ގައުމުގެ އުފެއްދުންތެރިކަން އިތުރުކުރެވޭނީ ޒުވާނުން ބާރުވެރިކޮށްގެން ކަމަށާއި ޒުވާނުނަށް ފުރުސަތު ފަހިކޮށްދީގެންކަމަށް ޔޫތު މިނިސްޓަރ އިރުތިޝާމް އާދަމް ވިދާޅުވެއްޖެއެވެ.

މިނިސްޓަރ އިރުތިޝާމް މިހެން ވިދާޅުވީ އަޒައިބައިޖާންގެ ބަކޫގައި އޮތް އިސްލާމިކު ކޮންފަރެންސް އޮފް ސްޕޯޓްސް އެންޑް އިސްލާމިކް މިނިސްޓާސްގެ ހަތަރު ވަނަ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުންނެވެ.

މި ބައްދަލުވުމުގައި ވާހަކަ ދައްކަމުން ޔޫތު މިނިސްޓަރ އިރުތިޝާމް ވިދާޅުވީ ޒުވާނުން ބާރުވެރިކުރުވުމަށް ސަރުކަަރުން ދަނީ ބޮޑު ހޭދައެއް ކުރަމުން ކަމަށެވެ.

"ޖިއެގްރަފީ ގޮތުން ރާއްޖޭގެ ރަށްތައް އުފެދިފައިވާ ގޮތުން ޒުވާނުނަށް ވަޒީފާގެ ފުރުސަތު, ސިއްހީ ފަރުވާ, އަދި ކުޅިވަރުގެ ފުރުސަތުތަކާއި ޒުވާނުން ހައްދުފަހަނައަޅައި ދިޔުން ފަދަ ނުރަގަޅު ވިސްނުންތަކުން ދުރުކުރުމަކީ ސަރުކާރަށް ކުރި މަތިވެފައިވާ ބޮޑު ގޮންޖެހުމެއް" މިނިސްޓަރ ވިދާޅުވިއެވެ.

ޔޫތު މިނިސްޓަރ އިރުތިޝާމް

ރާއްޖޭގެ އާބާދީގެ 46 އިންސަތަ އަކީ ޒުވާނުން ކަމަށް ފާހަގަ ކުރައްވައި މިނިސްޓަރ އިރުތިޝާމް ވިދާޅުވީ ސަރުކާރުގެ އަމާޒަކީ ޒުވާނުން ވީހާވެސް ބޮޑަށް ތަރައްގީގެ އެކި ކަންކަމުގައި ބައިވެރިކުރުވުން ކަމަށެވެ.

"ރައީސް ޔާމީން ސަރުކާރުން ވަނީ ޒުވާނަށް އާމަން ވެއްޓެއް ގާއިމުކުރުމުގެ ސިޔާސަތުގެ ދަށުން ޒުވާނުންނަށް އެކި ކަހަލަ ކުޅިވަރުގެ ފުރުސަތު ތަކާއި ސްޕޯޓްސް އެރީނާ އަދި ފުޑްސަލް ދަނޑުތަކާއި ގައުމީ އަދި ބައިނަލްއަގުވާމީ އެކި މުބާރަތް ތަކުން ޒުވާނުންނަަށް ފުރުސަތު ހޯދާދީފައި" މިނިސްޓަރ ވިދާޅުވިއެވެ.

ޒުވާނުން ބާރުވެރިކުރުވުމުގެ ސިޔާސަތުގެ ދަށުން ޒުވާނުންނަށް ހާއްސަ ލޯން ތަޢާރަފް ކުރުމާއި ޒުވާން ވިޔަފާރިވެރިން އުފެއްދުމަކީ ސަރުކާރުގެ އަމާޒެއް ކަމަށް މި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މިނިސްޓަރ ވިދާޅުވިއެވެ.

"ސަރުކާރުން ޒުވާނުންނަށް ފަޒީފާގެ ފުރުސަތު ހޯދައި ދޭން ވި ވައުދުގެ ޓާގެޓް އަށް ވަނީ ވާސިލުވެފައި, އެންމެ ފަހުގެ ތަފާތު ހިސާބު ތަކުން ދައްކާ ގޮތުގައި 104,000 ވަޒީފާވަނީ އުފެދިފައި" މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ ޒުވާނުންގެ ކުރިއެރުވުމަށް ދިވެހި ތާރީޚް ދުވަހަކުވެސް ދެކެފައިނުވާފަދަ ބޮޑެތި ކުރިއެރުންތައް ހޯދާ އެކަމަށް މަގުފަހި ކޮށްދީފައިވާ ކަމަށެވެ.

އަޒައިބައިޖާންގެ ބަކޫގައި އޮތް އިސްލަމިކު ކޮންފަރެންސް އޮފް ސްޕޯޓްސް އެންޑް އިސްލާމިކް މިނިސްޓާސްގެ ހަތަރު ވަނަ ބައްދަލުވުމުގައި ޔޫތު މިނިސްޓަރ އިރުތިޝާމް އާދަމް އެކު އެ މިނިސްޓްރީގެ ކޯޑިނޭޓަރ އަހުމަދު އިބްރާހިމް ވެސް ބައިވެރިވަޑައިގެންނެއްވިއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ގޮޅާބޯ

    ހައްދުފަހަނަ އެޅުމަކީ އެކަމަކަށް އޮންނަ އިން ފަހަނައަޅާ ދިއުން. ނަމަވެސް މުޖުތަމަޢު ގައި މިބަސް ބޭނުން ކޮށް އުޅެނީ ދީނީ ގޮތުން ހައްދުފަހަނައެޅުމަށް. ނަމަވެސް ދީނުގައި ޙަރާމް ކަންތައްތައް ކުރުމުގައިވެސް ހައްދުފަހަނަ އަޅާ ހިގައިދާނެ. ޙަޤީގަތައްބުނާނަމަ މިރާއްޖޭގައި ދީނީ ގޮތުން ހައްދުފަހަނައަޅާ ގޮއްސަ ތިބިމީހުންނަށްވުރެ، ނަމާދު އެޅުމާއި، ޒިނޭކުރުމާއި، މަސްތުވުމާއި މިކަހަލަ ލާދީނީ ކަންކަމުގައި ހައްދުފަހަނަ އަޅާ ގޮއްސަތިބިމީހުން ގިނަވާނެކަމީ ފެންނަން އޮތް ޙަޤީޤަތެކެވެ. ނަމަވެސް ހައްދުފަހަނަ އެޅީއޭ ބުނެފިނަމަ މިބަސް ފޯކަސްވަނީ އެހެން ބަޔަކަށެވެ.