އޭޑީކޭގައި ވިހެއުމުގެ ހިދުމަތް ދޭންފެށިފަހުން، އެ ހޮސްޕިޓަލަށް އުފަންވި 20،000 ވަނަ ކުއްޖާގެ އުފަންވުން އިއްޔެ ފާހަގަ ކޮށްފިއެވެ.

އޭޑީކޭގައި ވިއްސުމުގެ ހިދުމަތް ފަށާފައިވަނީ 1996 ވަނަ އަހަރެވެ. އިއްޔެ އެ ހޮސްޕިޓަލަށް ވިހާފައިވަނީ ފިރިހެން ކުއްޖެކެވެ. މީގެ 25 އަހަރު ކުރިން އެ ހިދުމަތް ދޭން ފެށިއިރު ވެސް އެ ހޮސްޕިޓަލުގައި ފުރަތަމަ ވިހާފައިވަނީ ފިރިހެން ކުއްޖެކެވެ.

އޭޑިކޭގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އައްފާލު "ވަގުތު" އަށް މައުލޫމާތު ހިއްސާކުރަމުން ވިދާޅުވީ، 20،000 ވަނަ ކުއްޖާ އުފަންވުމާއި ގުޅިގެން އެކުއްޖާގެ އާއިލާއާއި އެ ހޮސްޕިޓަލުގެ އެންމެ އިސް މެނޭޖްމެންޓްގެ ބޭފުޅުން ބައްދަލުކޮށް ހަދިޔާ ބަދަލު ކޮށްފައިވާ ކަމަށެވެ. އަދި ކުއްޖާ އުފަންވުމާއި ހަމައަށް ހޮސްޕިޓަލުގައި ހިނގާފައިވާ ހަރަދުތައް ވަނީ ހިލޭ ކޯށްދީފައި ކަމަށް އައްފާލު ވިދާޅުވިއެވެ.

"ހާއްސަ ހަދިޔާއެއްގެ ގޮތުން އެ ކުއްޖާ އުފަންވުމަށް ހޮސްޕިޓަލުގައި ހިނގާފައިވާ ހަރަދުގެ ތަކުގެ ބިލު، އަޅުގަނޑުމެންވާނީ ހިލޭ ކޮށްދީފައި. އަދި ކުއްޖާއަކީ އަޅުގަނޑުމެންގެ ހޮސްޕިޓަލުގައި 20،000 ވަނައަށް އުފަންވި ކުއްޖާ ކަމުގެ ވެރިފިކޭޝަން ރިކޯޑެއް އެކުއްޖާއަށް އަޅުގަނޑުމެން އަރުވަން" އައްފާލު ވިދާޅުވިއެވެ.

އައްފާލު ވިދާޅުވީ، 20،000 ވަނައަށް އުފަންވާ ކުއްޖާ ހޯދުމަށް މަސައްކަތް ކުރަމުން އަންނަތާ ދުވަސްކޮޅެއް ވެފައިވާ ކަމަށާއި އެކަމަށް ކައުންޓްޑައުންއެއް ހުރި ކަމަށެވެ.

އޭޑީކޭއިން ދެމުން އަންނަ ހިދުމަތްތައް ފުޅާކުރުމުގެ ގޮތުން އެބޭފުޅުން އަބަދުވެސް އަންނަނީ ކެނޑިނޭޅި މަސައްކަތް ކުރަމުން ކަމަށް އައްފާލު ފާހަގަކުރެއްވިއެވެ. އެގޮތުން އެ ހިދުމަތް ފުޅާކުރުމުގެ ގޮތުން އެބޭފުޅުން ތަމްރީނު ކޮށްފައިވާ ޑޮކްޓަރުންގެ އިތުރުން ނަރުހުން އެކަމުގައި ހަރަކާތްތެރިވާ ކަން އައްފާލު ވިދާޅުވިއެވެ.

އަދި މި ހިދުމަތް ހޯދާ ފަރާތްތަކަށް ޑޮކްޓަރަށް ދައްކާ ދުވަސްތަކުގެ ތެރޭގައި ވިހެއުމަށް ތައްޔާރުވުމަށް ހާއްސަ ކްލާސްތަކެއްގެ ތެރޭގައި ގާތުން ކިރުދިނުމާއި އެފަދަ ކްލާސް ހިންގޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އައްފާލު ވިދާޅުވީ، 25 އަހަރު ހިދުމަތް ދެމުން އަންނަ އެ ހޮސްޕިޓަލުން އެންމެ ގިނަ މީހުން އެ ހިދުމަތް ހޯދާ ސަބަބަކީ އަންހެން މީހާ ވިހާއިރު ފިރިމީހާއަށް ކައިރީގައި ހުރެވޭކަން ކަމަށެވެ. އަދި ފިރިމީހާއަށް ނުހުރެވޭނަމަ އަންހެން މީހާގެ މަންމަ ނުވަތަ މައިދައިތައަށް ހުރެވޭ ކަން އޭނާ ފާހަގަ ކުރެއްވިއެވެ.

އޭޑީކޭގައި އިއްޔެ 20،000 ވަނަ ކުއްޖާ ވިހާފައިވާއިރު މީގެ 3 އަހަރު ކުރިން އެ ހޮސްޕިޓަލުން ވަނީ އަންހެނެއްގެ ބަނޑަށް ހަތް މަހުގައި ސިޒޭރިއަން ހަދައި ފަހުގެ ތާރީހެއްގައި ރާއްޖޭގައި އެއްމާބަނޑު 4 ކުދިން ވިއްސި ހޮސްޕިޓަލުގެ ޝަރަފު ހޯދާފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ތިލަދުން ސިޓީ

    ކުޅުދުއްފުށި ރައްޔިތުންގެ އުންމީދެއް އޭ.ޑީ.ކޭ ހޮސްޕިޓަލުގެ ގޮތްޕެއް ކުޅުދުއްފުށީގައި ވެސް ގާއިމުވުން. އަދި މި ކައިރި ތިން އަތޮޅުގެ ރައްޔިތުންނަށް ވަރަށް ބޮޑު ލުއިފަސޭހައަކަށް ވެގެން ދާނެ ކަމެއް.

    8
    3
    • ބައްކުރުން

      ކަޕޭމެން އުންމީދު ނުކުރާކަމެއް އޮވޭތަ؟؟ ހުރިހާއެއްޗެއް ބައްކުރަން އުޅޭ ބައެއް. ރާއްޖޭގެ ވެރިކަން ބަދަލުކުރަންވެސް ކަލޭމެން އެދޭ.. ކުޑަ ރަށްގަނޑެއް ހިއްކޭނެ ޖާގައެއްވެސް ނެތް އަނެއް ތޮއްމާލެއަށް ތިޔަތަންވާނި. އެއްފަސްކުރަން ޖާގަ އޮތް ރަށެއް ޑިވެލޮޕްކުރުން މާ ރަނގަޅު މުސްތަޤުބަލަށް ވިސްނާއިރު..

  2. ތިލަދުން ސިޓީ

    އުއްމީދެއް ނެއް އެއްވެސް އިންސާނަކީ ދިރިއުޅުމުގަ ކާމިޔާބެއް ލިބޭނެ ބައެއް ނޫން.
    އިންސާނަކު އެމީހެއްގެ އުއްމީދުތައް ފާޅުކުރުމުން އެކަމާ ހަސަދަވެރިވެ ނަފުރަތު ކުރުމަކީ
    އެބައެއްގެ ނުކުޅެދުންތެރިކަމާއި ފިނޑިކަން.