ރާއްޖޭގެ މެދު ތެރޭގެ އަތޮޅުގެ ރަށެއްގައި ކުޑަ ކުއްޖަކު ޖެންޑާ މިނިސްޓްރީގެ ބެލުމުގެ ދަށަށް ގެންދަން އުޅުމުން، މުޒާހަރާކުރަން ފަށައިފިއެވެ.

ޖެންޑާގެ ބެލުމުގެ ދަށަށް ގެންދަން ނިންމާފައި ވަނީ، 6 އަހަރުގެ ކުޑަ ކުއްޖެއްކަމަށް މައުލޫމާތު ލިބެއެވެ.

އެ ކުއްޖާ ބައްޕަ ކައިރީ ހުއްޓާ ކުއްޖާގެ މާމަ އާއި ހަވާލު ކުރަން، އިހަށް ދުވަހު ފުލުހުން މަސައްކަތް ކުރުމުން، ހަމަނުޖެހުން ހިނގާފައި ވަނިކޮށް އެކުއްޖާގެ ޤާނޫނީ ބެލެނިވެރިން ހޯދަން ދައުލަތުން ވަނީ، އިއްޔެ ފެމިލީ ކޯޓަށް މައްސަލައެއް ހުށަހަޅާފައެވެ.

ކުއްޖާ ބައްޕަ ކައިރީ ހުއްޓާ، އަންގާރަ ދުވަހު ފުލުހުން އެކުއްޖާ އޭނާގެ މަންމަ ފަރާތު މާމަ އާއި ހަވާލު ކުރަން އުޅުމުން ހަމަނުޖެހުން ހިނގީ މ.އަތޮޅު މުލަކުގައެވެ. އެކުއްޖާ އަކީ މުލަކު ފިރިހެނަކާއި ތ.އަތޮޅު ތިމަރަފުށީ އަންހެނަކަށް ލިބިފައިވާ ކުއްޖެކެވެ.

މުލަކުން "ވަގުތު" އަށް މައުލޫމާތު ދިން މީހަކު ބުނީ އުމުރުން ހަ އަހަރުގެ އަންހެން ކުއްޖާ، ކުއްޖާގެ ބައްޕަގެ ބެލެހެއްޓުމުގެ ދަށުގައި ހުރީ އެކުއްޖާ ބެލުމުގައި ކުއްޖާގެ މާމަ އާއި ފަރުވާ ކުޑަކޮށް، ކުއްޖާއަށް އަނިޔާ ކުރަމުން ގެންދާތީއެވެ.

"ކުއްޖާ 2016 ވަނަ އަހަރު މަންމަ ފަރާތު މާމަ އާއި ހަވާލުކުރަން ކޯޓުން އޮތީ އަމުރުކޮށްފައި. ކުއްޖާ ހުރީ މާމަ އާއި މަންމަ ކައިރީގައި. ނަމަވެސް ކުއްޖާގެ މާމަ އާއި މަންމަ ކުއްޖާ ބެލުމުގައި އައީ އިހުމާލު ވަމުން. ބަލިވުމުން ޑޮކްޓަރަކަށް ނުދައްކާ، ކުއްޖާ ސާފުތާހިރުކޮށް ބަލަހައްޓަމުންނެއް ނުދޭ. މާމަ އާއި މަންމަ އަނިޔާ ކުރާކަމަށް ކުއްޖާ ބުނޭ. އެހެންވެ މީގެ މަހެއްހާ ދުވަސް ކުރިން ކުއްޖާގެ ބައްޕަ ވަނީ އެކުއްޖާ އޭނާގެ ބެލުމުގެ ދަށަށް ގެންގޮސްފައި." އެރަށުން ވާހަކަ ދެއްކި މީހަކު ބުންޏެވެ.

މުލަކު ރައްޔިތުންގެ އެންމެ ބޮޑު ކަންބޮޑުވުމަކީ މާމަ އާއި މަންމަގެ ފަރާތުން އަނިޔާ ލިބޭ ކަމަށް ކުއްޖާ ތަކުރާރުކޮށް ބުނެބުނެ އޮއްވާ އެކުއްޖާ އެމީހުންނާއި ހަވާލުކުރުމެވެ.

މުލަކު މީހުން މިގެން ބުނި ނަމަވެސް ތިމަރަފުށީ މީހުންގެ ވާހަކަ ތަފާތެވެ.

ތިމަރަފުށީގައި ހުރި ކުއްޖާ ދައުލަތުގެ ބެލުމުގެ ދަށަށް ގެންދަން މަސައްކަތް ކުރަނީ ނުފޫޒުގެ ސަބަބުން ކަމަށް އެރަށު މީހުން ބުނެއެވެ.

ކުއްޖާގެ މަންމަގެ އާއިލާ މީހަކު "ވަގުތުުުުުުުު"އަށް ބުނެފައި ވަނީ ކުއްޖާގެ މަންމަ އާއ ދަރިފުޅު ކުއްޖާ އަށް އަނިޔާ ނުކުރާ ކަމަށާ، އެ ވާހަކަތައް ދައްކާފައި ވަނީ އޮޅުވާލައިގެން ކަމަށެވެ.

"މިއަދު ޖެންޑާއިން އެ ކުއްޖާ ގެންދަން އުޅެނީ ދޮގު ވާހަކަތަކަކާއި ހުރެ. އެ ކުއްޖާ މިހަރުވެސް ރޮނީ މާމަ ކައިރިން ގެންދާތީ. މައި ލަގޮނޑިއަކަށް ކެތް ވާނެތަ މަންމައާޢި ވަކި ކުރަން އެ އުޅެނީ. އެއީ ހުސް ދޮގު. ކުއްޖާޣެ މާމަ ކުއްޖާ އަށް އަނިޔާ ކުރާ ކަމަށް ބުނެ ދައްކަނީ އެއްވެސް ހަގީގަތެއް ހުރި ވާހަކައެއް ނޫން." އޭނާ ކިޔާދިނެވެ.

ޖެންޑާއިން އެއްވެސް ކުޑަކުއްޖަކު އެ ވުޒާރާގެ ބެލުމުގެ ދަށަށް ނަގާކަން ކަށަވަރުކޮށްދެއްވާފައެއް ނުވެއެވެ. ނަމަވެސް ކުޑަ ކުއްޖާގެ މައްސަލައިގައި ބައްޕަ އާއި މަންމަގެ އާއިލާއިން އެއް ބަޔަކު އަނެއް ބަޔަކަށް ކުރަނީ ސީރިއަސް ތުހުމަތުތަކެކެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. Anonymous

    ދައުލަތުން ކުޑަކުދިން ނުބެލެހެއްޓިގެން އުޅޭއިރު ކުދިން މައިން ބަފައިން އަދި އާއިލީ ލޯބީން މަހަރޫމް ކުރުމަށްފަހު ތިޔަ ފޭރޭ ފޭރުން ހުއްޓާލުމަށް ގޮވާލާން. އެކުދިންގެ އާއިލާ ގައި ތިބޭނެ އެކުދިން ބަލަހައްޓަން ބޭނުންވާ މެމްބަރުން.

    22
    1
  2. ޣަނީ

    ދެން އެކުންޖާއަށް ކަމެއްވީމަ ބުނާނެ ޖެއްޑާއިން ކުއްޖާ ނުނެގީ ކީއްވެހެއްޔޭ. ދިވެހިންނަށް ނެތް ރަނގަޅު އެއްގޮތަ ވެސް

    4
    1