ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ އެޑްމިނިސްޓްރޭޓާ ހަސަން ސައީދުގެ މައްޗަށް ދައުލަތުން އުފުލާފައިވާ ޤާނޫނު ހިންގުމަށް ހުރަސް އެޅުމުގެ މައްސަލައިގެ ފުރަތަމަ އިބްތިދާއީ އަޑުއެހުމުގައި ދައުލަތާއި ހަސަން ސަޢީދުއާއި ދެމެދުގައި ބޮޑު ދެބަސްވުމެއް އުފެދި ބޮޑު ބަހުސްއެއް ކުރެވިއްޖެއެވެ.

މި މައްސަލައިގެ އިބްތިދާއީ ފުރަތަމަ އަޑު އެހުމަށް ހަސަން ސަޢީދުގެ ފަރާތުން 6 ވަކީލުން ކޯޓަށް ވަޑައިގެންނެވި ނަމަވެސް، މައްސަލަ ބައްލަވާ ގާޒީ ޢަލީ އާދަމް އެންގެވީ ޝަރީއަތުގައި ވާހަކަފުޅު ދެއްކެވޭނީ ދެ ވަކީލުންނަށް ކަމަށެވެ. މިކަމާ ގުޅިގެން ދެބަސްވުމެއް އުފެދުނު ނަމަވެސް ވަކީލުންގެ މެދުގައި މަޝްވަރާ ކުރުމަށްފަހު ނިންމީ ޝަރީއަތުގެ މަޖިލީހުގައި ހަސަން ސައީދުގެ ދިފާއުގައި ވަކާލާތު ކުރައްވާނީ ހިސާން ހުސެއިންނާއި ނޫރުއްސަލާމް އަބޫބަކުރު ކަމަށެވެ.

ޝަރީއަތުގެ އިބްތިދާއީ މަޖިލިސް ފެށުމާއެކު ހަސަން ސައީދުގެ ދިފާއީ ވަކީލު ނޫރުއްސަލާމް ވިދާޅުވީ ދައުވާއާއި ގުޅޭ ގިނަ ލިޔެކިޔުންތަކެއް މަދު ކަމަށާއި އެ ލިޔުންތައް ހާމަކުރުމަށެވެ. ނަމަވެސް ދައުލަތުގެ ވަކީލުން ވިދާޅުވީ ދައުވާ ފޯމްގައި ބައެއް ލިޔެކިޔުންތައް ހިމަނާފައި ނުވަނީ، އެ ލިޔެކިޔުންތަކުގައި ހެކިންގެ ޒާތީ މައުލޫމާތު ހިމެނޭތީ ކަމަށާއި، އެފަދަ ލިޔެކިޔުންތަކަކީ އެއްވެސް އިރެއްގައި ދިފާއަށް ހާމަކުރާ މައުލޫމާތުތަކެއް ނޫން ކަމަށެވެ.

ދައުލަތުގެ ޖަވާބާއި ގުޅިގެން ޖިނާއީ އިޖުރާއަތުގެ ޤާނޫނާ ހަވާލާދީ ހަސަން ސައީދުގެ ދިފާއީ ވަކީލު ވިދާޅުވީ ޝަރީއަތުގައި ލިޔެކިޔުންތައް ސިއްރުކުރުމަށް ކޯޓުއަމުރެއް ނެތި އެއްވެސް ލިޔުމެއް ސިއްރު ނުރުރެވޭނެ ކަމަށާއި މައްސަލަ ކުރިއަށް ގެންދެވޭނީ ވަގުތީ އަމުރެއް ވިޔަސް އޮވެގެން ކަމަށެވެ.

ކޯޓު އަމުރެއް ނެތި ދައުލަތުން ދިފާއަށް ސިއްރު ކުރި ހެއްކާއި ގުޅޭ ލިޔެކިޔުންތަކުގެ މައްސަލައިގައި ބޮޑު ދެބަސްވުމަކަށް ދިއުމާއެކު، ގާޒީ ވަނީ ދައުލަތުން ސިއްރުކުރުމަށް އެދިފައިވާ ލިޔުންތައް ސިއްރުކުރުމަށް ވަގުތީ އަމުރެއް ނެރެދެއްވާފައި އެވެ.

އިތުރަށް ދެބަސްވުން އުފެދިފައިވަނީ ޖުޑިޝަލް އެޑްމިނިސްޓްރޭޓަރ ހަސަން ސައީދު ފުލުހަށް ހާޒިރިވުމަށް ޗިޓު ލިބިފައިނުވާކަމަށް އޭނާގެ ދިފާއު ވަކީލުން ފާހަގަކުރުމާއެކުގައެވެ. ދިފާއީ ވަކީލު ވިދާޅުވީ ހަސަން ސައީދު ފުލުހަށް ހާޒިރުވާން ޗިޓް ފޮނުވާފައި ނުވާކަމަށާއި، އޭނާ ހައްޔަރުކުރުމުގެ އަމުރެއް ކްރިމިނަލް ކޯޓުން ނެރެފައިވީ ނަމަވެސް އެ އަމުރު ސުޕްރީމް ކޯޓުން ބާތިލްކޮށްފައިވާތީ އެކަމަށް ތަބާވާން ނުޖެހޭ ކަމަށެވެ. މި ވާހަކަތަކުގެ ރައްދުގައި ދައުލަތުގެ ވަކީލު ވިދާޅުވީ ހަސަން ސައިދުއަށް ޗިޓް ހަވާލުކުރުމަށް އޭނާގެ ގެއަށް ފުލުހުން ފޮނުވި ކަމަށާއި، ނަމަވެސް ހަސަން ސައީދު އޭރު އެ ގޭގައި ނޫޅުއްވާ ކަމަށެވެ. އޭގެފަހުން އޭނާ ހޯދުމަށް ފުލުހުން އިއުލާންކުރި ނަމަވެސް ހަސަން ސައީދު ފުލުހަށް ހާޒިރުވެފައި ނުވާކަމަށްވެސް ދައުލަތުން ކޯޓުގައި ވިދާޅުވިއެވެ.

ކުރެވުނު ދިގު ބަހުސްތަކަށްފަހު ހަސަން ސައީދު ބުނެފައިވަނީ ދައުލަތުން އޭނާގެ މައްޗަށް ކުރާ ޤާނޫނު ހިންގުމަށް ހުރަސް އެޅުމުގެ ދައުވާގައި ދޮގު މަޢުލޫމާތު ހިމެނޭކަމަށާއި، ދައުވާ ސާފުނުވާކަމަށް އަދި ދައުވާއަށް އިންކާރުކުރައްވާކަމަށެވެ.

ޝަރީއަތުގެ މަޖިލީހުގައި ހުރިހާ ކަމެއްގައިވެސް ބޮޑެތި ބަހުސެތަކެއް ކުރެވި 2 ގަޑިއިރަށް ދެމިގެންދިޔަ މި އަޑުއެހުމުގައި ވަގުތު ބޭކާރު ނުކުރުމަށް ގާޒީ އަލީ އާދަމް ތަކުރާރުކޮށް ދިފާއީ ވަކީލުންގެ ކިބައިން އެދެމުން ދިޔަކަން ފާހަގަކޮށްލެވެއެވެ.

މިމައްސަލައިގެ އަޑު އެހުމެއް ދެން ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ 23 ވާ ބުދަ ދުވަހުގެ 11:00 ގައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޒާ

    ތިކަމުގައިވެސް ޙަސަން ސަޢީދު އެއުޅެނީ ގޮތް ދައްކަން ކަން ފާހަގަ ކުރަން. އަދި ޖަދަލު ކޮށްގެން ކުރިހޯދޭނެ ކަމަށް އޭނާ ހީކުރަނީ އޭނާ ކުރިން ހުރި މަގާމުގެ ގޮތުން. ބަހައްޓާ ޝަރީޢަތް ދިގުދައްމާ ވަގުތު ނަގާލަން. ހަމަ އޭނާ ޖަލުގައި ހުންނަންޖެހޭނީ. އޭނާގެ ބާރާއި ނުފޫޒުގައި އުއްތަމަ ފަނޑިޔާރާއި ގުޅިގެން އޭރު ފިލައިގެން އުޅުނުކަން އެންމެންވެސް ގަބޫލުކުރޭ.