ޖޯޖިއާ އާއި ސާބިއާ އާއި ވިިއެޓްނާާމް އަދި މޮރޮކޯ އިން ރާއްޖެއަށް ކަނޑައަޅާފައިވާ ނޮން ރެޒިޑެންޑް ސަފީރުން، އެބޭފުޅުންގެ ސަފީރުކަމުގެ ފަތްކޮޅު މިއަދު ރައީސް އަބްދުﷲ ޔާމީން އަށް އަރުވައިފިއެވެ.

މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ރަސްމިއްޔާތުގައި ޖޯޖިއާ ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާ ނޮން-ރެޒިޑެންޓް ސަފީރު، ހިޒް އެކްސެލެންސީ މިސްޓަރ އާޗިލް ޑިއުލިއާޝްވިލި، ސަފީރު ކަމުގެ ފަތްކޮޅު އެރުވުމަށްފަހު ރައީސުލް ޖުމްހޫރިއްޔާއާއި ބައްދަލު ކުރެއްވިއެވެ.

މި ބައްދަލު ކުރެއްވުމުގައި މިއީ ޖޯޖިއާއިން ރާއްޖެއަށް ސަފީރަކު ހަމަޖެއްސި ފުރަތަމަ ފަހަރުކަން ފާހަގަ ކުރައްވައި ރައީސް ވިދާޅުވީ ސަފީރުގެ ސަފީރުކަމުގައި ރާއްޖެއާއި ޖޯޖިއާއާ ދެމެދު އޮތް ގުޅުން އިތުރަށް ބަދަހިވެގެންދާނެކަމަށް އުއްމީދު ކުރައްވާ ކަމުގައެވެ. މީގެ އިތުރުން، ރައީސް ވަނީ ރާއްޖެއާއި ޖޯޖިއާ ފަދަ ކުދި ޤައުމުތަކަށް ދިމާވާ ގޮންޖެހުންތައް ބައިނަލްއަޤުވާމީ ފެންވަރުގައި ޙިއްޞާ ކުރުމުގެ މުހިއްމުކަން ފާހަގަކުރައްވާފައެވެ. ޖޯޖިއާގެ ސަފީރު ދެއްކެވި ވާހަކަފުޅުގައި އެމަނިކުފާނުގެ ސަފީރުކަމުގައި ރާއްޖެއާއި ޖޯޖިއާއާ ދެމެދު އިތުރަށް ގުޅުން ބަދަހި ކުރެއްވުމަށް މަސައްކަތް ކުރައްވާނެކަމުގެ ފުރިހަމަ ޔަޤީންކަން ދެއްވިއެވެ.

ސަރބިއާ ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައެޅުއްވި ނޮން-ރެޒިޑެންޓް ސަފީރު، ހިޒް އެކްސެލެންސީ މިސްޓަރ ވްލަޑިމިއަރ މާރިކް، މިއަދު އެމަނިކުފާނުގެ ފަތް އެރުއްވުމަށްފަހު ރައީސް ޔާމީން އާއި ބައްދަލު ކުރައްވައި ވިދާޅުވީ ދިވެހިރާއްޖެއާއި ސަރބިއާއާ ދެޤައުމުގެ ދެމެދުގައި އޮތް ގުޅުން ކުރިއަށް އޮތްތާނގައި އިތުރަށް ފުޅާވެގެންދާނެކަމަށް އުއްމީދުކުރައްވާކަމުގައެވެ. އަދި ކުރިއަށްއޮތްތަނުގައި އިތުރު ދާއިރާތަކުން ދެޤައުމުގެ ގުޅުން ބަދަހިކުރެއްވުމަށް މަސައްކަތް ކުރައްވާނެ ކަމުގައި ވިދާޅުވިއެވެ.

އެގޮތުން ޚާއްޞަކޮށް ކުޅިވަރު ކުރިއެރުވުމުގެ ދާއިރާއިންނާއި، ތަޢުލީމީ ދައިރާއިންނާއި، ވިޔަފާރީގެ ދާއިރާއިން ދެޤައުމުގެ ގުޅުންތައް އިތުރަށް ބަދަހިކުރެއްވުމަށް މަސައްކަތް ކުރައްވާނެ ކަމުގައި ސަރބިއާގެ ސަފީރު ވިދާޅުވިއެވެ. މި ބައްދަލު ކުރެއްވުމުގައި ރައީސް ޔާމީން ވިދާޅުވީ ސަރބިއާގެ އާ ސަފީރުގެ ސަފީރުކަމުގެ ދައުރުގައި ދެޤައުމުގެ ސަރުކާރާއި ރައްޔިތުންނަށް ފައިދާކުރަނިވި ގޮތުގެމަތީން، ގުޅިގެން ގާތުން މަސައްކަތްކުރައްވާނެކަމަށް އުއްމީދުކުރައްވާކަމުގައެވެ.

ވިއެޓްނާމް ސަރުކާރުން ދިވެހިރާއްޖެއަށް ނޮން-ރެޒިޑެންޓް ސަފީރުކަމަށް ކަނޑައެޅުއްވީ ހަރ އެކްސެލެންސީ މެޑަމް ފާމް ތި ބިކް ނޮގްއެވެ. އެކަމަނާ ރައީސް އާއި ބައްދަލު ކުރެއްވި އިރު ރައީސް ވަނީ ދިވެހިރާއްޖެއާއި ވިއެޓްނާމާ ދެޤައުމުގެ ދެމެދުގައި އޮތް ވަރުގަދަ ސިޔާސީ ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ. އަދި، ދެޤައުމުގައި ހުރި އެއްގޮތް ކަންތައްތައް ފާހަގަކުރައްވާ ދެޤައުމުން ވެސް ޝައުޤުވެރިވާ ބައިނަލްއަޤުވާމީ ރޮނގުން ފާހަގަކޮށްލެވޭ ކަންތައްތަކާއި ބެހޭގޮތުން ވާހަކަފުޅު ދެއްކެވިއެވެ. ވިއެޓްނާމްގެ ސަފީރު ވިދާޅުވީ ދެގައުމުގެ ގުޅުން އިތުރަށް ބަދަހި ކުރުމަށް މަސައްކަތް ކުރައްވާނެ ކަމަށާއި، އެގައުމުން ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށެވެ.

މޮރޮކޯ ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައެޅުއްވި ނޮން-ރެޒިޑެންޓް ސަފީރަކީ ހިޒް އެކްސެލެންސީ މިސްޓަރ މުޙައްމަދު މާލިކީ އެވެ. އެމަނިކުފާނު ފަތް ކޮޅު އެރުއްވުމަށްފަހު ރައީސް އާއި ބައްދަލު ކުރެއްވި އިރު ދެޤައުމުގައި ހުރި އެއްގޮތް މައްސަލަތަކާއި އަދި ޚާއްޞަ ގޮތެއްގައި ބައިނަލްއަޤުވާމީ ރޮނގުން ފާހަގަކޮށްލެވޭ އެއްގޮތް ކަންތައްތަކުގެ މައްޗަށް އަލިއަޅުވާލެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ އިތުރަށް ވާހަކަފުޅު ދައްކަވަމުން ބައިނަލްއަޤްވާމީ މައިދާނުގައި ހަރަކާތްތެރިވުމުގެ ޙައްޤު ކުދި ޤައުމު ތަކަށްވެސް އެއްހަމައެއްގައި ލިބިދޭންޖެހޭނެކަން ފާހަގަކުރައްވަމުން މުސްލިމު އުންމަތަށް ކުރިމަތިވާ ކަންކަމުގައި އެއްބައިވަންތަކަމާއެކު ގުޅިގެން އެހީތެރިކަން ފޯރުކޮށްދިނުމަށް މަސައްކަތްކުރަން ޖެހޭކަމަށް ވިދާޅުވިއެވެެ.

މޮރޮކޯގެ ސަފީރު ވަނީ ކުރިއަށް އޮތް ތަނުގައި ވެސް ދެގައުމުގެ ގުޅުން އިތުރަށް ވަރުގަދަކުރުމަށް މަސައްކަތް ކުރައްވާނެކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާއަށް އަރުވާފައެވެ. އަދި މޮރޮކޯގެ ސަފީރުގެ ވާހަކަފުޅުގައި ފަތުރުވެރިކަމުގެ ދާއިރާއިންނާއި، އިސްލާމް ދީނާ ގުޅުންހުރި އެކިދާއިރާތަކުން މަތީ ތަޢުލީމުގެ، ސްކޮލަރޝިޕްގެ ފުރުޞަތު ތަކާއި ގޮތްތަކެއް ހަމަޖެއްސުމާމެދު ވާހަކަފުޅު ދެއްކެވިއެވެ.

ކިޔުންތެރިންގެ ހިޔާލު