅުން އިދިކޮޅު ކެންޑިޑޭޓް އިއުލާން ކުރާ ހިސާބުން. އިދިކޮޅު ބައި ބައި ވާނެ, އިދިކޮޅު އެމްޑީޕީގެ ތެރެއިން އަބްދުﷲ ޝާހިދުވެސް އެބަ ބޭނުންވޭ ވެރިކަން. އެމްޑީޕީގެ ހަތަރު ފާރުން ބޭރުން ނަޝީދު ނޫން މީހަކަށް ކެންޑިޑޭޓް ކަން ނުދޭ ގޮތަށް ނަޝީދު ވަނީ ޕާޓީ ހިސޯރުކޮއްފައި " ޖަމީލް އުސްމާން ވިދާޅުވިއެވެ.

ޖަމީލް އުސްމާން ވިދާޅުވީ ނަޝީދަށް ކުރިމަތި ނުލެވޭނެކަން އެމްޑީޕީއަށް ވެސް އިނގޭނެ ކަމަށާއި ނަމަވެސް އަދިވެސް ނަޝީދު ނެރޭ ވާހަކަ އެ ދައްކަނީ ސަޕޯޓަރުން މާޔޫސް ވިޔަ ނުދޭން ކަމަށެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެ ކަމަށް ނަޝީދު ވިދާޅުވެފައިވީ ނަމަވެސް، ނަޝީދުގެ މައްޗަށް އިއްވާފައިވާ 13 އަހަރުގެ ޖަލު ހުކުމާ ގުޅިގެން އިންތިހާބުގައި ވާދަކުރެއްވުމުގެ ގާނޫނީ ހުރިހާ ފުރުސަތުތަކެއް އެމަނިކުފާނަށް ވަނީ ބަންދުވެފަ އެވެ.

މިގޮތަށް މިކަން އޮތް ނަމަވެސް އދ ގެ އިންސާނީ ހައްގުތަކާ ބެހޭ ކޮމިޓީން ދާދިފަހުން ވަނީ ރައީސް ނަޝީދަށް އިންތިހާބުގައި ވާދަ ކުރެވެން ޖެހޭނެ ކަމަށް ނިންމާފައެވެ. ނަމަވެސް ސަރުކާރުން ވަނީ އެ ނިންމުން ބަލައިގަންނަން ދެކޮޅު ހަދާފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. އަބްދުއްލާ

    ނަސީދަށް ކުރިމައްޗެއް ނުލެވޭނެ. ނަސީދު ދޫކުރުމަކީ ގާނޫނުއަސާސީގަ ތަންދޭ ކަމެއްނޫން ގާނޫނުއަސާސީގަ ބުނަނީ ގާނޫނުން ލިބޭ މަންފާ އެންމެނަށް ހަމަހަމަ ގޮތުގަ ލިބެންވާނެކަމަށް . ވީމާ ނަސީދު ދޫކުރާނަމަ ޖަލުގަ މިހާރުތިބި އެންމެންވެސް ދޫކުރަންޖެހޭނެ.

  2. މަގޭ ވޯޓް

    މަގޭ ވޯޓް މަ ދޭނީ ހަމައެކަނި ނަޝީދުއަށް. މަމީ އެއްވެސް ޕާޓީއެއްގެ މީހެއްނޫން ކުރިން މަވެސް ވަރަށް ފޫހިވެ އަންނި ދެކެ. އެކަމް ރައީސްކަމަށް އަރާ އެކޮށްދެއްވި އަގުހުރި މަސައްކަތުން މަގޭ ހިތް ލަނބުވައިލައިފި. ހިތްތިރި ރައީސްއަށް މަގޭ ސަޕޯޓް. އަންނި ވެރިކަމުގައި ހުރިއިރު ހުރިހާ އާންމު ރައްޔިތުންނަށް ލުއި ފަސޭހަ ގޮތްތަށް ހަމަޖައްސައިދިން. ލަނޑުދިން އެންމެންނަށް ލަނޑު ލިބެމުންދަނީ. މަށަށް ހަމަ ހެވެނީ.

  3. އަޙްމަދް

    އދ ގެ ޤަރާރު ކެނެރީގޭ ނަޝީދަށް
    އައްނަ ރިޔާސީ އިންތިޙާބުގެ ޕޕއެމްގެ ޓިކެޓު ރައީސް ޔާމީނަށް
    އެމްޑީޕީގެ ޓިކެޓު އިބޫ އަށް.