ރާއްޖެއަށް ޒިޔާރަތް ކުރާ ފަތުރުވެރިންނަށް ދޭ ހަމަލާއަކީ ފިނޑި އަމަލެއް ކަމަށް ޔޫތް މިނިސްޓަރ މަހްލޫފް އަހުމަދު ވިދާޅުވެއްޖެއެވެ.

މަހްލޫފް މިހެން ވިދާޅުވީ، ހުޅުމާލޭގައި އަންގާރަ ދުވަހުގެ ރޭ ތިން ބިދޭސީއަކަށް ހަމަލާދީ ޒަހަމްކޮށްލުމާއި ގުޅިގެން ކުރެއްވި ޓްވީޓެއްގައެވެ. އެ ހާދިސާގައި ޒަހަމްވެފައި ވަނީ، ރާއްޖޭގައި މަސައްކަތް ކުރަމުންދާ ދެ ބިދޭސީއަކާއި، ޗައިނާ ފަތުރުވެރިއެކެވެ.

އެ ހަމަލާއާ ގުޅިގެން ރޭ ބަޔަކު އާއްމު ކުރި ވިޑީއޯއައެއްގައި އެ ހަމަލާގެ ޒިންމާ ވަނީ ނަގާފައެވެ. އެ މީހުން ބުނެފައި ވަނީ އެ ހަމަލާ ދިނުމަކީ ނިރުބުވެރި (ޓެރަރިސްޓް) ހަމަލާއެއް ކަމަށެވެ. މޫނު ނިވާކޮށް، އަޑު ބަދަލުކޮށްގެން ޓެލެގްރާމްގައި އާއްމު ކުރި އެ ވީޑިއޯއާ ގުޅޭ މައްސަލަ ފުލުހުންވެސް ދަނީ ބަލަމުންނެވެ.

މިކަމާއި ގުޅިގެން މިއަދު މަހްލޫފް ވިދާޅުވީ، ފިލާ ތިބެ އަޑު ބަދަލުކޮށްގެން ވީޑިއޯ ހެދުމަކީ ފިނޑި އަމަލެއް ކަމަށެވެ.

"އަދި ރާއްޖެއަށް ޒިޔާރަތް ކުރާ ފަތުރުވެރިންނަށް ދޭ ހަމަލާއަކީ އަދި މާ ފިނޑި އަމަލެކެެވެ. އިސްލާމް ދީނަކީ ސުލްހައާއި ހަމަޖެހުމަށް ލޯބިކުރާ އެކަމަށް ބާރުއަޅާ ދީނެކެވެ"، އޭނާގެ ޓްވީޓުގައި ވެއެވެ.

އެ ހަމަލާއާ ގުޅިގެން ފުލުހުން ރޭ ނެރުނު ބަޔާނެއްގައި ވިދާޅުވީ، 4 ފެބްރުއަރީ ވަނަ ދުވަހުގެ ރޭ 19:00 އާއި 20:00 އާއި ދެމެދުގެ ވަގުތެއްގައި ހުޅުމާލޭގައި ތިން ބިދޭސިންނަށް ދީފައިވާ ހަމަލާ ފުލުހުން ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.

ފުލުހުންގެ ބަޔާނުގައި ވިދާޅުވެފައި ވަނީ، އެ ހަމަލާދީފައި ވަނީ ހަރުކަށި ފިކުރަށް ނިސްބަތްވާ ކަމަށް ތުހުަމަތު ކުރެވޭ ބަޔަކު ކަމަށާއި، މި ހަމަލާގައި އަނިޔާވި މީހުންގެ ހާލަތު ވަރަށް ގާތުން ބަލަމުންދާ ކަމަށެވެ.