ކޮރޯނާ ވައިރަސް ޖެހުނު 329 މީހުންނަށް ފަރުވާދީ އެ މީހުން ރަނގަޅުކޮށްފިއެވެ.

ޗައިނާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޒޭންގް ލިޒްހޮންގް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، މިހާތަނަށް ޗައިނާއިން ކޮރޯނާ ވައިރަސް ޖެހުނު 328 މީހުންނަށް ފަރުވާދީފައިވާ ކަމަށެވެ. ލަންކާއިން ކޮރޯނާ ވައިރަސްއަށް ޕޮޒިޓިވްވި ހަމައެކަނި މީހާއަށް ވެސް ވަނީ ފަރުވާ ދީފައެވެ.

އެހެންކަމުން ކޮރޯނާ ވައިރަސް ޖެހުނު މީހުންގެ ތެރެއިން މިހާތަނަށް ރަނގަޅުވީ މީހުންގެ ޖުމްލަ އަދަދަކީ 329އެވެ.

ޗައިނާ ސަފީރުގެ ޓްވީޓްގައި ވިދާޅުވީ، ޗައިނާގައި ކޮރޯނާ ވައިރަސް ޖެހުނު މީހުންގެ ތެރެއިން އެ ބަލިން ސަލާމަތްވި މީހުންގެ އަދަދު އިތުރުވަމުންދާ ކަމަށާއި، ކޮރޯނާ ވައިރަސް އިތުރަށް ފެތުރޭ މިންވަރު ވެސް ދަށްވެފައިވާ ކަމަށެވެ.

އެ ޓްވީޓްގައިވާ ތަފާސް ހިސާބުތަކުގައި ވާގޮތުން މިއަދުގެ ނިޔަލަށް، ޗައިނާގައި ކޮރޯނާ ވައިރަސްއަށް 14380 މީހުން ޕޮޒިޓިވް ވެފައިވާ ކަމަށާ، އެ ވައިރަސް ހުރި ކަމަށް ޝައްކު ކުރެވޭ 19544 މީހުން ފެނިފައިވެއެވެ.

ޗައިނާ ސަފީރު މިފަދައިން ވިދާޅުވެފައި ވާއިރު ޗައިނާގެ އިދާރާތަކުން ހާމަކުރި މައުލޫމާތުތަކުން އެނގޭ ގޮތުގައި، ފާއިތުވެދިޔަ 24 ގަޑިއިރު ތެރޭ ޗައިނާއިން ކޮރޯނާ ވައިރަސްއަށް ޕޮޒިޓިވްވި މީހުންގެ އަދަދު 2090 އަށް ވަނީ އަރާފައެވެ.

އިއްޔެ ހެނދުނު ޗައިނާއިން އާއްމުކުރި ތަފާސްހިސާބުތަކުގައި ވާގޮތުން، ޗައިނާ އިން މިހާތަނަށް ބަލި ޖެހުނު މީހުންގެ އަދަދު 9809 އަށް އަރައެވެ. މީގެ ތެރެއިން 1527 މީހެއްގެ ހާލު ވަރަށް ސީރިއަސްއެވެ.

މި ވައިރަސް ޖެހިގެން މިހާތަނަށް މަރުވި މީހުންގެ އަދަދު ވަނީ 304 އަށް އަރާފައެވެ.