ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ބާަރު ސްޕީޑެއްގައި މިހާރު ފެތުރެމުން އަންނަ ކޮރޯނާވައިރަހުން ސަލާމަތްވުމަށް ރާއްޖެއިން އަޅަމުންގެންދާ ފިޔަވަޅުތަކުގެތެރެއިން ޢާއްމުން ހޭލުންތެރިކުރުމުގެ ޚާއްސަ ޕްރޮގްރާމްތަކެއް ފަށައިފިއެވެ.

އަތޮޅުތެރެއަށް އަމާޒުކޮށްގެން ކުރިއަށްގެންދާ މިޕްރޮގްރާމްތަކުގައި ރާއްޖޭގެ ހުރިހާ އަތޮޅެއްގައި މި ޕްރޮގޮރާމްތައް ހިންގުމަށް ވަނީ ހަމަޖެހިފައެވެ. ރަށްރަށުގައި ކުރިއަށްގެންދާ މި ޕްރޮގްރާމުގެ ތެރެއިން ދޮރުން ދޮރަށް (ޑޯ-ޓު-ޑޯ/ ހޯމް ވިސިޓް)ކޮށް މަޢުލޫމާތު ދިނުމާއި ސްކޫލްތަކުގައި ތަޢުލީމު ޙާސިލުކުރަމުން އަންނަ ކުދިންނަށާއި އޮފީސްތަކާއި އެކި މުއައްސަސާތަކުގައި ސެޝަންތައް ވަނީ ކުރިއަށް ގެންދެވިފައެވެ.

ކޮރޯނާ ވައިރަސްއަށް އާއްމުން ހޭލުންތެރި ކުރުުވުން -ފޮޓޯ: ހެލެތް މިނިސްޓްރީ

މިޙަރަކާތުގެތެރެއިން ދުނިޔޭގައި މިހާރު ފެތުރެމުން އަންނަ ކޮރޯނާވައިރަހާއި ގުޅޭ މަޢުލޫމާތާއި އެވައިރަސް ފެތުރޭ ގޮތާއި އޭގެއިން ރައްކާތެރިވުމަށް ފަރުދީގޮތުންނާއި މުޖުތަމަޢު ގުޅިގެން ކުރަންޖެހޭ މަސައްކަތްތަކުގެ މަޢުލޫމާތުވަނީ ދީފައެވެ.

ކޮރޯނާ ވައިރަސްއަށް އާއްމުން ހޭލުންތެރި ކުރުުވުން -ފޮޓޯ: ހެލެތް މިނިސްޓްރީ

ކޮރޯނާވައިރަހުން ރައްކާތެރިވުމަށް ރާއްޖޭގެ ހުރިހާ މީހުން ދިރިއުޅޭ ރަށްރަށުގައި ހުރި ހޮސްޕިޓަލް، ސިއްޙީ މަރުކަޒު އަދި ސިއްޙީ އިދާރާތަކާއި މިކަމާ ބެހޭ އެހެނިހެން ފަރާތްތައް ގުޅިގެން އަންނަނީ މަސައްކަތްކުރަމުންނެވެ. މީގެ އިތުރުން މިވައިރަހުން ރައްކާތެރިވުމަށް ރާއްޖޭގެ ފަތުރުވެރިންނަށް ޚިދުމަތްދޭ ރިސޯޓުތަކުގައިވެސް އަންނަނީ މަސައްކަތްކުރަމުންނެވެ.

ކޮރޯނާ ވައިރަސްއަށް އާއްމުން ހޭލުންތެރި ކުރުުވުން -ފޮޓޯ: ހެލެތް މިނިސްޓްރީ

ދުނިޔޭގެ އެކިކަންކޮޅުތަކުގައި ފެތުރެމުން އަންނަ ނުރައްކާތެރި ކޮރޯނާ ވައިރަސްގެ ސަބަބުން ރާއްޖޭގެ ޓޫރިޒަމަށް ހިޔަނި އެޅިފައިވާ ކަމަށާއި އެ ބަލީގެ ސަބަބުން އެތައް ހާސް ބުކިން ކެންސަލްކޮށްފައިވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ރިޔާސީ ބަޔާން އިއްވުމުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ވަނީ ވިދާޅުވެފައެވެ.