2016 ވަނަ އަހަރުގެ މާޗް މަހު އަނިޔާވެރި ގޮތަކަށް މަރާލައި އައްޑޫ ސިޓީ ހިތަދޫ އަލަ އޮޅެއްގެ ތެރެއަށް އެއްލާލައިފައި އޮއްވައި ފެނުނު އެރަށު ވިޔަފާރިވެރިޔާ އަލީ އަބްދުﷲ މަރާލި މަރުގެ މައްސަލައިގައި މިއަދު ބާއްވަން ތާވަލު ކުރި ޝަރީޢަތުގެ އަޑުއެހުން ކެންސަލްކޮށްފި އެވެ.

މިއަދުގެ ޝަރީޢަތުގެ އަޑުއެހުން ތާވަލްކޮށްފައި އޮތީ މިއަދު މެންދުރު 14:00 އަށެވެ. މި މައްސަލަ ކެންސަލް ކުރި ސަބަބެއް އަދި ސާފުވެފައި ނުވާއިރު މި މައްސަލައިގައި އެންމެ ފަހުން ތާވަލު ކުރި އަޑުއެހުންވެސް ވަނީ ކެންސަލް ކޮށްފައެވެ.

މިއަދު ކްރިމިނަލް ކޯޓުގައި ތާވަލްކޮށްފައި ވަނީ، އަލީ އަބްދުﷲ މަރާލި މައްސަލައިގައި ހިތަދޫ، އަތަމާވިލާ މަޢޫޒު މުހައްމަދާއި ހިތަދޫ، އައްޒާ މުބާރިކު މުހައްމަދުގެ މައްޗަށް ދައުލަތުން ކުރާ އެނގިހުރެ މީހަކު މެރުމުގައި ބައިވެރިވުމުގެ ދައުވާގެ އަޑު އެހުމެކެވެ.

މި ދެ މީހުންގެ އިތުރުން ހިތަދޫ ނަޝީދީގޭ، މުހައްމަދު ޝިފާޒުގެ މައްޗަށްވެސް ވަނީ މި މައްސަލައިގައި މީހަކު މެރުމުގައި ބައިވެރިވުމުގެ ދައުވާ ކޮށްފައެވެ. ޝިފާޒްގެ މައްސަލައިގެ އަޑުއެހުމެއް މިހާތަނަށް ކްރިމިނަލް ކޯޓުގައި ބާއްވާފައެއް ނުވެއެވެ.

އަލީ އަބްދުﷲ މަރާލި މައްސަލާގައި އޭނާއަށް ބޮޑުބޭބެ ކިޔާ، ހިތަދޫ ހެޕީ ފިއުޗާ އަހުމަދު އިބްރާހީމްދީދީގެ މައްޗަށް ވެސްް ވަނީ ދައުވާ ކޮށްފައެވެެ. އޭނާގެ މައްޗަށް ކުރަނީ ގާނޫނުލް އުގޫބާތުގެ 110 ވަނަ މާއްދާގެ (ރ) ގެ ދަށުން އެނގި ހުރެ ގަސްދުގައި މީހަކު މަރާލި ކަމުގެ ދައުވާއެވެ. އަލީ އަބްދުﷲ މަރާލި ކަމުގެ ތުުހުމަތު ކުރެވިފައިވާ ހުމަދު އިބްރާހީމްދީދީގެ އަޑުއެހުންތައް ކްރިމިނަލް ކޯޓުން ވަނީ ސިއްރުކޮށްފައެވެ.

ފުލުހުން މީގެ ކުރިން ބުނެފައި ވަނީ އަލީ އަބްދުﷲ މަރާލާފައި ވަނީ ފައިސާ އާއި މުދަލުގެ ދަހިވެތި ކަމުގައި ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އާދަނު

    ގާތިލުންގެ ޝަރިއަތް ސިއްރުކުރަނީ އެއިން އެއްޗެއް ފަޅާ އަރާ، ބޮޑު ބޮޑަތިން ފަަޟީހަތް ވެދާނެތީ ބާ؟؟؟

    1
    1