2023ގެ ނިޔަލަށް ރާއްޖޭގައި ބޭނުންކުރާ އިއާދަކުރުވަނިވި ހަކަތައިގެ 20%އަށް ވުރެ އިތުރު ކުރާނެ ކަމަށް، ތިމާވެއްޓާއި ބެހޭ ވަޒީރު ޑރ.ހުސެއިން ރަޝީދު ހަސަން ވިދާޅުވެއްޖެއެވެ.

ދިވެހިރާއްޖެ ބައިވެރިވެފައިވާ، މޫސުމަށް އަންނަ ބަދަލުތަކާއި ބެހޭ މުއާހަދާ، ޔުނައިޓެޑް ނޭޝަނަލް ކޮންވެންޝަން އޮން ކްލައިމެޓް ޗޭންޖް (ޔޫ.އެން.އެފް.ސީ.ސީ)ގެ ދަށުން ކޮންމެ ދެ އަހަރުން އެއް އަހަރު ހުށަހަޅަން ޖެހޭ "ބައިއެނިއަލް ރިޕޯޓް" ނެރެދެއްވާ ވާހަކަދައްކަވަމުން ޑރ.ހުސެއިން ވިދާޅުވީ، މިހާރު ރާއްޖޭގައި 21 މެގަވޯޓްގެ ސޯލާ ޕެނެލް ބޭނުން ކުރަމުންދާ ކަމަށެވެ.

އޭގެ ތެރޭގައި އަމިއްލަ ފަރާތްތަކުން ހަރުކޮށްފައިވާ ސޯލާ ޕެނަލްތަކާއި ސަރުކާރުން ހަރުކުރި ސޯލާ ޕެނަލްތައް ހިމެނޭކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. މީގެ އިތުރުް މިހާރުވެސް އިތުރު 21 މެގަ ވޯޓްގެ ސޯލާ ޕެނަލް ހަރުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ޑރ.ހުސެއިން ވިދާޅުވިއެވެ.

ޑރ.ހުސެއިން ވިދާޅުވީ، ދިވެހިރާއްޖޭގެ އުފެއްދުންތެރިކަން އިތުރުވާ ވަރަކަށް، ރާއްޖެއިން ހަކަތަ ބޭނުން ކުރާ މިންވަރާއި އެކު ހަކަތަ ބޭން ކުރާ މިންވަރު އިތުރު ވާއިރު، ރާއްޖެ ކުރިއަރަން ވާނީ ތިމާވެއްޓާއި ރައްޓެހި ގޮތްތަކަށް، ހަކަތަ ބޭނުންކޮށްގެން ކަމަށެވެ.

"ޑީސެލް ވަރަށް ސަކަރާތް. ޑީސެލް ނޫން ގޮތެއް އެބަ ޖެހޭ ހޯދަން. ބައެއް މީހުން ބުނޭ ތިމީހުންގެ ޤައުމުގައި ބޭނުންވަރަކަށް އިރުގެ އަލިކަން ބޭނުން ކުރެވިދާނެޔޭ. އުފައްދަންވީ ނޫންހޭ އެޗްޓޫއޯ. ދެން އެއިން ހަކަތަ އުފައްދަންވީ ނޫންހޭ. ޖީޑީޕީ އާއި އެކު އެމިޝަން ބޮޑުވާކަށް ނުޖެހޭ." މިނިސްޓަރ ވިދާޅުވިއެވެ.

ޑރ.ހުސެއިން"ބައިއެނިއަލް ރިޕޯޓް" ނެރެދެއްވުމަށް ފަހު ވާހަކަދައްކަވަނީ: ފޮޓޯ ވަގުތު

ކަނޑުގެ އޮއިވަރު ބޭނުންކޮށްގެން ވެސް ހަކަތަ އުފެއްދޭކަން ފާހަގަކުރައްވާ މިނިސްޓަރ ވިދާޅުވީ ރާއްޖޭގައި ހަކަތަ އުފެއްދިދާނެ ގޮތްތަކާއި މެދު ރަނގަޅު ދިރާސާއެއް ކުރަން ޖެހޭ ކަމަށެވެ.

މިނިސްޓަރ ވަނީ ކަރަންޓް ޚަރަދު ކުރުމަށް އެޅިދާނެ ފިޔަވަޅުތަކާއި ގުޅޭގޮތުންވެސް ވާހަކަދައްކަވާފައެވެ.

އެގޮތުން ސްމާޓް މީޓާ ހަރުކުރުމާއި، ގިނައިން ހަކަތަ ބޭނުން ކުރާ ވަގުތަށް ބެލުމަށް ފަހު، ޕީކް ޝިފްޓް ކުރުން ފަދަ ކަންކަން ކުރެވިދާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ

މީގެ އިތުރުން މިހާރު ކަރަންޓަށް ސަބްސިޑީ ދެމުންދަނީ އެންމެ ރަނގަޅަށް ނޫން ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

"ޖެހިޖެހިގެން ހުންނަ ދެ އެޕާޓްމެންޓްގެ ތެރެއިން އެއެއް އެޕާޓްމެންޓްގެ ބިލަށް 4000 އަރާއިރު އަނެއް ބަޔަށް މި އަހަރަނީ 500. އެކަމަކު ސަބްސިޑީ މި ލިބެނީ ކަރަންޓް ބިލް ބޮޑުވާ މީހާއަށް. ކަރަންޓަށް ބަލައިގެން، އުޅޭ މީހާއަކަށް ނޫން މި ލިބެނީ." މިނިސްޓަރ ވިދާޅުވިއެވެ.

އިތުރަށް ވާހަކަދައްކަވަމުން މިނިސްޓަރ ވަނީ އިސްރާފުކުރުން ކުޑަކޮށް، ބޭނުން ކުރާ ތަކެތި އިއާދަކުރަން އިލްތިމާސްކުރައްވާފައެވެ.

ބައިއެނިއަލް ރިޕޯޓް ނެރުމުގެ ރަސްމިއްޔާތުގައި، ސްޓޭތް މިނިސްޓަރ ޑރ.އަބްދުﷲ ނަސީރު ވާހަކަދައްކަަވަނީ: ފޮޓޯ ވަގުތު

އެ ރަސްމިއްޔާތުގައި ވާހަކަދައްކަަވަމުން ތިމާވެއްޓާއި ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ ޑރ.އަބްދުﷲ ނަސީރު ވިދާޅުވީ، ފާއިތުވި އަހަރުތަކުގައި ރާއްެޖެއިން ތަރައްޤީގެ ގިނަ ލަނޑުދަނޑިަކެއް ހާސިލްކޮށްފައިވާ ކަމަށެވެ. އެއާއި އެކު މޫސުމަށް އަންނަ ބަދަލުތަކުގެ ސަަބަބުން ރާއްޖެއަށް ކުރާ އަސަރާއި މެދު ވިސްނާ، ހަރުދަނާ ފިޔަވަޅުތަކެއް އަޅަން ޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.

މިއީ ރާއްޖެއިން "ބައިއެނިއަލް ރިޕޯޓް" ހުށަހަޅާ ފުރަތަމަ ފަހަރެވެ. މީގެ ކުރިން ރާއްޖެއިން އެ ރިޕޯޓް ހުށަނާޅާ ވަނީ ރާއްޖެއަކީ ކުޑަ ޤައުމަކަށް ވުމާއި އެކު ރާއްޖެއަށް ލިބޭ، ލުއިތަކުގެ ސަބަބުންނެވެ. އެހެންނަމަވެސް އެ ލުއިގެ ބޭނުން ނުހިފާ އެ ރިޕޯޓް އެކުލަވާލަން ނިންމީ އެ ރިޕޯޓްގެ ސަބަބުން ރާއްޖޭގެ ހާލަތު ދެނެގަންނަން ފަސޭހަވެގެންދާތީއެވެ.

އެ ރިޕޯޓްގައި ޖަށްވަށް ދޫކުރާ ވިހަ މާއްދާތަކުގެ މިންވަރާއި، އެ މިންވަރރު މަދު ކުރަން ކުރާ މަސައްކަތް ހިމަނާފައިވެއެވެ. އަދި މޫސުމަށް އަންނަ ބަދަލުތަކުގެ އަސަރު ކުޑަ ކުރަން ކުރާ ކަންކަމާއި، އެކަމަށް ހިނގި ޚަރަދާ، އެކަމަށް ދިމާވި ގޮންޖެހުންތަކަށް އަލިއަޅުވާލާފައިވެއެވެ.