ގެއެއްގެ ބެލްކަނީއެއް ވެއްޓި ދެ ބިދޭސީއަކަށް އަނިޔާވެއްޖެއެވެ.

"ވަގުތު"އަށް އެނގިފައިވާ ގޮތުގައި ވެއްޓިފައި ވަނީ، ވައިޖެހޭ މަގުގައި ހުންނަ ކަހުރަބުގޭގެ ދެ ވަނަ ފަންގިފިލާގެ ބެލްކަނީއިން ބައެކެވެ. އަނިޔާވި ދެ ބިދޭސީންނަކީ ހަރު އުމުރު ފުރާގެ ދެ މީހުންނެވެ.

އެ ހާދިސާ ހިނގާފައި ވަނީ މިއަދު މެންދުރު 11:30 ހާއިރެވެ.

އެ ދެމީހުންނަށް ލިބިފައިވާ އަނިޔާގެ ތަފްސީލް މިހާތަނަށް ކަމާއި ބެހޭ ފަރާތްތަކުން ހާމަކޮށްފައެއް ނުވެއެވެ.

މަންޒަރު ދުށް ފަރާތަކުން، "ވަގުތު"އަށް މައުލޫމާތު ދެމުން ބުނީ ބެލްކަނީ ވެއްޓުމުގެ ސަބަބުން ދެ ބިދޭސީންނަށް ފުދޭވަރަކަށް ބޮޑަށް އަނިޔާވެފައިވާ ކަމަށެވެ.

އަނިޔާވި ދެ ބިދޭސީންނަށް މިހާރު، އޭޑީކޭގައި ދަނީ ފަރުވާދެމުންނެވެ.

މިދިޔަ އަހަރު ތެރޭގައި ވެސް މާލޭގެ ގެއަކުން ބެލްކަނީއެއް ވެއްޓުމުގެ ސަބަބުން 5 މީހަކަށް އަނިޔާވިއެވެ.

އެ ހާދިސާ ހިނގީ މިދިޔަ އަހަރުގެ ޖޫން މަހުގެ 26 ވަނަ ދުވަހުއެވެ.

އޭރު، ވެއްޓިފައި ވަނީ ހ. ރުށްދަށުގެ ދެވަނަ ފަންގިފިލާގެ ބެލްކަނީ އެވެ.

އެ ހާދިސާ އާއި ގުޅިގެން ގިނަ ދުވަސްވުމުގެ ސަބަބުން ހާލަތު ދަށެވ، ނުރައްކާތެރި ހާލަތުގައި ހުރި ތަންތަން ތަޅާލުމުގެ މަސައްކަތް ކަމާއި ބެހޭ ފަރާތްތަކުން އިސްނަގައިގެން ކޮށްފައިވެއެވެ.

އެހެންނަމަވެސް އޭގެ ފަހުން އެ ވާހަކަ އެހާބޮޑަށް ދެކެވިފައި ނުވާކަން ފާހަގަކޮށްލެވެއެވެ.

މާލޭގެ ބައެއް އިމާރާތްތައް ބާވުމުގެ ސަބަބުން އިމާރާތުގެ ތަންތަން ވެއްޓުމަކީ މަދުން ނަމަވެސް ދިމާވާކަމެކެވެ.

އެގޮތުން ބައެއް ސަރުކާރު އިދާރާތައް ހިންގާ އިމާރާތްތަކާއި، ސްކޫލް ފަދަ ތަންތަނުގެ ސީލިން އާއި ސިޑިން ބައެއް ވެއްޓުން ފަދަ ހާދިސާތައް ހިނގާފައި އެބަހުއްޓެވެ.

މި މައްސަލަ ހައްލު ކުރުމުގައި ފަރުދީ ޒިންމާ އަދާކުރުމަކީވެސް މުހިއްމު ކަމެއްކަން ކަމާއި ބެހޭ ފަރާތްތަކުން ފާހަގަކުރެއެވެ.

އެގޮތުން ބާވެ، ނުރައްކާތެރި ހާލަތުގައި ހުރި ތަންތަނުގައި ދިރިނުއުޅުމާއި، އާއްމުންނަށް ނުރައްކާވާ ގޮތަށް ހުރި އިމާރާތްތައް ތަޅާލުން މުހިއްމުކަން ކަމާއި ބެހޭ ފަރާތްތަކުން ފާހަގަކުރެއެވެ.