ރާއްޖޭގައި ކެންސަރު ބަލި ޖެހުން ހުއްޓުވަން، އެކަށީގެންވާ ފިޔަވަޅުތަކެއް އެޅުމަަށްޓަކައި ރަނގަޅު ޕްލޭނެއް އެކުލަވާލަން ކެންސަ ސޮސައިޓީން ސަރުކާރަށް މިއަދު ގޮވާލައިފިއެވެ.

ހޮޓެލް ޖެންގައި "އޮންކޯ ސްޕެކްޓްރަމް 2.0" ނަމުގައި ކެންސަރާ ގުޅޭ ގޮތުން މަޝްވަރާ ކުރަން ފެށި ވޯކްޝޮޕްގައި ކެންސަ ސޮސައިޓީގެ ޗެއާޕާސަން ޖުވޭރިޔާ ސައީދު ވިދާޅުވީ ސަރުކާރުން ކެންސަރާ ދެކޮޅަށް ރަނގަޅު ޕްލޭނެއް އެކުލަވާލައި ރާއްޖޭގައި ކެންސަރު ބަލި އޮތް މިންވަރާއި، ކެންސަރާއި ގުޅުން ހުރި މުހިއްމު މައުލޫމާތުތައް އެނގޭނެ ތަފާސް ހިސާބުތަކެއް އެކުލަވާލުމުގެ މަސައްކަތް ކުރިއަށްދާ ތަން ފެންނަން ބޭނުންވާ ކަމަށެވެ.

ޖުވޭރިޔާ ވަނީ ކެންސަރު ޖެހޭ މީހުންނަށް ދިމާވާ ދަތިތަކަށް އަލި އަޅުއްވާލައްވައިފައެވެ.

"2017 ގެ ނިޔަލަށް މި ބައްޔަށް ރާއްޖެއިން ފަރުވާ ލިބޭކަށް ނުހުރޭ. އޭރު މި ބަލި ޖެހުމުން ރާއްޖެއިން ބޭރަށް ގޮސް ފަރުވާއަށްޓަކައި ތިބެން ޖެހެނީ ބޭރުގައި. ކެންސަރު ޖެހުމުން ގިނަ ވަގުތުތަކެއް ވަންދެން މަސައްކަތާ ދުރުގައި އުޅެން ޖެހޭ. ކީމޯ އާއި އެހެން ކަންކަމުގެ ސަބަބުން ކަންކަމުގައި މަސްއޫލުވެ އުޅެން ބަލިމީހާ އަށް އުނދަގޫވޭ. އެފަދަ ހާލަތްތަކުގައި ވަޒީފާ ގެއްލުނީމަ ބަލި މީހާއަށް އިތުރު ހިތްދަތި ކަމަކާއި ކުރިމަތިވޭ" ޖުވޭރިއްޔާ ވިދާޅުވިއެވެ.

ޖުވޭރިޔާ ވިދާޅުވި ގޮތުގައި ރާއްޖޭގައި ތިން ހޮސްޕިޓަލަކުން ކެންސަރު ބައްޔަށް ފަރުވާ ކުރެވެއެވެ. އެއީ ޓްރީ ޓޮޕް ހޮސްޕިޓަލާއި އައިޖީއެމްއެޗާއި ހުޅުމާލެ ހޮސްޕިޓަލެވެ.

ޖުވޭރިޔާ ވިދާޅުވީ ދިވެހި އޮންކޯ ސާޖަންއަކު މިހާރު ރާއްޖޭގައި ހުރި އިރު، ދާދި އަވަހަށް ދިވެހި އޮންކޯ ޑޮކްޓަރެއްގެ ޚިދުމަތްވެސް ލިބެން ފަށާނެ ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި މިހާރު ވެސް ކެންސަރު ބައްޔަށް ފަރުވާ ހޯދަމުންދާ މީހުން ވަރަށް ބޮޑެތި ދަތިތަކާ ކުރިމަތިލާން ޖެހެއެވެ.

އެގޮތުން ބައެއް ބަލި މީހުން ފަރުވާއަށްޓަކައި ކައިރި ކައިރީގައި، ދިގު ދަތުރުތައް ކުރަން ޖެހޭއިރު، އެ ބަލި ޖެހުމުން ބޭނުންވާ އަޅާލުމާއި އޯގާތެރިކަން އެންމެ ފުރިހަމައަށް ނުލިބުން ފަދަ ކަންކަން ދިމާވާ ކަމަށް ވެސް ޖުވޭރިޔާ ވިދާޅުވިއެވެ.

"ކެންސަރު ބައްޔަށް ފަރުވާ ހޯދާ މީހަކު ހަފްތާއަކު އެއް ފަހަރު 7 ގަޑި އިރު ވަންދެން ދަތުރު އެބަ ކުރޭ ކެންސަރަށް ފަރުވާ ހޯދަން. އަދި އެކަކު ބައްޔަށް ފަރުވާ ހޯދަމުން ދަނިކޮށް، ވަޒީފާއެއް ނެތި ހުންނަން ޖެހުމުން ހުޅުމާލޭގައި ހުރި ފްލެޓްއަށް ފައިސާ ނުދެއްކި، އެތަން ގެއްލިދާނެ ކަމުގެ ބިރުގައި ހުރީ. ކެންސަރ ޖެހުމުން ވަރަށް ގިނަ ވަގުތު ވަޒީފާއަށް ނުދޭ. ވަޒީފާ ގެއްލުން ފަދަ ކަންކަން ވުމުން މަޖުބޫރު ވަނީ އާއިލާ ކައިރީގައި، ނޫނީ ރަށަށް ބަދަލުވާން." ޖުވޭރިއްޔާ ވިދާޅުވިއެވެ.

އޮންކޯ ސްޕެކްޓްރަމް 2.0 ގެ ނަމުގައި ކެންސަރަށް ހޭލުންތެރި ކުރުވުމުގެ ޕްރޮގްރާމެއް، މިދިޔަ އަހަރު ވެސް ހިންގާފައިވެއެވެ.

ކެންސަރު ސޮސެއިޓީގެ ޗެއާޕާސަން، ޖުވޭރިއްޔާ ވޯކްޝޮޕްގައި ވާހަކަ ދައްކަވަނީ: ފޮޓޯ ވަގުތު

 

މި ފަހަރުގެ ހަރަކާތްތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ ތިން ދުވަހަށް ބަހާލައިގެންނެވެ. އެ ހަރަކާތްތައް ކުރިއަށް ގެންދަނީ ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އާއި އައިޖީއެމްއެޗްގެ އިތުރުން ކެންސަ ސޮސައިޓީއިން ވެސް ބައިވެރިވެގެންނެވެ. އެ ހަރަކާތްތަކަށް ޑރ. ރެޑީސްއިން ދަނީ ހާއްސަ އެހީތެރިކަމެއް ފޯރުކޮށްދެމުންނެވެ.

ވޯކް ޝޮޕްއަކާއި ކޮންފަރެންސެއް ހިމެނޭ ގޮތަށް ހޮޓެލް ޖެންގައި، ބާއްވާ ބައްދަލުވުމަކީ، މީގެ ތެރެއިން ފުރަތަމަ ހަރަކާތެވެ. އެ ބައްދަލުވުމުގައި ދާއިރާގެ ތަޖުރިބާކާރުން ބައިވެރިވަޑައިގަންނަވާއިރު، ރާއްޖޭގައި ކެންސަރުގެ ތާރީހާއި، ކެންސަރާ ދެކޮޅަށް ކުރަމުންދާ މަސައްކަތްތަކާ ގުޅޭގޮތުން މަޝްވަރާ ކުރުމަށް ވަނީ ހަމަޖެހިފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. މަދިރި

    ތިޔަކުރާ ކަމަކުން ރައްޔިތުންނަށް އެއްވެސް ފައިދާ އެއްނުކުރާ ތާގައި ހެދޭ ނުހެދޭ އެއްޗެއްވެސް އެގޭހެނެއް ހިޔެއްނުވޭ!