ކޮންމެ ފުލުހަކީވެސް ޕޮލިސް ލާންސް ކޯޕްރަލް މުޙައްމަދު ރިފާޢު ފަދަ ފުލުހަކަށްވެ، ރައްޔިތުންނަށް ޚިދުމަތްކުރުމުގައި ނަމޫނާ ބަޔަކަށްވުމަށް އެކްޓިންގ ކޮމިޝަނަރ އޮފް ޕޮލިސް، ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ޢަބްދުﷲ ނަވާޒް ގޮވާލައިފިއެވެ.

އެކްޓިންގ ކޮމިޝަނަރ އޮފް ޕޮލިސް ޢަބްދުﷲ ނަވާޒް މިކަމަށް ގޮވާލެއްވީ މިއަދު މެންދުރު ޕޮލިސް ލާންސް ކޯޕްރަލް މުޙައްމަދު ރިފާޢު އާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.

މި ބައްދަލުކުރެއްވުމުގައި އެކްޓިންގ ކޮމިޝަނަރ ނަވާޒް ދެއްކެވި ވާހަކަފުޅުގައި، ޕޮލިސް ލާންސް ކޯޕްރަލް މުޙައްމަދު ރިފާޢުގެ ފަރާތުން ފެނިގެން ދިޔައީ އިންސާނިއްޔަތަށްޓަކައި ކޮށްދެއްވި އަގުހުރި ޚިދުމަތެއްކަން ފާހަގަކުރައްވައި، ރިފާޢުއަށް ހިތްވަރުދެއްވައި އެކަމާ އުފާކުރައްވާކަމަށް ވިދާޅުވިއެވެ.

އަދި ރައްޔިތުން ބޭނުންވާ ކޮންމެ ވަގުތަކު ފަސްނުޖެހި ރައްޔިތުންނަށް ޚިދުމަތް ކުރުމުގައި ފުލުހުން އަބަދުވެސް ދެމިތިބޭނެކަން ރިފާޢު ސާބިތުކޮށްދީފައިވާކަމަށާއި ކޮންމެ ފުލުހަކީވެސް ރިފާޢު ފަދަ ފުލުހަކަށްވެ، ރައްޔިތުންނަށް ޚިދުމަތްކުރުމުގައި ނަމޫނާ ބަޔަކަށްވުމަށް ހުރިހާ ފުލުހުންނަށް އެކްޓިންގ ކޮމިޝަނަރ ގޮވާލެއްވިއެވެ.

އަދި އެހީއެއް ބޭނުންވާ ކޮންމެ ރައްޔިތަކަށްވެސް ފުލުހުން އެހީތެރިކަން ފޯރުކޮށްދިނުމަށާއި ފުލުހުންގެ ޚިދުމަތަކީ ހަމައެކަނި ޔުނީފޯމްގައި އަދާކޮށްލާ ޑިއުޓީއެއް ނޫންކަން ފާހަގަކުރައްވައި، ފުލުހުންގެ ޚިދުމަތަކީ އެއަށްވުރެ މަތިވެރި ޚިދުމަތެއްކަން ރިފާޢު ސާބިތުކޮށްދީފައިވާކަމަށް ނަވާޒް ވިދާޅުވިއެވެ.

މި ބައްދަލުކުރެއްވުމުގައި އެކްޓިންގ ކޮމިޝަނަރ އޮފް ޕޮލިސް ވަނީ ރިފާޢު ކޮށްދެއްވި ޚިދުމަތުގެ އަގުވަޒަންކުރައްވަައި، މުޙައްމަދު ރިފާޢުއަށް ހަނދާނީ ލިޔުން ހަވާލުކޮށް ދެއްވާފައެވެ.