ދުނިޔޭގެ އެކި ގައުމުތަކުގައި ހަލުވި ކަމާއި އެކު ފެތުރެމުން އަންނަ ކޮރޯނާ ވައިރަހާއި ގުޅިގެން އިތުރު ދިވެއްސަކު ކަރަންޓީން ކޮށްފިއެވެ.

ހެލްތު މިނިސްޓްރީން ބުނީ އެމީހާ ރާއްޖެ އައިސްފައި ވަނީ މި މަހުގެ ހަވަނަ ދުވަހުގައި ކަމަށެވެ. ހަމަ އެ ދުވަހު ސަރުކާރުން ވަނީ އިތުރު ދެ މީހަކު ކޮރޯނާ ވައިރަހާއި ގުޅިގެން ކަރަންޓީން ކޮށްފައިވާ ކަމަށް ބުނެފައެވެ. ނަމަވެސް މިހާރު ކަރަންޓީން ކޮށްފައިވާ މީހާ ރާއްޖެ އައިސްފައިވަނީ ސަރުކާރުން އެކަން އިއުލާން ކުރުމަށްފަހުއެވެ.

އެނގިފައިވާ ގޮތުގައި މި މީހާ ރާއްޖެ އަށް އައިސްފައިވަނީ ޗައިނާގެ ވެރިރަށް ބެއިޖިން އިންނެވެ. އެމީހާ މިހާރު ހުރީ ކަރަންޓީން ކޮށްފައެވެ. ނަމަވެސް އެމީހާ ކަރަންޓީން ކޮށްފައި ހުރި ނަމަވެސް އެމީހާގެ ގައިން ކޮރޯނާ ވައިރަހުގެ އެއްވެސް އަލާމާތެއް ފެނިފައި ނުވާ ކަމަށް ހެލްތު މިނިސްޓްރީން ބުނެއެވެ. އަދި އެމީހާ ކަރަންޓީން ކޮށްފައިވަނީ ޑަބްލިއު އެޗްއޯގެ މިންގަނޑުތަކުގައިވާ ގޮތުގެ މަތިން ކަމަށްވެސް ހެލްތު މިނިސްޓްރީން މައުލޫމާތުދެއެވެ. އެހެންކަމުން އެމީހާވެސް 14 ދުވަހުގެ ކަރަންޓީނެއް ކުރަންޖެހޭނެއެވެ.

މީގެކުރިންވެސް ކޮރޯނާއާ ގުޅިގެން ކަރަންޓީން ކޮށްފައިވާ ދެ މީހުން ކަރަންޓީންކޮށް ބަހައްޓާފައި ވަނީ ހުޅުމާލެ ދެވަނަ ފިޔަވަހި ކައިރީގައި އޮންނަ ފަރުކޮޅު ފުށީގައެވެ. އިތުރަށް ކަރަންޓީނުގައި ބެހެއްޓި މީހާވެސް ކަރަންޓީނު ކޮށްފައި ބަހައްޓަނީ ހަމަ އެތަނުގައެވެ.

ކޮރޯނާއާ ގުޅިގެން މީގެކުރިން ހަތް މީހަކު ކޮރޯނާއަށް ޓެސްޓުކުރިއެވެ. އެހެންނަމަވެސް އެއިން އެކަކުވެސް ކޮރޯނާއަކަށް ޕޮޒިޓިވްއެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޖ

    ޖައުސާ ޖައުފަރު ވެސް ހުރީ ވުހާން ސިޓީގަ. މިހާރު ކޮބާ އޭނާ؟

    13
  2. އަރީ

    އަޖައިބުކަމީ ހަމަ އެކަނި ދިވެހިންނާއި ބިކިނީ ގަތިބޭ ފަތުރުވެރިން އެކަނި ކަރަންޓީން ކުރާތީ

    7
    2