ފުލުހުން ކުށެއް ކުރުމަކީ އަބަދަށް ޖެހޭ ލައްގަނޑެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.

ރައީސް ޔާމީން މިހެން ވިދާޅުވީ ފުލުހުންގެ އަހަރީ ދުވަހުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ވިދާޅުވީ ފުލުހުން ކުރާ ޚިދުމަތުގެ މަތިން ވަރަށް އަވަހަށް މީހުން ހަނދާން ނެތޭ ކަމަށާއި ނަމަވެސް ފުލުހުންގެ މުއައްސަސާގެ މީހަކު ކުށެއް ކޮށްފިނަމަ އެއީ ލައްފިލުވާ ބޭހަކުން ފިލުވޭނެ ލައްގަނޑެއް ނޫން ކަމަށެވެ.

ރައީސް ވިދާޅުވީ ފުލުހުންގެ މުޅި މުއައްސަސާ އަށް ފާޑުކިޔުން އަންނަނީ ބައެއް ފަހަރު ވަކި ވަކި ފުލުހުން ކުރާ ކަމަކުން ކަމަށް ވެދާނެ ކަމަށާއި ނަމަވެސް ކުރެވޭ ކަންތައްތަކަށް ފާރަވެރިވާނަމަ އެއް އަހަރުން އަނެއް އަހަރަށް އަދި އެއްމަހުން އަނެއް މަހަށް ޚިދުމަތް ރަނގަޅު ކުރެވޭނެ ކަމަށެވެ.

"ކޮންމެ ފަހަރަކު މިއީ ތައުރީފް ލިބޭނެ ކަމަށް ކުރާ ޚިދުމަތަކަށް ނުވެދާނެ. އަޅުގަނޑުމެންނަކީ ތައުރީފް ނުލިބުނަސް ޚިދުމަތް ކުރަން ތިބި ބައެއް ކަން ހަނދާން ކުރަން ވާނެ." ރައީސް ވިދާޅުވިއެވެ.

ރައީސް ވަނީ ދާދިފަހުން ސުޕްރީމް ކޯޓުން ނެރުނު އަމުރަށް އިޝާރާތް ކުރައްވާ މިރޭ ވެސް ވާހަކަފުޅު ދައްކަވާފައެވެ.

ރައީސް ވިދާޅުވީ ދައުލަތް ހިންގުމުގެ އެންމެ އިސް ފަރާތަކީ ޝަރުޢީ ދާއިރާ އެއް ވެސް ނޫންކަމަށާއި އަދި އިދިކޮޅު ސިޔާސީ ޕާޓީތަކުގެ އިސް ލީޑަރުންނެއް ވެސް ނޫން ކަމަށެވެ. ދައުލަތް ހިންގުމުގެ އެންމެ އިސްވެރިޔަކީ ރައީސުލްޖުމްހޫރިއްޔާ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ފުލުހުންގެ ޚިދުމަތް އެންމެން ލޯބިވާ ގޮތައް ނުކުރެވޭނެ ކަމަށާއި ނަމަވެސް ފުލުހުން ޚިދުމަތް ކުރަންވާނީ މުޖުތަމަޢާއި ގުޅިގެން ކަމަށެވެ.

"ފުލުހުން ޖެހޭނީ ޤާނޫނޫ ތަންފީޒު ކުރަން. ފުލުހުން ނުޖެހޭނެ ކުށްވެރިންނަކަށް ދޫ ދޭކަށް. ކުށްވެރިންނަށް ދޫ ދިނުމަކީ އެއްވެސް ގައުމެއްގައި ކުރާ ކަމެއް ނޫން." ރައީސް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އަލްޖިބްރާ

    ފުލުހުންނާއި ސަފައިން ލައްވާ ހުރިހާ ޤާނޫނާއި ޚިލާފު ކަންތަކެއް ކުރުވާމީހަކީ ހަމަސީދާ ކަލޭ ! އެކަމުގެ އަގު ކަލޭދައްކަންޖެހޭ ދުވަސް އެބައާދޭ !