ދިރާގާއި ބައިކް މޯލްޑިވްސް ގުޅިގެން ބާއްވާ "މަމެން އިންޓަ ސްކޫލް ސައިކަލިން އެޑިޝަން" އަންނަ މާޗު މަހުގެ 14 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށް ދިރާގުން މިއަދު ބުނެފިއެވެ.

ދިރާގުގެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ކުންފުނިން ބުނީ މި މުބާރާތް ބޭއްވުމަށް ހަމަޖެހިފައި ވަނީ ހުޅުމާލެ ސައިކަލިން ޓްރެކްގައި ކަމަށާއި، އެދުވަހުގެ ހެނދުނުން ފަށައިގެން އިރު އޮއްސުމާއި ހަމައަށް އެމުބާރާތް ކުރިއަށްދާނެ ކަމަށެވެ. މި ހަރަކާތުގެ އަމާޒަކީ ވީހާވެސް ގިނަ ކުދިން ޅަފަތުގައި ދުޅަހެޔޮ ސިއްހަތަކަށް އަހުލުވެރި ކުރުވާ ބާރުވެރި ކުރުވުން ކަމަށް ވެސް ދިރާގުން ބުންޏެވެ.

ތިމާވެއްޓާ ރައްޓެހި ގޮތް ހިޔާރުކޮށް އިންޖީނުލީ އުޅަނދު މަދު ކުރުމަކީ ވެސް މި ހަރަކާތުގެ އަމާޒެއް ކަމަށް ދިރާގުން ބުންޏެވެ.

ބައިކް މޯލްޑިވްސް އިން ވަނީ މި މުބާރާތް ބާއްވަން ދިރާގުންދޭ އެހީތެރިކަން ފާހަގަކޮށް ޝުކުރު އަދާކޮށްފައެވެ.

ބައިކް މޯލްޑިވްސް އިން ބުނި ގޮތުގައި މިދިޔަ އަހަރު ބޭއްވި މުބާރާތުގައި އެކި ސްކޫލުތަކުން 600 އަށް ވުރެ ގިނަ ދަރިވަރުން ބައިވެރިވިއެވެ. މިފަހަރު އެއަށް ވުރެ ގިނަ ދަރިވަރުން ބައިވެރިވާނެ ކަމަށް ބައިކް މޯލްޑިވްސް އިން އުންމީދުކުރެއެވެ.

މި މުބާރާތުގައި އުމުރުފުރާތައް ބެހިފައި އޮތް ގޮތަށް ބަލާއިރު، 11 އަހަރުން ދަށާއި 13 އަހަރުން ދަށާއި 15 އަހަރުން ދަށާއި 17 އަހަރުން ދަށާއި 19 އަހަރުން ދަށް ހިމެނެއެވެ. އެހެން އަހަރުތަކެކޭ އެއްގޮތަށް މި އަހަރުވެސް 11 އަހަރުން ދަށުން ކުދިންނަށް ބޭއްވުމަށް ހަމަޖެހިފައި ވަނީ ފަން ރައިޑެކެވެ. މި ރައިޑް ނިންމާ ކުދިންނަށް މެޑަލް އާއި ސެޓްފިކެޓް ދިނުމަށް ވަނީ ހަމަޖެހިފައެވެ.

މިފަހަރު ހަމަޖެހިފައިވާ ގޮތުން ކޮންމެ ކުއްޖަކަށް ވެސް ތިން އިވެންޓެއްގައި ބައިވެރިވެވިދާނެއެވެ. އިވެންޓުތައް ބެހިފައި ވަނީ 200 މީޓަރާއި އެއް ކިލޯ މީޓަރާއި ތިން ކިލޯމީޓަރެވެ.

ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ވަނީ މި މުބާރާތަށް ޕްރެކްޓިސް ކުރަން ހުޅުމާލޭގެ ދެވަނަ ފިޔަވަހިން ޖާގަ ދީފައެވެ. އެހެން ކަމުން މި މުބާރާތުގައި ބައިވެރިވުމަށް ބޭނުންވާ ކުދިން ފަހު ފުރުސަތަކަށް ނުބަލައި މިހާރުން ފެށިގެން ތައްޔާރުވާން ފެށުމަށް ދިރާގާއި ބައިކް މޯލްޑިވްސް އިން ވަނީ އެދިފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ާަާަަައަސްލު

    އައުރަނިވާކުރުމަކީ މިހާރު ހަރާންކަމެއްތޯ..ވަރައް ހުޅަގު ދެއްތޯ..ސުބުހާނަﷲ

  2. ދޮންބެ

    ދުޅަހެޔޮ ސިއްޙަތެއްވަރަށް މުޙިއްމު. އަދި ހެއްދެވިފަރާތަކީ ކޮބައި ކަމާ ހެއްދެވިފަރާތުން އެނގެވީ ކީކޭކަން އެނގުން އެޔަށްވުރެ މުޙިންމު.