މިއަދު ހުށަހެޅި ރިޔާސީ ބަޔާނުގައި ކުޑަކުދިންނަށް ކުރާ ޖިންސީ ގޯނާ އާއި ގުޅޭގޮތުން ރައީސް އިބްރާޙިމް މުހައްމަދު ސާލިހު ދެއްކެވީ، މުޅި ސަރުކާރު ލަދުވެތިވާ ފަދަ ވާހަކައެއް ކަމަށް ޕީއެންސީގެ ނައިބު ރައީސް، އަދި ޕީީ ލީޑަރ، މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.

ރިޔާސީ ބަޔާނާއި މެދު ޕީއެންސީއިން ދެކޭގޮތް ހާމަކުރައްވައި، "ވަގުތު" އާއި ވާހަކަދައްކަވަމުން އާދަމް ޝަރީފް ވިދާޅުވީ، ވެރިކަމާއި ހަވާލުވެވަޑައިގެން ދެ ހަފްތާއެއްހާ ދުވަހުގެ ތެރޭގައި ރައީސް ސާލިހު ވަނީ ކުޑަ ކުއްޖަކަށް ޖިންސީ ގޯނާ ކުރި މީހަކު ދޫކޮށްލާފައިކަމަށެވެ.

"ރައީސް ދެއްކެވި ވާހަކަތަކީ ވަރަށް ދެރަވަރު ވާހަކަތަކެއް. ވަރަށް ލަދުވެތި ސަރުކާރަށް ވެސް އެ ވާހަކަތައް. އެއީ މި ސަރުކާރުން ވެރިކަމާއި ހަވާލުވެގެން ދެ ހަފްތާ ނުވަނީސް ކުޑަ ކުއްޖެއްގެ މައްސަލައިގައި ހިމެނޭ މީހަކު މިނިވަން ކުރީ. އެހެންވީމަ އިހުމާލުވުމުން އެހެންމީހުންނަށް ޖިންސީ ގޯނާ ކުރަން ހިއްވަރު ލިބެޔޭ ބުނީމަ ވަރަށް ލަދުވެތި ނޫންތޯ. ބައިނަލްއަގުވާމީ ގޮތުންނާއި އެހެން ގޮތްގޮތުން އެ ވާހަކަ ދައްކާތީ، ރައީސްއަށް ވެސް އެ ވާހަކަދައްކަވަން މަޖުބޫރު ވިއެއް ކަމަކު، ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާ މައްސަލަތައް ހައްލު ކުރަން އިޚުލާސްތެރި މަސައްކަތްތަކެއް ނުކުރެވޭ" އާދަމް ވިދާޅުވިއެވެ.

އޭނާ އިޝާރާތް ކުރެއްވީ، މި ސަރުކާރުން، ކުޑަކުއްޖަކާ ބަދުއަޚުލާގީ އަމަލު ހިންގުމުގެ ކުށުގައި 10 އަހަރަށް ޖަލަށް ލާފައިވާ އެމްޑީޕީ ސަރުކާރުގައި ރައީސް އޮފީހުގެ އަންޑަ ސެކްރެޓަރީ، އިބްރާހިމް ރަޝީދު (ހޯރަ އިއްބެ) ދޫކޮށްލި މައްސަލައަށެވެ. އޭނާ ދޫކޮށްލީ 6 ޑިސެމްބަރ 2018 ގައެވެ.

ރިޔާސީ ބަޔާނުގައި ރައީސް ސާލިހު ވަނީ، ކުޑަކުދިންނަށް ޖިންސީ ގޯނާކުރަން ހިއްވަރު ލިބެނީ އިންސާފު ނުލިބި ލަސްވުމުން ކަމަށާއި، އެފަދަ މައްސަލަތަކުގައި ކަމާއި ބެހޭ އިދާރާތަކުން އިހުމާލުވާ ކަމަށް ވިދާޅުވެފައެވެ.

ރިޔާސީ ބަޔާނާއި މެދު އިތުރަށް ވާހަދައްކަވަމުން އާދަމް ވިދާޅުވީ، އެ ބަޔާނަކީ ތާފެނާ ބަޔާނެއް ކަމަށެވެ.

ރައީސް ސާލިހުގެ ރިޔާސީ ބަޔާނުން އެއްވެސް އުއްމީދީ ވާހަކައެއް ނުފެންނަ ކަމަށާ، އާ އެއްވެސް ކަމެއްގެ ވާހަކަވެސް ފާހަގަ ނުވި ކަމަށް އޭނާ ވިދާޅުވިއެވެ.

އަދި ޑިމޮކްރަސީ ރަނގަޅު ކަމަށާ، ތިން ބާރު ވަކިވެފައިވާ ކަމަށް ރައީސް ވިދާޅުވެފައިވާތީ އެކަމަށްވެސް އާދަމް ޝަރީފް ވަނީ ފާޑު ވިދާޅުވެފައެވެ."ކޮންކަމެއްތޯ ރަނގަޅީ ޑީމޮކްރަސީގެ. މަޖިލީހުގެ ބާރު ރައީސް އަށްވުރެ ގަދަ. ޖޭއެސްސީގައި ހުންނަވައިގެން މަޖިލީހުގެ ރައީސް ކަންތައް ކުރައްވަނީ ބޭނުން ގޮތަކަށް. މިއަދު ފެނުނ އުއްތަމަ ފަނޑިޔާރު މަޖިލީހަށް ސަލަވާތް ކިޔަވަން އައި މަންޒަރު. އިދިކޮޅު ލީޑަރު ހުރީ ޖަލުގައި. މިއީތޯ ޑީމޮކްރަސީއަކީ. ދެން ދައްކަނީ ލާމަރުކަޒީ އުސޫލުގެ ވާހަކަ. ޓީޗަރުންނަށް އޯޓީ ހޯދަން ވިޔަސް އަތޮޅުތެރެއިން ޖެހެނީ އެޑިއުކޭޝަންގެ ހުއްދައަށް އެދެން. ވޮކޭޝަނަލް ޓްރެއިނަރ އެއް ގެންދަން ދެތިން ހަފްތާ ވަންދެން އެޑިއުކޭޝަންއަށް ލިޔެގެން ތިބެން ޖެހޭ. މިއި އެންމެ ކަމެއް. އެހެންވީމަ ކައުންސިލްތަކަށް އެކަނި ބާރުތައް ދީފަ ހުރުމަކުން ލާމަރުކަޒީއެއް ނުވޭ. މިހާރުވެސް މައި ސަރުކާރުގެ ބީފުާރުގަ ގިނަ ކަންކަން އޮތީ ހިފެހެއްޓިފައި." އާދަމް ޝަރީފް ވިދާޅުވިއެވެ.

އާދަމް ޝަރީފް މިފަދައިން ވިދާޅުވެފައި ވާއިރު، ޕީޕީއެމްއިން އާއި ޕީއެންސީ އިން ރަސްމީކޮށް މިހާތަނަށް ރިޔާސީ ބަޔާނާއި މެދު އެއްވެސް އެއްޗެއް ހާމައެއް ނުކުރެއެވެ.

ރިޔާސީ ބަޔާނަށް، މަޖިލީހުގެ މައިނޯރިޓީ ލީޑަރ 14 ދުވަސް ތެރޭ ޖަވާބުދެއްވަން ޖެހެއެވެ.

މަޖިލީހުގެ އިދިކޮޅުގައި އޮތް އެންމެ މެމްބަރުން ގިނަ ޕާޓީ ސާފު ނުވާކަމަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވިއެވެ.

މަޖިލީހުގެ ރައީސް އެހެން ވިދާޅުވި ނަމަވެސް، އަމިއްލަ ގޮތުން މަޖިލީހަށް ހޮވިވަޑައިގެންނެވި ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު ހުސެއިން މުހައްމަދު ލަތީފު ޕީއެންސީ އާއި ގުޅިވަޑައިގެންނެވުމުން، މަޖިލީހުގައި އިދިކޮޅުގެ އެންމެ ގިނަ މެމްބަރުން މިހާރު ތިބީ ޕީއެންސީގައެވެ. އެއީ ޖުމުލަ 5 މެމްބަރުންނެވެ.

އޭނާ ޕީއެންސީ އާއި ގުޅުނުކަން އިލެކްޝަންސް ކޮމިޝަންއަށް ވެސް ޕީއެންސީއިން ވަނީ އަންގާފައެވެ.

މަޖިލީހުން މެމްބަަރަކު ޕާޓީ ބަދަލު ކުރިކަން އާއްމުކުރާނީ، އިލެކްޝަންސް ކޮމިޝަނުން އެކަން ރަސްމީކޮށް މަޖިލީހަށް އެންގުމުންނެވެ.