އެސްޓް ރިކަވަރީ ކޮމިޝަންގެ ފައިނަލް ރިޕޯޓް އެކުލަވާލުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށް، ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެއެެވެ.

ރަައްޔތިުންގެ މަޖިލީހުގައި ރިޔާސީ ބަޔާން އިއްވަވަމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް އެސެޓް ރިކަވަރީ ކޮމިޝަންގެ މަސައްކަތްތައް މިހާރު ނިމިފައިވާ ކަމަށާއި ކުރިއަށްދަނީ ރިޕޯޓް އެކުލަވާލުމުގެ މަސައްކަތް ކަމަށެވެ.

އެ ކޮމިޝަންގެ ރިޕޯޓް ލިބުމުން ފިޔަަވަޅު އަޅަން ޖެހޭ ފަރާތްތަކާއި މެދު ފިޔަވަޅު އަޅުއްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

"ދައުލަތުން ގެއްލިފައިވާ މުދަލާއި ފައިސާތައް ހޯދުމަށް އެކުލަވައިލި އެސެޓް ރިކަވަރީ ކޮމިޝަނުންވެސް މިހާރު މަސައްކަތްތައް ނިންމައި، ފައިނަލް ރިޕޯޓް ތައްޔާރުކުރުމުގެ މަސައްކަތް އަންނަނީ ކުރަމުން. އެ މައްސަލަތަކުގެ ރިޕޯޓުތައް ލިބުމުން، އެކަންކަމާ ގުޅޭގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އަޅުގަނޑު އަޅަމުން ގެންދާނަން." ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ފާއިތުވި އަހަރު ދިމާވި ގޮންޖެހުންތަކާއި އެކުވެސް، ސަރުކާރުން ނިންމި ހުރިހާ ނިންމުމެއް ނިންމާފައި ވާނީ ޤައުމާއި ރައްޔިތުންގެ މަސްލަހަތަށް ވިސްނައިގެން ކަމަށެވެ.

މިދިޔަ އަހަރުގެ ނޮވެމްބަރ މަހު ރައީސް ޞާލިހް ވިދާޅުވީ އެސެޓް ރިކަވަރީ ކޮމިޝަނުން އެންމެ އިސްކަމެއް ދީގެން ބަލަމުން ގެންދަނީ އެމްއެމްޕީއާރްސީ ޚިޔާނާތުގެ މައްސަލަ ކަމަށެވެ.

"އެސެޓް ރިކަވަރީ ކޮމިޝަނުން އެންމެ އިސްކަންދީގެން ބަލަމުން އެ ގެންދަނީ އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ މައްސަލަ. މިހާރުވެސް 49 ރަށަކާއި ފަޅެއްގެ މައްސަލަ އެ ކޮމިޝަނުން އަންނަނީ ބަލަމުން. އެ މައްސަލަތައްވެސް މުޅިން ބަލާ ނިމުމުން އަޅުގަނޑަށް ރިޕޯޓް އައުމާއި އެކު އެހެން ރިޕޯޓްތަކާމެދުވެސް އަމަލުކުރާ އުސޫލުން އަމަލުކުރާނެ ކަމުގެ ޔަގީންކަން އަރުވަން." ރައީސް ވިދާޅުވި އެވެ.

އެސެޓް ރިކަވަރީ ކޮމިޝަނަކީ 2012 ވަނަ އަހަރުގެ ޖަނަވަރީ 01 ވަނަ ދުވަހުން ފެށިގެން 2018 ނޮވެމްބަރ 17 ވަނަ ދުވަހާއި ދެމެދު ހިނގާފައިވާ ހިޔާނާތާއި ދައުލަތުގެ މުދާ ނަހަމަގޮތުގައި ބޭނުންކޮށްގެން ނާޖާއިޒް ފައިދާ ހޯދުމުގެ މައްސަލަތަކަށް އިންސާފު ހޯދައިދިނުމަށް ރައީސް ޞާލިހް 2018 ނޮވެމްބަރ 17 ވަނަ ދުވަހު އުފެއްދި ރިޔާސީ ކޮމިޝަނެކެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ތޮރާބެ

    ތި އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ ކިތައް ރިޕޯޓް ހެދިއްޖެ. އަދިވެސް އިތުރު ރިޕޯޓް ހެދުމުގެ. ތި ފައިސާގައި ޖެހުނު އެކި ޕާޓީތަކުގެ މަޖްލިސް މެންބަރުންނާއި އެމީހުންނާ ގުޅިފައިވާ ބާރުގަދަ ފަރާތްތަކަށް ފިޔަވަޅެއް އެޅޭނެ ތަން ދިވެހިން ނުދެކޭނެ.

  2. އަލީ

    1 އަހަރު ވީއިރު ކިހާ އެސެޓެއްތޯ ރިކަވަރު ކުރެވުނީ؟

  3. ބޮލި މުލައް

    ޜ ޔާމީނަށް ފިޔަވަޅުއަޅަން ތިކަމުގެ ބޭނުމަކީ. ޢެމްއެމްޕީ އާރސީގެ ހިޔާނަތްވީވެސް އެހެންނު