ރާއްޖޭގެ ހުރިހާ ރަށެއްގައި، ނޮވެލް ކޮރޯނާވައިރަސްއަށް ތައްޔާރުވުމުގެ ގޮތުން ހޭލުންތެރިކުރުވުމުގެ ހަރަކާތްތަކެއް ކުރިއަށްގެންގޮސްފިއެވެ.

މި ހޭލުންތެރިކުރުވުމުގެ ޕްރޮގްރާމުގެ ތެރެއިން 130 ހެލްތް ފެސިޓީއަކުން 6،461 ފަރާތަށް މައުލޫމާތު ދީފައިވާކަމަށް ހެލްތް މިނިސްޓްރީން މައުލޫމާތު ދެއެވެ. އެގޮތުން އަތޮޅުތެރޭގައި ކުރިއަށްގެންދާ މި ޕްރޮގްރާމުގެތެރެއިން ދޮރުން ދޮރަށް (ޑޯ-ޓު-ޑޯ/ ހޯމް ވިސިޓް) ގޮސް އާއްމުންނަށް މަޢުލޫމާތު ދީފައިވާއިރު، ސްކޫލްތަކުގައި ތައުލީމު ހާސިލުކުރަމުންދާ ދަރިވަރުންނާއި ސަރުކާރުގެ އެކި އޮފީސްތަކުގައި މަސައްކަތްކުރާ ފަރާތްތަކަށާއި އެހެނިހެން މުއައްސަސާތަކުގައި މަސައްކަތްކުރާ ފަރާތްތަކަށް ސެޝަންތައް ކުރިއަށްގެންގޮސްފައި ވެއެވެ.

މީގެއިތުރުން އަތޮޅު އަދި ރީޖަނަލް ހޮސްޕިޓަލްތަކުގެ ޕަބްލިކް ހެލްތް ވާރކަރުން، ޑޮކްޓަރުން، ނަރުހުން އަދި ލެބޯޓްރީ ޓެކްނީޝަނުންނަށް ޓެލެކޮންފަރަންސެއް ބާއްވާފައިވެއެވެ. މި ޓެލެކޮންފަރަންސްގައި 306 ފަރާތެއް ވަނީ ބައިވެރިވެފައެވެ.

މިހަރަކާތުގެތެރެއިން ދުނިޔޭގައި މިހާރު ފެތުރެމުން އަންނަ ކޮރޯނާވައިރަހާއި ގުޅޭ މަޢުލޫމާތާއި އެވައިރަސް ފެތުރޭ ގޮތާއި އޭގެއިން ރައްކާތެރިވުމަށް ފަރުދީގޮތުންނާއި މުޖުތަމައު ގުޅިގެން ކުރަންޖެހޭ މަސައްކަތްތަކުގެ މައުލޫމާތުދީފައިވެއެވެ.

އަދި މާލެ ސަރަހައްދުގައި 3 ފެބުރުއަރީއަށް ހޭލުންތެރިކުރުވުމުގެ ހަރަކާތްތަކެއް ހިންގާފައިވެއެވެ. މީގެއިތުރުން ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންނަށް އަމާޒުކޮށްގެން މޯލްޑިވްސް ރެޑްކްރެސެންޓާއެކު ހޭލުންތެރިކުރުވުމަށް 5 ބަހަކުން ހޭލުންތެރިކުރުވުމުގެ މައުލޫމާތު ތައްޔާރުކޮށް މައުލޫމާތުދީފައިވެއެވެ. މީގެއިތުރުން ނޮވެލް ކޮރޯނާވައިރަސްއަށް ތައްޔާރުވުުގެ ގޮތުން އެއަރޕޯޓްގައި ހަރަކާތްތެރިވާ މުއަައްސަސާތަކަށް ފަރިތަ ކުރުމުގެ ޓޭބަލް ޓޮޕް އެކްސަރސައިޒް އެއް ކުރިއަށްގެންގޮސްފައި ވެއެވެ.

މިހަރަކާތުގައި އިންޓަރނޭޝަނަލް ބޯޑަރ ހެލްތް، މޯލްޑިވްސް އިމިގްރޭޝަން، މޯލްޑިވްސް ކަސްޓަމްސް، މޯލްޑިވްސް އެއަރޕޯރޓްސް ކޮމްޕެނީ، އެމް އެން ޑީ އެފް، އެވްސެކޮމް، ޕޮލިސް، ނެޝަނަލް ޑިޒާސްޓަރ މެނޭޖުމަންޓް އޮތޯރިޓީ، މިނިސްޓްރީ އޮފް ހެލްތް އަދި އެޗް ޕީ އޭ އިން 75 ފަރާތެއް ބައިވެރިވެފައިވެއެވެ.