މާލޭގެ ހަތް ޒޯނަކަށް ކަރަންޓް ދޭ ޑިސްޓްރިބިއުޝަން ފޮއްޓެއް ގައި ރޭ ފަތިހު އަލިފާން ރޯކޮށްލި މަައްސަލައުގައި ދެ މީހަކު ހައްޔަރުކޮށްފިއެވެ.

އެމައްސަލައިގައި ދެމީހަކު ހައްޔަރުކުރިކަން ފުލުހުން ކަށަވަރުކޮށްދިން ނަމަވެސް އިތުރު ތަފްސީލެއް ނުދެއްވައެވެ.

އެމްއެންޑީއެފް އިން ވިދާޅުވީ ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ)ގެ އިލެކްޓްރިކް ސަބް ސްޓޭޝަނެއްގައި ރޭ ފަތިހު އަލިފާން ރޯވި ކަމުގެ ރިޕޯޓް ލިބުމާއި ގުޅިގެން އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސަރވިސްއިން ވަނީ ގިނައިރުތަކެއް ނުވެ އަލިފާން ނިއްވާލައިފިއެވެ.

ސްޓެލްކޯ އިން ވިދާޅުވީ މައްސަލަ ހައްލު ކުރުމުގެ މަސައްކަތްތައް ކުރިއަށް ދާތީ މާލޭގެ ބައެއް ސަރަހައްދުތަކުން ކުޑަ ވަގުތުކޮޅަކަށް މިއަދު ކަރަންޓް ކެނޑިދާނެ ކަމަށެވެ.

އެމްއެންޑީއެފް އިން ވިދާޅުވީ މިހާދިސާގެ މަޢުލޫމާތު އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސަރވިސްއަށް ފަތިހު 04:30 ހާއިރު ލިބުމާއެކު އެފްއާރުއެސްގެ ފަޔަރ ފައިޓަރުން ވަގުތުން ހަރަކާތްތެރިވި ކަމަށެވެ.

މިހާދިސާގައި އަލިފާން ރޯވެފައި ވަނީ ފާށަނާކިލެގެފާނު މަގުގައި ހުންނަ ސްޓެލްކޯގެ އިލެކްޓްރިކް ސަބް ސެޓޭޝަނެއްގެ ޑިސްޓްރިބިއުޝަން ފޮއްޓެއްގައެވެ.

މި ޑިސްޓިރިބިއުޝަން ފޮށީގައި ރޯވެފައިވާ އަލިފާން އެފްއާރުއެސްގެ ފަޔަރ ފައިޓަރުން ނިއްވާލާފައި ވަނީ ފަތިހު 04:40 ހާއިރު އެވެ. މިހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައެއް ނުވެއެވެ. ނަމަވެސް ސްޓޭޝަންގެ އެޑިސްޓިރިބިއުޝަން ފޮށި ވަނީ ބޭނުން ނުކުރެވޭވަރަށް އަނދާފައެވެ.

މިހާތަނަށް ބެލި ބެލުމުން، މިހާދިސާ ހިނގަން މެދުވެރިވެފައި ވަނީ ބަޔަކު ގަސްތުގައި ރޯކޮށްލައިގެން ކަމަށް ބެލެވޭ ކަމަށް އެމްއެންޑީއެފް އިން މިއަދު ހެނދުނު ވެސް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ފްރީ މައުމޫން

    މިއީ ސަރުކާރާ ގުޅުންހުރި ފަރާތްތަކުން ކުރިކަމެއްތ؟ ނޫނީ އިދކޮޅުފަރާތް ތަކުން ކުރުވި ކަމެއްތަ؟ ވެރިމީހާ ފއެިލްވީތަ؟

  2. ހަސަނު

    ސިފައިން އަޑީގަ ތިބެގެން ކުރާކަމެއްމީ