މާލޭގައި ހަދަމުން އަންނަ އިމާރާތެއްގެ މަތިން ވެއްޓުނު ސިމެންތި ބަސްތާއަކުން ޖެހިގެން މަރުވި، ރައުޝަން ޖިއާންގެ މަތިން ހަނދާން ނައްތާނުލާ ކަމަށާއި، ރައުޝަން މަރުވި ހާދިސާއަކީ އިމާރާތް ކުރުމުގެ ސިނާއަތަށް ލިބުނު ފިލާވަޅެއް ކަމަށް ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް މިއަދު ވިދާޅުވެއްޖެއެވެ.

ރައުޝަން ޖިއާންގެ މައިންބަފައިންނާއި، އިމާރާތްކުރުމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ޖަމިއްޔާތަކާ އެކު ޕްލޭނިން މިނިސްޓްރީގައި ބޭއްވި ބައްދަލުވުމުގައި، މިނިސްޓަރު އަސްލަމް ވިދާޅުވީ ބަންގްލަދޭޝް އަށް އުފަން ރައުޝަން އަށް ދިމާވި ހާދިސާއަކީ ސަލާމަތާއި ރައްކާތެރިކަމަށް ދޭންވާ ސަމާލުކަން ނުދިނުމުން ދިމާވި ހާދިސާއެއް ކަމަށާއި، އެފަދަ ދެ ވަނަ ހާދިސާއެއް ތަކުރާރުވާން ބޭނުން ނުވާ ކަމަށެވެ.

އެގޮތުން ޖިއާން މަރުވި ހާދިސާއަށް ފަހު އެ ސިނާއަތުގައި ރަނގަޅު ކުރަން ހުރި ކަންކަން ކުރިއަށް ވުރެ ހަރުކަށިކަމާ އެކު ބަލާ، އިތުރު ގައިޑްލައިންތައް ހެދުމުގެ މަސައްކަތްކޮށްފައިވާ ކަމަށް ވެސް އަސްލަމް ވިދާޅުވިއެވެ.

"ޖިއާން މަތިން ހަނދާން ނައްތައެއް ނުލަން. ނުވެސް ލާނަން. އެ ހަނދާންތައް އަޅުގަނޑުމެންނާ އެކު އަބަދުވެސް ވާނެ. ރައުޝަންއަށް ދިމާވި ހާދިސާއަކީ މުޅި އާއިލާއަށް ލިބުނު ފޫނުބެދޭނެ ވަރުގެ ހިތާމައެއް. އަޅުގަނޑުމެންނަށް ކުރެވޭނެ ކަމަކީ މިފަދަ ކަމެއް ތަކުރާރު ނުވޭތޯ މަސައްކަތް ކުރުން. އެހެންވީމަ އެކަން ޔަގީން ކުރަން ކުރެވުނު ހުރިހާ ކަމެއް ކުރާނަން،" އަސްލަމް ވިދާޅުވިއެވެ.

އެ ބައްދަލުވުމުގައި ޕްލޭނިން މިނިސްޓްރީން ވަނީ އިމާރާތްކުރުމުގެ ސިނާއަތުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އެޅި ފިޔަވަޅުތަކުގެ ތަފްސީލް ދެއްވައިފައެވެ.

ޕްލޭނިން މިނިސްޓްރީގެ ޑިރެކްޓަރ ތޮލްހަތު ކޮންސްޓްރަކްޝަންސް އިންޑަސްޓްރީގެ ސަލާމަތާއި ރައްކާތެރިކަމަށް އެޅި ފިޔަވަޅުތަކާއި މެދު ޥާހަކަ ދައްކަވަނީ: ފޮޓޯ ވަގުތު

އެ ވުޒާރާގެ ޑިރެކްޓަރު އަހުމަދު ތޮލްހަތު ވިދާޅުވީ އިމާރާތްކުރުމުގެ މަސައްކަތް ކުރާ 615 ތަނަށް ޒިޔާރަތްކޮށް އެ ތަންތަނުގެ ހާލަތު ބެލި އިރު، 218 ތަނަށް ދެ ފަހަރަށް ޒިޔާތްކުރި ކަމަށެވެ. އަދި އިމާރާތުގެ މަސައްކަތްކުރާ ތަންތަނުގެ ސަލާމަތާއި ރައްކާތެރިކަން ގާއިމްކުރުމަށް އަމަލްކުރާނެ 13 އުސޫލެއް، ގެޒެޓްގައި ޝާއިއުކޮށްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

"ގިނަ ތަންތަނުގައި އަދިވެސް ދިމާވަނީ ސޭފްޓީ ނެޓް ނެތުމާއި، ފެންސް ނެތުމާއި މިކަހަލަ ކަންކަން. އަޅުގަނޑުމެން އެފަދަ ތަންތަން ރިޕޯޓް ކުރަން ސިޓީ ކައުންސިލަށް. މިހާތަނަށް ސިޓީ ކައުންސިލަށް ފޮނުވީ 362 ތަނެއްގެ މައްސަލަ. ފިޔަވަޅު އަޅާފައިވޭ 200 އަށް ވުރެ ގިނަ ތަނަށް." ތޮލްހަތު ވިދާޅުވިއެވެ.

ބައްދަލުވުމުގައި މޯލްޑިވްސް އެސޯއޭޝަން އޮފް ކޮންސްޓްރަކްޝަން ކޮމްޕެނީ (މަސީ)، ސިވިލް އިންޖިނިއާސް އެސޯސިއޭޝަނާއި، އާކިޓެކްސް އެސޯސިއޭޝަން އަދި ޕްލޭނިން މިނިސްޓްރީގެ އިތުރުން އިމާރާތް ކުރުމުގެ ސިނާއަތުގައި ހަރަކާތްތެރިވާ އިތުރު ބައެއް ފަރާތްތަކުން ބައިވެރިވެފައިވެއެވެ.

މަސީގެ ރައީސް ޖަނާހު، ޕްލޭނިން މިނިސްޓްރީގައި ބޭއްވި ބައްދަލުވުމުގައި ވާހަކަދައްކަވަނީ: ފޮޓޯ ވަގުތު

އެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މޯލްޑިވްސް އެސޯއޭޝަން އޮފް ކޮންސްޓްރަކްޝަން ކޮމްޕެނީ (މަސީ)ގެ ރައީސް މުހައްމަދު އަލީ ޖަނާހް ވިދާޅުވީ، ޖިއާން މަރުވި ހާދިސާއަކީ އިމާރާތްކުރުމުގެ ސިނާއަތުގައި ހުރި ފަރުވާ ކުޑަ ކަންކަން ރަނގަޅުކުރަން ހުޅުވުނު ދޮރެއް ކަމަށެވެ. އަދި މިހާރު ކޮންސްޓްރަކްޝަން ދާއިރާގައި ހުރި ކަންކަން ރަނގަޅު ކުރަން، ގަވާއިދާއި ހިލާފަށް އަމަލު ކުރާ ފަރާތްތަކުގެ މައްސަލަ ރިޕޯޓް ކުރެވޭނެ މަގު ހަމަޖައްސާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

" މި އިންޑަސްޓްރީގައި އެބައުޅޭ ދެ ވައްތަރެއްގެ މީހުން. އެއީ ވަރަށް ރަނގަޅު މީހުން ވެސް އެބަ އުޅޭ. ގޯސް މީހުން ވެސް އެބައުޅޭ. ބޭނުންވަނީ ގޯސްކޮށް އުޅޭ މީހުން ގައިޑްލައިންތަކުގެ ތެރެއަށް ވައްދަން. މިފަދަ ހާދިސާތައް ހިނގުމާއި ދުރުވާނެ ސަލާމަތީ ފިޔަވަޅުތައް އެޅީމަ." ޖަނާހް ވިދާޅުވިއެވެ.

ސިވިލް އިންޖިނިއަރަސްގެ ފަރާތުން ވާހަކަދައްކަވަމުން، އަބްދުﷲ ނައުޝާދު ވިދާޅުވީ ޖިއާން މަރުވި ހާދިސާއަށް ފަހު އިމާރާތްކުރުމުގައި ގެންގުޅޭ އުސޫލްތައް ހަރުދަނާކުރުމަށް ކަމާ ބެހޭ ފަރާތްތަކުން އެޅި ފިޔަވަޅުތައް ރަނގަޅު ކަމަށެވެ.

ޖިއާންގެ މައިންބަފައިންނާއި އެކު ޕްލޭނިން މިނިސްޓްރީގައި ބޭއްވި ބައްދަލުވުން: ފޮޓޯ ވަގުތު

އާކިޓެކްސް އެސޯސިއޭޝަންގެ ނައިބު ރައީސް ހަސަން ޒިޔަތު ވިދާޅުވީ، އިމާރާތް ކުރުމާ ގުޅޭ ގޮތުން މިހާރު ހުރި ގައިޑްލައިންތަކަށް ގެންނަން ޖެހޭ ބަދަލުތައް ހުށަހަޅާފައިވާ ކަމަށާއި އޭގެ ތެރެއިން ބައެއް ބަދަލުތައް އަދި ބަލައިގެންފައި ނުވާ ކަމަށެވެ. އެހެންކަމުން، ކުރިއަށް އޮތްތަނުގައި އާކިޓެކްޓުންގެ ހިޔާލްތައް ހިމަނައިގެން ގައިޑްލައިންތަކަށް ބަދަލު ގެންނާނެ ކަމަށް އުންމީދުކުރާ ކަމަށް އޭނާ ވިދާޅުވިއެވެ.

ރައުޝަން ޖިއާން މަރުވީ، މާލޭގައި ކޮންސްޓްރަކްޝަން މަސައްކަތްކުރަމުން ދިޔަ އިމާރާތެއްގެ ފަސްވަނަ ފަންގިފިލާއިން ވެއްޓުނު ސިމެންތި ބަސްތާއަކުން ޖެހި، ލިބުނު ސީރިއަސް އަނިޔާތަކަށް ފަރުވާ ދެމުން ދަނިކޮށް 2018 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައެވެ.