ރާއްޖެ އަށް ޑިމޮކްރަސީ ގެނައުމުގެ ދަތުރުގައި އެންމެ ބޮޑަށް ޖިސްމާނީ (އަނިޔާ) އާއި ފުރައްސާރަ ކުރީ ފުލުހުންނާއި ސިފައިންނަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.

ރައީސް ޔާމީން މިހެން ވިދާޅުވީ ފުލުހުންގެ އަހަރީ ދުވަސް ފާހަގަ ކުރުމުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ވިދާޅުވީ 2004 ސެޕްޓެމްބަރ 01 ގައި ފުލުހުން ވަކި މުއައްސަސާއެއްގެ ގޮތުގައި އުފެދިގެން އައީ ޑިމޮކްރަސީ އަށް ފެށި ދަތުރުގެ ތެރެއިން ކަމަށާއި ނަމަވެސް ފުލުހުންނާއި ސިފައިންނާއި ކުރިމަތިވީ ފުރައްސާރަ ކަމަށެވެ.

ރައީސް ވިދާޅުވީ އޭރު ކަންތައްތައްވި ގޮތް މިހާރު ހަނދާން ނުހުންނާތީ ސުވާލު އުފެދޭ ކަމަށެވެ.

ރައީސް މިރޭ ވެސް ވިދާޅުވީ ޤާނޫނާއި ހިލާފު އަމުރަށް ފުލުހުން ތަބާވެގެން ނުވާނެ ކަމަށެވެ.

"ފުލުހުން ޤާނޫނާއި ޚިލާފު އަމުރަކަށް ތަބާވެގެން ނުވާނެ. ބައެއް ފަހަރު އަޅުގަނޑުމެންނަށް ހީވެފައި އޮންނަނީ ޤާނޫނާއި ހިލާފު އަމުރެއް ކުރާނީ ހަމައެކަނި ފުލުހުންގެ މައްޗަށް އަމުރު ކުރަން ތިބި ސިޔާސީ ވެރިންނޭ. ނަމަވެސް އެހެނެއް ނޫން ކޮންމެ ފަހަރަކު ކަންތައް ވަނީކީ." ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ޑިމޮކްރަސީ އަކީ ވަކި ބަޔަކަށް އެނގޭ އެއްޗެއް ކަމަށް ބައެއް މީހުން ހީކުރާ ކަމަށެވެ.

"ޑިމޮކްރަސީ އަކީ ވަކި ބަޔަކަށް އެނގޭ އެއްޗެއް ކަމަށް އެބަ ހީވޭ. ނަމަވެސް ޑިމޮކްރަސީ އަކީ ހުރިހާ އެންމެން ވެސް ފޮތްތަކުން ދަސްކޮށްގެން ތިބި އެއްޗެއް. ދެގައުމެއްގެ ޑިމޮކްރަސީ އެއް ގޮތަކަށް ނޯވެދާނެ. ނަމަވެސް ޑިމޮކްރަސީގެ އަސާސްތައް އެއް ގޮތަކަށް ހުންނަ ގައުމުތައް ހުންނާނެ. އަޅުގަނޑުމެންގެ ޑިމޮކްރަސީ އަޅުގަނޑުމެންނަށް ހެޔޮވަރުތޯ. އަޅުގަނޑުމެންގެ ފުލުހުންގެ ޔުނީފޯމް އެމެރިކާގެ ފުލުހުންނަށް ހެޔޮވަރެއް ނުވާނެ." ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ފުލުހުންގެ ބާރު ކަނޑުވާލަން ފުލުހުންނަށް ދެވޭ ހަމަލާތަކަކީ ހަމައެކަނި ފުލުހުންނަށް ދެވޭ ހަމަލާތަކެއް ނޫން ކަމަށެވެ.

"ފުލުހުންގެ އަގު ވައްޓާލުމަށް ދެވިފައިވާ ހަމަލާތަކަކީ ފުލުހުންނަށް އެކަނި ދެވޭ ހަމަލާއެއް ނޫން. ފުލުހުންގެ ބާރު ކަނޑުވާލަން ކުރާ ކަންތައްތަކަކީ ޤާނޫނުގެ ބާރު ކަނޑުވާލަން ދެއްކުމަށްޓަކައި ކުރެވޭ ކަންތައްތައް." ރައީސް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ވިސްނާމީހާ

    މީހަމަ މިކަންހިނގާދިޔަގޮތް 2003 ވަނައަހަރުން ފެށިގެން ސިލްސިލާކޮށް އެމްޑީޕީއިންދަނީ މިކަން ކުރަމުން ކުޑަގޮތަކަށް ބުނާނަމަ ގޮޅާބޯ ގޮޅާފޯސް މަނީމަނީ ޔެސްސަރ ބާޤީ މިހެންގޮސް ލައްކަބައިވަރު

  2. ޣަފޫރުބޭ

    އިދިކޮޅުފަރާތްތައް އެކުވެގެން ބައްވާ އެއްވުންތަކުގައި ކޮންމެ މީހަކުވެސް ޕޯޑިޔަމަށް އަރާފަ ކިޔަނީ ރެކޯޑިންއެއްކަހަލަ ފަތިވަރެކެވެ.
    1. ރައީސް ޔާމީން 100 ފަހަރު
    2. ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމު 100 ފަހަރު
    3. ޢަބްދުﷲ ޔާމީން 100 ފަހަރު
    4. ޔާމީން ޢަބްދުލް ޤައްޔޫމު 100 ފަހަރު
    5. ޔާމީން 100 ފަހަރު
    6. ޤާނޫނުއަސާސީ 50 ފަހަރު
    7. މި އަނިޔާވެރިކަން 25 ފަހަރު
    8. ހައްޔެރީން 1000 ފަހަރު